މަރުގެ އަދަބު ފަދަ ބައެއް ބޮޑެތި އަދަބުތައް ބައެއް ކަހަލަ ކުށްތަކަށް ކަނޑައަޅަނީ ކޮންމެހެން އަދަބު ދޭ ހިތުން ނޫން ކަމަށާ އެއީ އެބަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން އެފަދަ ކަންކަން ކުރަން ފަސްޖެހޭނެތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާއި ބައްދަލު ކުރައްވަން ހުކުރު ވިލޭރޭ ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބައެއް ކުށްތަކަށް މަރުގެ އަދަބު ފަދަ އަދަބުތައް ކަނޑައެޅިއަސް ބޭނުން ވަނީ ކޮންމެހެން މީހުންނަށް އަދަބެއް ދޭން ނޫން ކަމަށެވެ.
އެގޮތުން ޑްރަގް ވިޔަފާރި ކުރާ މީހުންނާ އެ އެތެރެ ކުރާ ފަރާތްތަކުގެ އަދަބު ހަރުކަށި ކުރަން ގާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިހާރު މަޖިލީހުން ފާސް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ގާނޫނާ އެއްގޮތް ވާ ގޮތުގެ މަތިން ކަންކަން ބަލައި، މީހުންނަށް އަދަބު ދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނަމަވެސް އެފަދަ ކަންކަން ނިންމަނީ ކޮންމެހެން މީހުންނަށް ބޮޑެތި އަދަބު ދޭ ހިތްވާތީ ނުވަތަ އެކަން ބޭނުންވާތީ ނޫން ކަމަށް ރައީސް ތަކުރާރު ކޮށް ވިދާޅުވި އެވެ. އެގޮތުން އިސްލާމް ދީނުގައި ވެސް ބޮޑެތި އަދަބު ތައް ކަނޑައެޅިފައި ވަނީ ކުށް ކުރާ މީހުން މަދު ކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެން ބޭނުންވަނީ އަދަބެއް ދޭކަށް ނޫން. މިކަހަލަ އަދަބުތައް ކަނޑައެޅީމަ އެކަން ކުރާނެ މީހުން މަދުވާނެ. ދީނުގަ ވެސް އެކަން އޮންނަނީ އެހެން. އަދަބުތައް ކަނޑައަޅާފަ އޮންނަނީ ޑިޓަރެންޓެއް ގެ ގޮތުގަ. އެކަން ކުރުން މީހުން ހުއްޓުވުމަށްޓަކައި އޮންނަނީ މިކަހަލަ އަދަބުތައް. އެއީ އަދަބު ދޭ ހިތުން ނޫނީ ދޭން ބޭނުން ވެގެން ކުރާ ކަމެއް ނޫން. އެކަމު އަދަބެއް ދޭން ޖެހިއްޖެ މީހަކަށް ދޭނީ. އެކަހަލަ ބޮޑެތި އަދަބުތައް ކަނޑައެޅީމަ ޑްރަގް އެތެރެކުރުން ހުއްޓޭނީ. އެއީ ބޭނުމެއް ނުވާނެ މަރުގެ އަދަބު ލިބޭކަށް.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު![]()
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެތީ ގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގަ އެވެ.
ބިލުގައި ވާގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ކަނޑައެޅިދާނެ އެވެ. އަދި އެ އަދަބު ކަނޑައެޅޭނީ ސުޕްރީމް ކޯޓުގެ ފަޑިޔާރުންގެ ބެންޗުގައި ތިއްބާވާ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށް ބިލުގައި ފާހަގަ ކޮށްފައި ވެއެވެ.
އެންމެ ފަނޑިޔާރަކު ވެސް މަރުގެ އަދަބު ދޭން ދެކޮޅު ހަދާ ނަމަ އެމީހަކަށް ދޭނެ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު، 1 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެއީ މިހާރު ވެސް ގާނޫނުގައި ބަޔާން ކުރާ އަދަބެވެ.
މަރުގެ އަދަބު ކަނޑައެޅޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ކަން ފާހަގަކޮށް ބިލުގައި އެ ތިން ޝަރުތު ބަޔާން ކޮށްފައި ވެއެވެ. އެގޮތުން މީހަކަށް އެ އަދަބު ކަނޑައެޅޭނީ އެ މީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވާނަމަ އެވެ.
ނުވަތަ އެތެރެ ކޮށްފައި ވަނީ 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމަށް ވުން ނުވަތަ ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ އެކެއްގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން ކަމަށް ބިލްގައި ވެއެވެ. ޖަދުވަލު އެކެއްގައި 139 ބާވަތެއްގެ މަސްތުވާތަކެތި ހިމެނެ އެވެ.
މީގެ އިތުރުން މަރުގެ އަދަބު ދެވޭނީ އެ މީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އޭނާ ރާއްޖެއަށް އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާނަމަ ކަމަށް ވެސް ބިލުގައި ބަޔާން ކޮށްފައި ވެއެވެ.