ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 18:59
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު
ޕޮލިސް
ފުލުހުންގެ މަސައްކަތްތައް
ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ
17 ނޮވެމްބަރުން ފެށިގެން 20 އޮކްޓޯބަރގެ ނިޔަލަށް 170 އަށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ
މާލެ އާއި އަތޮޅުތަކުގައި 155 އޮޕަރޭޝަން ހިންގާފައިވޭ
ލެ ސަރަހައްދުގެ 21 ތަނެއްގައި ފުލުހުން 24ގަޑިއިރު ހަރަކާތްތެރިވަމުންދާނެ

ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަދައިން ވިދާޅުވީ އަންގާރަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

މިހާރު މާލެ ސަރަހައްދުގައި ކުރަންފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ސީޕީ ވަނީ މައުލޫމާތުދެއްވާފައެވެ. ފުލުހުންނާއި ދެކޮޅަށް ނުވަތަ ފުލުހުން އަމަލުކުރާއި ގުޅޭގޮތުން އެ އިދާރާ އަށް ހުށަހަޅާ މައްސަލަތައް އާއްމުކޮށް މީޑިއާ އަށްހާމަ ނުކުރި ނަމަވެސް އެހެނިހެން މައްސަލަތަކުގައި މީޑިއާތަކަށް މައުލޫމާތު ދޭ އުސޫލުން ފުލުހުންނާއި ބެހޭ ގޮތުން ހުށަހަޅާ މައްސަލަތަކުގެ މައުލޫމާތު ހާމަކުރަން ނިންމާފައިވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުށަހަޅާފައިވާ މައްސަލަތައް ބަލާ، 48 ފުލުހަކަށް ވަނީ ފިޔަވަޅު އަޅާފަވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އޭގެ ތެރެއިން 17 ފުލުހުން ވަޒީފާއިން ވަކިކޮށްފައި ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ޑްރަގްގެ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. 17 ނޮވެމްބަރުން ފެށިގެން 20 އޮކްޓޯބަރގެ ނިޔަލަށް 170 އަށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި 8300 އަށް ވުރެ ގިނަ ބަނގުރާ ފުޅި އަދި ދަޅު އަތުލައިގަތް ކަމަށް އޭނާ ވިދާޅުވިއެވެ. އެތަކެތީގެ އަގަށް ބަލާ ނަމަ އޭގެ މަގުމަތީ އަގު 328 މިލިއަނަށް އަރާ ކަމަށް ސީޕީ ވިދާޅުވިއެވެ.

330 މައްސަލަ ތަހުގީގުކޮށް ނިންމާ ޕީޖީ އޮފީހަށް ފޮނުވާފައިވާނެ. މާލެ އާއި އަތޮޅުތަކުގައި 155 އޮޕަރޭޝަން ހިންގާފައިވާނެ އަދި 12000 އަށް ވުރެ ގިނަތަން ބަލާ ފާސްކޮށް، މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން 900 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާނެ. އަދި މިކަމުގަ އުޅޭ ބިދޭސީންގެ ތެރެއިން މީހުން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާނެ.
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު

މީގެ އިތުރުން އަމަން ބެލެހެއްޓުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ސީޕީ ވިދާޅުވީ މާލެ ސަރަހައްދުގައި މަގުތައް ތޮއްޖެހި ޓްރެފިކް އެކްސިޑެންޓުތައް އާދަޔާއި ޚިލާފަށް ގިނަވުމުން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ފުލުހުންގެ އަދަދު އިތުރުކޮށްފައިވާ ކަމަށާއި މާލެ ސަރަހައްދުގެ 21 ތަނެއްގައި ފުލުހުން 24ގަޑިއިރު ހަރަކާތްތެރިވަމުންދާ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ. އެކަމުގެ މަޤްސަދަކީ ޓްރެފިކް ކޮންޓްރޯލްކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުން ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށް ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފުލުހުންގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އެގޮތުން ދެ ތަނެއްގައި ފުލުހުންގެ ޓްރެއިނިންގެ ޚިދުމަތްތައް ދެމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.


Advertisement
- ކޮމެންޓް