ސްޕެއިންގެ މަޖޯކާގައި، ގަސްތުގައި އެހެން މީހުންނަށް ކޮވިޑް ފަތުރަން މަސައްކަތް ކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އުމުރުން 40 އަހަރުގެ މި މީހާ ވަނީ ކޮވިޑް-19 ގެ އަލާމަތްތައް ހުރިކަން އެނގިހުރެ ވަޒީފާއާއި ޖިމްއަށް އެތައް ފަހަރެއްގެ މަތިން ގޮސްފައެވެ. އޭރު ކެއްސުމާއި، ގަދައަށް ހުން އައުންފަދަ ކޮވިޑްގެ އަލާމަތްތައް އޭނާގެ ހަށިގަނޑުގައި ހުއްޓެވެ. އެ ޙާލަތުގައި ހުރެ މި މީހާ ވަނީ މާސްކް ނަގައިގެން އެހެން މީހުންނާ ދިމާއަށް ކެއްސައި، އެމީހުންނަށް ކޮވިޑު ޖައްސާނެކަމަށް ބުނެ ސަމާސާ ކޮށްފައެވެ. އަދި ޓެސްޓު ހެދުމަށްފަހު ނަތީޖާ ނުލިބެނީސް އޭނާ ވަނީ އެތައް ބަޔަކާ ކޮންޓެކްޓުވެފައެވެ.
އެންމެފަހުން އޭނާ މަސައްކަތް ކުރާ ތަނުން އެކަނިވެސް 5 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭނާ އާންމުކޮށް ގޮސްއުޅޭ ޖިމުން 3 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާގެ ފަރާތުން 22 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެ ތެރޭގައި އޭނާގެ ގާތްތިމާގެ މީހުންނާއި ރައްޓެހިން ވެސް ހިމެނޭކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.
ފުލުހުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާގެ މައްޗަށް ވަނީ މީހެއްގެ މައްޗަށް އަނިޔާވެރި ވުމުގެ އަމަލެއް ހިންގުމުގެ ތުހުމަތު ކޮށްފައެވެ.
ސްޕެއިން އިން މިހާތަނަށް 3.4 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް 77،500ށް ވުރެ ގިނަ މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.