ކޮވިޑް-19 އާއި ގުޅިގެން އެތައް ގައުމެއް ލޮކްޑައުންކޮށް، ބޯރޑަރުތައް ބަންދުކޮށް އިންސާނުންގެ މިނިވަންކަން ވަނީ ޒާތަކަށް ނިގުޅައިގެނެްފައެވެ. ކޮވިޑްގެ މި ޕެންޑަމިކް ތެރޭގައި ދުނިޔެ އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިހާރު ވަނީ ގައުމުތަކުގައި ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ދޭންފަށާފައެވެ. އެއާއެކު ވެކްސިން ޕާސްޕޯޓްގެ ވާހަކަތައް ވަނީ ފެންމަތިވެފައެވެ.
ކޮވިޑް-19ން އަރައިގަތުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތުގައި ވަކިން ޚާއްސަކޮށް އިގްތިސާދު ހުޅުވާލުމަށް ދުނިޔެއަށް ދެން އޮތް ގޮތަކީ ވެކްސިން ޕާސްޕޯޓުކަމަށް ގިނަ ގައުމުތަކުން އަންނަނީ ގަބޫލުކުރަމުންނެވެ. މިވިސްނުމުގައި މިހާރުވެސް ބައެއް ގައުމުތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. ޗައިނާ، ބަހްރެއިން ފަދަ ގައުމުތަކުން ވަނީ އަމިއްލަ ވެކްސިން ޕާސްޕޯޓެއް ތައާރަފްކޮށްފައެވެ.
ކުރިޔަށް އޮތްތަނުގައި އިގްތިސާދީ ގޮތުން ބޮޑަށް އަސަރުކޮށްފައިވާ ދާއިރާތައް ކަމުގައިވާ ހޮސްޕިޓާލިޓީ ފަދަ ދާއިރާތަކުގައި މިޕާސްޕޯޓް ބޭނުންކުރުމުގެ ވިސްނުމެއް އަންނަނީ ގެންގުޅެމުންނެވެ.
ބައެއް ގައުމުތަކުން އަންނަނީ ވެކްސިން ޕާސްޕޯޓެއް ތައާރަފްކުރާނެތޯ އާއި އެކަމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ ކޮންގޮތަކަށްތޯ ވިސްނަމުންނެވެ. މިކަމުގައި ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ގައުމުތަކުން ދެކެއެވެ.
ވެކްސިން ޕާސްޕޯޓަކީ ކޮބާ؟
ވެކްސިން ޕާސްޕޯޓަކީ ކޮބައިކަން އެންމެ ފުޅާކޮށް ބުނާނަމަ ބުނެވޭނީ އެއީ ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖަހާފައި ހުރިކަން އަންގައިދޭ ލިޔުމެއް ކަމުގައެވެ. މިލިޔުން އެކި ގޮތްގޮތަށްވެސް މާނަކުރެވިދާނެއެވެ. ސޮއިކޮށްފައި އޮންނަ ނުވަތަ ތައްގަނޑު ޖަހާފައި އޮތް ލިޔުމެއް ނުވަތަ ފޯނުން ދައްކާލާ ކިޔުއާރު ކޯޑަކަށްވެސް ވެދާނެއެވެ.
ކޮންމެ ގޮތަކަށް ވެކްސިން ޖަހާފައި ހުރިކަން އަންގައިދިން ނަމަވެސް މިއީ ކުރިޔަށް އޮތްތަނުގައި ބައިނަލްއަގްވާމީ ދަތުރުތައް ކުރުމުގަޔާއި ތިއޭޓަރުތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނުން މީހުންނަށް ޚިދުމަތް ދިނުމުގައި ބަލާފާނެ ކަމެއްކަމަށް އިނގިރޭސިވިލާތުގެ ބައޯއެތިކްސް ކައުންސިލްގެ ޗެއަތ ޑޭވް އަރޗަރޑް ވިދާޅުވިއެވެ.
ޑޭވް ވިދާޅުވާ ގޮތުންނަމަ މިކަމަކީ ކުރިޔަށް އޮތްތަނުގައި ތަފާތުކުރުން ތަކެއް ގެންގުޅޭނެކަމަކަށް ވެގެންދާނެއެވެ. އެގޮތުން އިޖުތިމާއީ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދޭ ކަމެއްގެ އިތުރުން ގައުމުގެ އެތެރޭގައި ދަތުރުކުރުމުގައި ބަލާނެކަމަކަށްވެސް ވެކްސިން ޕާސްޕޯޓް ނުވަތަ ވެކްސިން ސެޓްފިކެޓް ވެގެންދާނެއެވެ.
ވެކްސިން ޕާސްޕޯޓް ބޭނުންކުރުމާމެދު މަޝްވަރާކުރެވެނީ ކީއްވެ؟
ގިނަ ގައުމުތަކެއްގައި ހަލުވިކަމާއެކު ވެކްސިން ދޭން ފެށުމާއެކު ބޯޑަރުތައް ހުޅުވާލައި ބައިނަލްއަގްވާމީ ވައިގެ ދަތުރުތަކަށް ހުޅުވާލުމަށް ވެކްސިން ޕާސްޕޯޓް ބޭނުންކުރުމަށް ގިނަ ގައުމުތަކަކުން އަންނަނީ ވިސްނަމުންނެވެ. އެއީ ކޮވިޑުން ރައްކާތެރިގޮތަކަށް އިގްތިސާދީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް އެކަމުގެ ސަބަބުން މަގުފަހިވެގެންދާނެތީއެވެ. އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރުވެ ލޮކްޑައުންކޮށް ނުވަތަ އެނޫންވެސް ފިޔަވަޅުތަކެއް އަޅަންޖެހިދާނެކަމުގެ ބިރު ފިލާގޮސް ރައްކާތެރި މަގެއް މިކަމުން ފެންނާތީއެވެ.
ވެކްސިން ޖަހާފައިވާކަން އަންގައިދޭ މިލިޔުމާއެކު ޕެންޑަމިކާއެކުވެސް ގައުމުތަކަށް ގިނަ އަދަދެއްގެ ފަތުރުވެރިންނަށް އެތެރެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެއާއެކު ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެ އެންމެ ބޮޑަށް އިނދަޖެހިގެންދިޔަ ހޮސްޕިޓާލިޓީ ފަދަ ދާއިރާތައް އަލުން ފަށައިގަތުމަށް މިކަމުން މަގު ފަހިވެގެންދާނެކަމަށް ބެލެވެއެވެ.
އެހެންނަމަވެސް ހަގީގީ ބޮޑު މަންޒަރަށް ވާހަކަދައްކާނަމަ މިފަދަ ޑޮކިޔުމަންޓަކާއެކު ވެކްސިން ޖަހާފައިވާ މީހުންނަށް އެކަނި މިފުރުސަތުތައް ފަހިވެގެންދިޔުމަކީ ތަފާތުކުރުމަށް ބާރުލިބިގެންދާ ކަމެއްގެ ގޮތުގައި ބެލުމަށް ޖާގައެބައޮތެވެ. އަދި މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތަކަށް މިކަންވާ ކަމަށް ބެލުމުގެ ފުރުސަތުވެސް އެބައޮތެވެ. މީގެއިތުރުން ކޮވިޑް ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅިގެންދާ ހުރަހެއްކަމުގައި މިކަން ވެގެން ހިނގައިދާނެކަމަށްވެސް ދެކެވެއެވެ.
މިހުރީ ހައްތާވެސް ބަހުސްކުރެވެމުންދާ ކަންކަމެވެ.
ވެކްސިން ޕާސްޕޯޓް ބޭނުން ކުރެވެމުންދަނީ ކިހިނެއް އަދި ކޮންކޮންތާކު؟
ވެކްސިން ޕާސްޕޯޓް ބޭނުންކުރުމަކީ ބައިނަލްއަގްވާމީ ގޮތުން އަދި ވަކި އެއްބަސްވުމަކާ ހަމައަށް އައިސް އެރޫހުގައި އަމަލުކުރަން ފަށާފައިވާ ކަމަކަށް ނުވިއަސް ބައެއް ގައުމުތަކުގައި ވަނީ ވެކްސިން ޕާސްޕޯޓް ބޭނުންކުރަން ފަށާފައެވެ.
މިސާލަކަށް އިސްރާއީލްގެ ސަރުކާރުން އަންނަނީ ގްރީން ޕާހުގެ ނަމުގައި ވެކްސިން ޖަހާފައިވާކަން އަންގައިދޭ ސެޓްފިކެޓެއް ދެމުންނެވެ.
މި ފާހަކީ ވެކްސިންގެ ދެ ދޯޒް ޖަހާތާ ހަމަސް ދުވަސް ވަންދެން ބޭނުންކުރެވޭ ގޮތަށް ދޫކުރަމުން އަންނަ ފާހެކެވެ. މިފާސް ބޭނުންކޮށްގެން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނުކުރެވޭ ގިނަ ކަންތައްތަކެއް ކުރުމަށް މަގުފަހިކޮށްދެއެވެ. މިސާލަކަށް ޖިމްތަކަށް ދިޔުމާއި ރެސްޓޯރެންޓްތަކަށް ގޮސް ކެއުން ބުއިން ފަދަ ކަންކަން ކުރުމާއި ތިއޭޓަރ ފަދަ ތަންތަނަށް ވަނުމުގެ ފުރުސަތު ލިބިގެންދެއެވެ.
އަދި މި ފާހާއެކު އެހެން ގައުމުތަކަށް ދަތުރުކުރާއިރު ކަރަންޓީނުވާކަށް ނުޖެހެއެވެ. އެގޮތުން އިސްރާއީލުން މިހާރުވެސް ވަނީ ގްރީސް އާއި ސައިޕްރަސް އާއެކު މިގައުމުތަކަށް ދަތުރުކުރާއިރު މިސެޓްފިކެޓް ދައްކައިގެން ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޗައިނާއިން ވެސް ވަނީ އެގައުމުގެ އަމިއްލަ ވެކްސިން ޕާސްޕޯޓެއް ތައާރަފްކޮށްފައެވެ. މި ސެޓްފިކެޓުން އެމީހަކު ވެކްސިން ޖަހާފައިވާ ގޮތާއި ކޮވިޑް-19 ގެ ޓެސްޓްގެ ނަތީޖާތައް އެނގިގެންދާނެއެވެ.
މިކަމުގެ ސަބަބުން އިގްތިސާދު ހަމައަކަށް އެޅުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް މިގައުމުތަކުން ދެކެއެވެ.
ބަހްރެއިނުންވެސް ވަނީ މިފަދަ ޕާސްޕޯޓެއް ތަޢާރަފްކޮށްފައެވެ. ޑެންމާކުންނާއި ސްވިޑަނުންވެސް ވަނީ އެކަމަށް ތައްޔާރުވެފައެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން ވެސް އަންނަނީ ކުރިޔަށް އޮތް ހޫނު މޫސުމުގައި ޔޫރަޕް މީހުންނަށް ދަތުރުކުރުމަށް މަގުފަހިކުރުމަށް މިފަދަ ޑިޖިޓަލް ސެޓްފިކެޓެއް ތައާރަފްކުރުމަށް ވިސްނަމުންނެވެ.
ވެކްސިން ޕާސްޕޯޓުގެ ފައިދާ އާއި ގެއްލުމަކީ ކޮބާ؟
ވެކްސިން ޕާސްޕޯޓް ތައާރަފްކުރުމަށް ބާރު އަޅާ ފަރާތްތަކުން ބުނާ މައިގަނޑު ވާހަކައަކީ މިކަމުގެ ސަބަބުން މަޑު ޖެހިފައިވާ އިގްތިސާދީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް މަގެއް ފެނުނީ ކަމުގައެވެ.
އެމީހަކީ ވެކްސިން ޖަހައިގެން ކޮވިޑުން ރައްކާތެރިކަން ލިބިފައިވާ މީހެއްކަމުގެ ޔަގީންކަން އެހެން މީހުންނަށް މިޕާސްޕޯޓްގެ ޒަރީއާއިން ލިބިގެންދިޔައީއެވެ.
އެހެންނަމަވެސް މީގައި ދިމާވާ މައްސަލައަކީ އަދިވެސް ދުނިޔޭގެ ހުރިހާ ގައުމަކަށް އެކަށީގެންވާ މިންވަރަށް ވެކްސިން ލިބިފައިނުވުމެވެ. އެހެންކަމުން ވެކްސިން ދިނުމުގެ ކަންކަން އެކި ގައުމުތަކުގައި ކުރިޔަށްދަނީ އެކި މިންވަރަށެވެ.
ހުރިހާ ގައުމެއްގެ ރައްޔިތުންނަށްވެސް އެކަށީގެންވާ މިންވަރަށް ވެކްސިން ފޯރުކޮށްދިނުމަށްފަހު ނޫނީ މިފަދަ ކަމެއް ބައިނަލްއަގްވާމީ ފެންވަރުގައި ފަށައިފިނަމަ ހުޅުވިގެން އެދަނީ ތަފާތުކުރުމެއް ކަމަށް މާހިރުން ދެކެއެވެ.
އަނެއްކޮޅުން މުޅި ދުނިޔެ ގަބޫލުކުރާ ފެންވަރުގެ މިފަދަ ލިޔުމެއް ބޭނުންކުރުމަކީވެސް މުހިންމު ކަމެކެވެ. އެކި ގައުމުތަކުގައި ޖަހަމުން އަންނަނީ އެކި ވެކްސިނެވެ. އަދި ބޭނުންކުރަމުންދާ އެންޓިބޮޑީ ޓެސްޓް ތަކަކީވެސް ތަފާތު ޓެސްޓްތަކެކެވެ. އެހެންކަމުން ބައިނަލްއަގްވާމީ ފެންވަރެއްގައި އެންމެންނަށް ބޭނުންކުރެވޭ މިފަދަ ލިޔުމެއް އުފައްދަންވެސް ދަތިތަކެއް ކުރިމަތިވާނެއެވެ. އެތައް ބިލިއަން ބަޔަކަށް އަދިވެސް ވެކްސިން ލިބިފައިނުވާއިރު އެފަދަ ކަމެއް ފަށައިފިނަމަ އެއީ ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލުކުރެވޭ ފަދަ ޑޮކިޔުމަންޓަކަށް ހަދަން އުނދަގޫތަކެއް ކުރިމަތިވާނެއެވެ.