ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 16:10
ޗައިނާގެ ހޮސްޕިޓަލެއްގައި ޑޮކްޓަރަށް ދައްކަން ގޮސް ތިބި މީހުން މަޑުކޮށްލައިގެން
ޗައިނާގެ ހޮސްޕިޓަލެއްގައި ޑޮކްޓަރަށް ދައްކަން ގޮސް ތިބި މީހުން މަޑުކޮށްލައިގެން
ރޮއިޓާރސް
ޗައިނާގައި ވައިރަސް އިތުރުވުން
ޗައިނާއިން ބުނަނީ ބަލިމަޑުކަން އިތުރުވުމާއި އާ ވައިރަހަކާ ގުޅުމެއް ނެތް ކަމަށް!
 
މި އަހަރުގެ އޮކްޓޯބަރ މަހުން ފަށައިގެން ޗައިނާގައި އިންފްލުއެންޒާއާއި މައޯޕްލާޒްމާ ނިއުމޯނިއާ އިންފެކްޝަންއަށް ޕޮޒިޓިވްވާ ކޭސްތައް ދަނީ އިތުރު ވަމުން

އެއީ މީގެ 4 އަހަރެއްހާ ދުވަސް ކުރިއެވެ. 2019 ވަނަ އަހަރު ނިމެން ދަނިކޮށް، ޗައިނާއިން ރިޕޯޓް ކުރަން ފެށި އަދަޔާ ޚިލާފު އަރިދަފުސް ރޯގާއެއްގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުނެވެ. އަސްލަކީ ކޮބައިކަން އަދާ ޖެހުނުއިރުވެސް ދެނެގަނެވިފައި ނުވާ ވައިރަހަކުން ޖައްސާ ކޮވިޑް-19 ބަލިމަޑުކަމުގައި މުޅި ދުނިޔެ ފުރަބަންދުވެ، ލޯބިވާ އެތައް ބަޔަކާ ތާ އަބަދަށް ވަދާޢީ ސަލާމް ކުރަން މަޖުބޫރު ކުރުވި ހަނދާންތައް އަދި ފިލައިގެން ނުދެއެވެ. އަނެއްކާވެސް ޗައިނާގައި ރޯގާގެ ބަލިމަޑުކަމެއް، ކަންބޮޑުވާ ދަރަޖައަކަށް ފެތުރެމުންދާ ޚަބަރުތައް ފެންމަތިވެ، ކަމާ ބެލޭ ފަރާތްތައް އެލަރޓަށް އަރައިފިއެވެ.

އިންފްލުއެންޒާގެ އިތުރުން، ނޭވާލާ ނިޒާމަށް ޖެހޭ އެނޫންވެސް އިތުރު ބަލިތައް، ޗައިނާގެ ވެރިރަށް ބީޖިންގްގައި އިތުރު ވާން ފެށުމާއެކު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ. ބޭޖިންގގައި މިހާރު ފެތުރެމުންދާ ރޯގާތަކަށް ޕޮޒިޓިވްވާ ކުޑަކުދިންގެ ޢަދަދުތަކާ މެދު އޮފިޝަލުން ކަންބޮޑުވެވަޑައިގަތެއް ކަމަކު، ޗައިނާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އައު ވައިރަހެއް އެ ޤައުމުގައި ފެތުރެމަކުން ނުދެއެވެ.

Advertisement

ބޭޖިންގގައި ހިންގާ ކުޑަކުދިންގެ ހޮސްޕިޓަލުތައް ހިމެނޭ ސަރަޙައްދުތަކަށް ބަލާއިރު، ޢާންމު ދުވަސްތަކަށް ވުރެ ކާރޫބާރޫ ބޮޑެވެ. ހުރިހާ ޢުމުރެއްގެ ކުދިންވެސް ހޮސްޕިޓަލު ތެރެއިން ފެނެއެވެ. ހާސްކަމާއި ނުތަނަވަސްކަމުގައި މައިންބަފައިން، އެމީހުންގެ ދަރިންނަށް ފަރުވާއެއް ދެވޭތޯ އަވަސްވެ އުޅޭ މަންޒަރަކީ، ބަލާލަން ހިތަށް މާ ފަސޭހަ މަންޒަރެއްވެސް ނޫނެވެ.

އަހަރެންގެ ދަރިފުޅުގެ ޓެސްޓުތަކަށް ބަލާއިރު، މައިކޯޕްލާޒްމާ ނިއުމޯނިއާއާއި އިންފްލުއެންޒާ-އޭ އަށް ޕޮޒިޓިވް. އަހަންނަށް ހީވަނީ ދަރިފުޅުގެ ޙާލު ވަރަށް ސީރިއަސްހެން. ޓެސްޓުތަކުގެ ނަތީޖާ ހޯދަން، ދަރިފުޅުގެ ބައްޕަ، ހޮސްޕިޓަލު ކައިރީގަ ކިއުގަ އެތައް އިރަކު ހުރި. ނަތީޖާތައް ލިބިގެން ބުނީ، އަހަރެމެންގެ ކުރިއަށް އަދިވެސް 200 ޕޭޝަންޓުން އެބަތިއްބޯ.
ފަރުވާ ހޯދި ކުޑަކުއްޖެއްގެ މަންމަ

މި އަހަރުގެ އޮކްޓޯބަރ މަހުން ފަށައިގެން ޗައިނާގައި އިންފްލުއެންޒާއާއި މައޯޕްލާޒްމާ ނިއުމޯނިއާ އިންފެކްޝަންއަށް ޕޮޒިޓިވްވާ ކޭސްތައް ދަނީ އިތުރު ވަމުންނެވެ.

ބައެއް ސަރަޙައްދުތަކުގައި ހިންގާ ހޮސްޕިޓަލުތަކުގެ އިމަރޖެންސީ ރޫމަށް ބާރު ބޮޑުވެފައި ވާ އިރު، ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކާއެކު ފަރުވާ ހޯދަން އަންނަ ކުދިންގެ ޢަދަދު އިތުރު ވާ ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ޑޮކްޓަރަށް ދެއްކުމަށްފަހު އަނބުރާ ގެއަށް ދާ ޕޭޝަންޓުން ނުވަތަ އައުޓް-ޕޭޝަންޓް ނިސްބަތަށް ބަލާއިރު، ކުޑަކުދިންގެ ޢަދަދުތައް އިންތިހާ މަތީގައި އުޅޭތާ މަހެއްހާ ދުވަސް ވަނީ ފާއިތުވެފައެވެ.

ޗައިނާގެ ޖޮއިންޓް ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެކޭނިޒަމް އޮފް ދަ ސްޓޭޓް ކައުންސިލުން ބުނާ ގޮތުގައި ފިނި މޫސުމާއި ބަހާރު މޫސުމުގެ ދުވަސްވަރަކީ، އިންފްލުއެންޒާ ކޭސްތައް، މުޅި ޤައުމުގައިވެސް އެންމެ މައްޗަށް އަރާނެ ދުވަސްވަރެވެ. އަދި ކައިރި މުސްތަޤުބަލެއްގައި، ބައެއް ސަރަހައްދުތަކުގައި މައިކޯޕްލާޒްމާ ނިއުމޯނިއާ އިންފެކްޝަންތައް ގިނަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ޗައިނާގެ ޖޮއިންޓް ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެކޭނިޒަމް އޮފް ދަ ސްޓޭޓް ކައުންސިލުން ބުނެއެވެ.

ތަޖުރިބާކާރުން ތަފްސީލުކޮށްދެއްވާ ގޮތުގައި ކުޑަކުދިންނަށް މައިކޯޕްލާޒްމާގެ ނުރައްކާ ބޮޑުވަނީ 3 އަހަރާއި 5 އަހަރާ ދެމެދުގެ  މުއްދަތަކަށް ކަމަށް ވާ އިރު، ބޮޑެތި މީހުންނަށް ނުރައްކާ ބޮޑުވާ މުއްދަތު، އޭގެ 2 ގުނަ އިތުރެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޗައިނާގެ އުތުރުގެ ސަރަޙައްދުތަކުގައި އެންމެ ގިނަ ޢަދަދަކަށް ރިޕޯޓް ކުރަމުންދާ އިންފްލުއެންޒާ ސްޓްރެއިން އަކީ ހަމަ ޢާންމު އިންފްލުއެންޒާ-އޭ އެވެ. އެއީ އެޗް3އެން2 ކަމަށާއި، އެއީ މީގެ ކުރީ އަހަރުތަކުގައި ފެތުރިގެން ދިޔަ ސްޓްރެއިންތަކާ އެއްގޮތް ސްޓްރެއިންއެއް ކަމަށްވެސް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.

އެކަމަކު، ކުލިނިކަލް ނަޒަރަކުން ބަލާއިރު، މީގެ ކުރިން އަހަރެމެންނަށް ފެނިފަ ހުރި މައިކޯޕްލާޒްމާ ނިއުމޯނިއާއާއި، މިހާރު މި ފެތުރޭ ބައްޔާ ދެމެދަކު ނެތް ފާހަގަ ކުރެވޭ ވަރުގެ ބޮޑު ތަފާތެއް. ބަލީގެ ސީރިއަސް ކަމަށް ބަލާއިރުވެސް ނެތް ވަކި ތަފާތެއް، މާޒީއަ އަޅާ ބަލާއިރު. ފަރުވާ ދެމުން މިދަނީ ހަމަ ޢާންމުކޮށްވެސް އެކަން ކުރާ އުސޫލުން. މެޖޯރިޓީ ކޭސްތަކުން އެކަށީގެންވާ ނަތީޖާއެއް ފެނޭ އެބަ.
ޗިން ޗޭންގް؛ ޗީފް ފިޒީޝަން، ބީޖިންގް ކުޑަކުދިންގެ ހޮސްޕިޓަލު

ހޯދުންތަކަށް ބަލާއިރު، ޗައިނާގައި މި ފަހަކަށް އައިސް، ނޭވާލާ ނިޒާމުގެ ސީރިއަސް ބަލިތައް އިތުރުވެގެން އުޅޭ އުޅުމާއި، މާޒީގައި، ނޭވާލާ ނިޒާމުގެ އެކި ކަހަލަ ޖަރާސީމުތައް އެއްފަހަރެއްގެ މަތިން، ޖެހިފައި ހުރުމާ ގުޅުން އެބަ ހުއްޓެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް