ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފަށާނެކަން އިޢުލާންކޮށްފިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޖެނުއަރީމަހުގެ އެއް ވަނަ ދުވަހު އަމަލުކުރަން ފަށާނެކަން އިޢުލާންކޮށްފައިވަނީ، ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް ވަންގ ވެންޓާއޯ އަދި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޗައިނާގެ ކޮމާސް މިނިސްޓަރ އަދި އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވީ އޮންލައިންކޮށެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އަދި އެ އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.
ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްކުރަންޖެހޭ މަސައްކަތްތައް ވަނީ ފަށްޓަވާފައެވެ.
އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާއިރު މިއީ ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ އެއްބަސްވުމަކަށް ވާނެކަމަށް ސަރުކާރުން ބުނެއެވެ.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެޤައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެކަމަށެވެ. އަދި ކުރިމަގުގައި ވިޔަފާރީގެ ގިނަ ފުރުސަތުތެއް ދިވެހިންނަށް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާ ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ފަންނީ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް ޗައިނާގެ މާކެޓަށް ޚިދުމަތް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އުފެއްދުންތައް ޗައިނާ މާކެޓްއަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބި ވަޒީފާގެ އިތުރު ފުރުސަތުތައް އިތުރުވެ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއަރައިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުން އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ކޮމާސް މިނިސްޓަރ ވަންގ ވެންޓާއޯ ވިދާޅުވީ މި އެއްބަސްވުމާއި އެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.އަދި މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ދެޤައުމުންވެސް ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން އާންމު ރައްޔިތުންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެއެވެ. އެގޮތުން ޗައިނާއިން އެތެރެކޮށް ވިއްކާ މުދަލުގެ ތެރެއިން އާންމު ދިރިއުޅުމަށް ބޭނުންކުރާ ތަކެތީގެ އަގު ހެޔޮވެ މާކެޓްގައި ގިނަ ބާވަތްތައް ލިބެން ހުންނާނެކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުން ބުނީ މިހާރުވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރެވެމުންކަމަށާއި އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު މި އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ލަފާކުރާކަމަށެވެ.