ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް ބަލާއިރު ކޮވިޑްގެ ކޭސްތައް އަނެއްކާވެސް މިވަނީ މަޑުމަޑުން އިތުރުވާން ފަށާފައެވެ. ފެބްރުއަރީ މަހުގެ މެދު ތެރޭގައި ޔޫރަޕްގެ ކޮންމެ އެއް މިލިއަން މީހަކުން 200 މީހަކަށް ކޮވިޑް ޖެހިގެން ރިޕޯޓް ކުރަމުންދިޔައިރު މިދިޔަ ހަފްތާ ނިމުނުއިރު އެއަދަދު ވަނީ ކޮންމެ އެއް މިލިއަން މީހަކުން 270 މީހުންނަށް މައްޗަށްގޮސްފައެވެ.
އަލްޖަޒީރާ އާ ވާހަކަދައްކަމުން އިޓަލީގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޑޮކްޓަރަކު ވިދާޅުވީ ޕެންޑަމިކްގެ މިހާހިސަބަށް އައިއިރު މިހާރު ވަރުބަލި ވެއްޖެކަމަށާއި ނަމަވެސް ކުރަންތިބި މަސައްކަތުގައި ދެމިތިބޭނެކަމަށެވެ. އިޓަލީއަށް ބަލާއިރު ރޯމް އާއި މިލާން ހިމެނޭގޮތަށް ގިނަ ސަރަހައްދުތަކަކީ މިހާރު ކޮވިޑްގެ ހައި ރިސްކް ސަރަހައްދުތަކެވެ. އަދި އީސްޓަރ އާ ދިމާކޮށް މުޅި އިޓަލީ ތިން ދުވަހުގެ މުއްދަތަށް ލޮކްޑައުންއަކަށްދާނެއެވެ.
"ޑިސެމްބަރާއި ޖެނުއަރީ މަހު އަދަދުތައް ހުރީ ހިންދެމިލެވޭ ހާލަތުގައި. ނަމަވެސް އަނެއްކާވެސް ވަރަށް ހަލުވިކަމާއެކު ނަންބަރުތައް އަންނަނީ މަތިވަމުން." ޑޮކްޓަރު ވިދާޅުވިއެވެ.
އިޓަލީގެ މެދު ތެރޭގައި ހުންނަ ހޮސްޕަޓަލެއްގައި މަސައްކަތްކުރާ ޑޮކްޓަރު އިތުރަށް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ކޮވިޑް ޖެހިގެން ރިކޯޑް ކުރަމުން އަންނަ މީހުންގެ އުމުރާއި ވައިރަސްގެ ސަބަބުން އެމީހުންގެ ހާލަތަށް އަންނަ ބަދަލުތަކަކީ ކަންބޮޑުވާކަމެއްކަމަށެވެ. އެގޮތުން މިހާރު ހޮސްޕިޓަލުގައި ހާލުބޮޑުވެގެން ފަރުވާދެމުން އަންނަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށާއި ސިއްހަތު ރަނގަޅަށް ތިބޭ އުމުރުން 50ގެ އަހަރުތައް ގުނަމުންދާ މީހުންކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
"ހާލަތު ބަދަލުވެގެންދަނީ ވަރަށް އަވަހަށް" ޑޮކްޓަރު ވިދާޅުވިއެވެ.
އިރުމަތީ ޔޫރަޕްގެ ގައުމުތަށް ކަމުގައިވާ ހަންގޭރީ، ސޮލަވާކިއާ، ޕޮލެންޑް އަދި ޗެކްރިޕަބްލިކްގައި ކޮވިޑްގެ ކޭސްތައް އަންނަނީ ކަންބޮޑުވާ މިންވަރަށް އިތުރުވަމުންނެވެ.
އައު ވޭރިއަންޓްތައް ފެނުން، ވެކްސިން ސަޕްލައި ކުރުމުގައި ލަސްތަކެއް
މިދިޔަ އަހަރު އެންމެ ފުރަތަމަ ކޮވިޑްގެ ޕެންޑަމިކް ފެށުނުއިރު އިޓަލީއަކީ ޔޫރަޕްގައި އެންމެ ހާލަތު ގޯސް ގައުމެވެ. ކޮވިޑް ޖެހިގެން މަރުވަމުންދިޔަ މީހުންގެ ހަށިތައް އުފުލާނެ އުޅަނދު ނެތިގެން އަސްކަރިއްޔާގެ އުޅަނދުތަކުގައި އެހަށިތައް އުފުލި މަންޒަރު އަދިވެސް ގިނަ ބަޔެއްގެ ހަނދާނުގައި ހުންނާނެއެވެ. އެކަން ފިލައިގެން ދާހާ ދުވަހެއްވެސް އަދި ނުވެއެވެ. ނަމަވެސް އެހާލަތުން އަރައިގަނެވުނެވެ.
އެއަށްފަހު މިއަހަރުގެ ކުރީކޮޅުން ފެށިގެން ޔޫރަޕްގެ ގައުމުތަކުގައި ކޭސްތަކުގެ އަދަދު އިތުރުވެ ސަރޖެއް އައިސްފައިވާއިރު ކަމާބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި މިއީ މުޅި ޔޫރަޕަށް އަރާފައިވާ ކޮވިޑްގެ ތިން ވަނަ ރާޅެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޕެއިންގެ ޔުނިވަރސިޓީއެއްގައި މައިކްރޯބައޮލޮޖީ އަދި ޕެރެސައިޓްލޮޖީ އާ ގުޅޭގޮތުން މަސައްކަތްކުރައްވާ ޕްރޮފެސަރ އެއްކަމުގައިވާ ގިޔަރމޯ މަރޓިނެޒް ވިދާޅުވީ މިކަމުގައި ކޮންމެ ގައުމެއް ވަކިވަކިން ބަލަންޖެހޭ ކަމަށެވެ.
މިސާލަކަށް އިޓަލީ އާއި ސްޕެއިން އަކީ 2020 ވަނަ އަހަރު އައި ކޮވިޑްގެ ފުރަތަމަ ރާޅުގައި އެންމެ ބޮޑަށް އަސަރުކުރި ދެ ގައުމެވެ.
ނަމަވެސް މިހާރު ފެންނަ އަދަދުތަކަށް ބަލާއިރު ހާލަތު ގޯސްވެފައިވަނީ އޭރުގައި ހާލަތު ގޯސްވި ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކުގެއެވެ.
ބައެއް ގައުމުތަކުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް. ނަމަވެސް އަނެއް ބައި ގައުމުތައް މިސާލަކަށް ޕޯރޗުގަލް، ސްޕެއިން ފަދަ ގައުމުތަކުގެ އަދަދުތަކަށް ބަލާއިރު އެގައުމުތަކުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ހުރީ އެހާ މަތީގައެއް ނޫން. މީގެއިތުރުން ޓެސްޓް ކުރެވޭ ވަރަށް ބަލާއިރުވެސް އެކި ހިސާބުތަކުގައި ޓެސްޓްކުރެވޭ މިންވަރު ތަފާތު. ގިނައިން ޓެސްޓްކޮށްގެން ކޭސްތައް ހޯދިވަރަކަށް ފެންނާނެޕްރޮފެސަރ ގިޔަރމޯ މަރޓިނެޒް
އަނެއްކޮޅުން ކޮވިޑްގެ އައު ވޭރިއަންޓްތަކާއެކުވެސް ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑްގެ ވޭރިއަންޓާއެކު ކޮވިޑް ފެތުރޭ މިންވަރު ވަނީ 70 އިންސައްތަ އިތުރުވެފައެވެ. އެހެންކަމުން މިއީ ކޭސްތަކުގެ އަދަދު އިތުރުވާ ސަބަބެއްކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ.
އަނެއްކޮޅުން ޔޫރަޕްގައި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށްދާލެއް ލަސްވުމަކީވެސް ސަރޖެއް އައުމުގެ ސަބަބެއްކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ.
ބްލޫމްބަރގްސްގެ ކޮރޯނާވައިރަސް ވެކްސިން ޓްރެކަރ އިން އެނގޭގޮތުގައި ފާއިތުވި ހަފްތާ އާ ހަމައަށް އީޔޫގައި ފުރަތަމަ ޑޯޒް ދީފައިވަނީ ކޮންމެ ސަތޭކަ މީހަކުން 8 މީހަކަށެވެ. އިނގިރޭސިވިލާތުގައި ކޮންމެ ސަތޭކަ މީހަކުން 33 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު އެމެރިކާގައި އެއަދަދު އުޅެނީ ކޮންމެ ސަތޭކަ މީހަކުން 25 މީހެކެވެ.
ޖެނުއަރީ މަހުން ފެށިގެން ވެކްސިން ސަޕްލައިކުރުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. އިޓަލީއަށް ފޯރުކޮށްދޭންޖެހޭ ފައިޒަރ ވެކްސިންގެ ޝިޕްމަންޓްތަކުގެ އަދަދު މަދުވުމާއި ގުޅިގެން އެގައުމުގައި ވެކްސިންގެ ޕްރޮގްރާމް ބޭނުންވާ މިނުގައި ނުގެންދެވެއެވެ.
އަނެއްކޮޅުން މޮޑާނާގެ ވެކްސިން ފްރާންސް އާއި އިޓަލީއަށް ލިބުމުގައި ދިމާވި ލަސްތަކާއި އެސްޓްރަޒެނިކާ ވެކްސިން ލިބޭނެކަމަށް ކުރިން ބުނި އަދަދަށް ނުލިބުމަކީވެސް ވެކްސިން ޖަހަން ބޭނުންވާ ސްޕީޑްގައި އެކަން ކުރިޔަށްނުދާ ސަބަބެކެވެ. އަދި އެންމެ ފަހުން އީޔޫއިން ބޭނުންކުރުމުގެ ހުއްދަދިން ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ގައުމުތަކަށް ލިބުމުގައިވެސް ލަސްތަކެއް އުޅެދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
އެސްޓްރަޒެނިކާ ވެކްސިންގައި ދިމާވި މައްސަލަތަކާއި ގުޅިގެން އީޔޫގެ ބައެއް ގައުމުތަކުގައި އެވެކްސިން ޖެހުން މެދުކަނޑާލާފައިވާއިރު ކޭސްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ޕްރޮފެސަރ ވިދާޅުވީ ކުރީ ބައިގައި ވެކްސިން ޖެހުމުގެ ކަންކަން ހަލުވި މިނުގައި ކުރިޔަށް ގެންދިޔުމަށް ފެށިނަމަ މިހާރު ދިމާވެފައިވާ ހާލަތު ދިމާނުވީހެވެ.
ޔޫރަޕްގައި އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ދީފައިވާ ގައުމަކީ ސައިޕްރަސްއެވެ. ނަމަވެސް އެގައުމުގައިވެސް ހަރޑް އިމިޔުނިޓީއާ ހިސާބަށް އަދި ދެވޭކަށްނެތެވެ. އެހިސާބަށް ދިޔުމަށްޓަކައި އާބާދީގެ 60 އިންސައްތަ މީހުންނަށް ވެކްސިން ދޭންޖެހޭކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ.
އެކިގައުމުތަކުގައި ވެކްސިން ޖަހަމުން އަންނަ ސްޕީޑްގައި ތަފާތުތަކެއް ހުރިއިރު ހޫނު މޫސުން ނިމެންވާއިރުވެސް އެހިސާބަށް ދެވޭނެކަމާމެދު ޝައްކުކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ.
ލޮކްޑައުންގެ ފިޔަވަޅުތަކާއި އިގްތިސާދަށް ކުރަމުންދާ އަސަރުތަކުގެ ކަންބޮޑުވުން
ބައެއް މާހިރުން ގަބޫލުކުރައްވާ ގޮތުގައި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުންވެސް ކޭސްތައް އަންނަނީ އިތުރުވަމުންނެވެ.
ބަރސެލޯނާގެ ޔުނިވަރސިޓީއެއްގައި ޕަބްލިކް އެންޑް އޮކިޔުޕޭޝަނަލް ހެލްތު ޕްރޮފެސަރ އެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޖޯން ބެނަކް ވިދާޅުވީ މުޅި ދުނިޔެއަށް ބަލާއިރު ވައިރަސް އާ ކުރިމަތިލަމުންދަނީ ތިން ގޮތަކަށް ކަމަށެވެ.
ޕްރޮފެސަރ ވިދާޅުވީ އެއްގޮތަކީ އެމެރިކާ އާއި ބްރެޒިލްގައި ކޭސްތައް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ގޮތްކަމަށެވެ. އެއީ މުޖުތަމަޢު އާއި އާންމު ފަރުދުންނާއި އިގްތިޞާދީ މަސައްކަތްތަކުގެ ތެރެއަށް ސަރުކާރުން ނުވަދުމެވެ. ވަނަސް އެކަންކަމުގެ ތެރެއަށް ވަދެވެން އޮތް މަދު މިންވަރަކަށް ވަދެގެން ކޭސްތައް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުމެވެ.
ދެވަނަ ގޮތަކީ އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ފިޔަވަޅުތައް އަޅަމުންދާ ގޮތްކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ. އެގޮތަކީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމެވެ. އެގޮތުން ވައިރަސް ނައްތާލުމަށް ބޭނުންވާ ހުރިހާ ފިޔަވަޅުތަކެއްވެސް އަޅަމުންދިޔުމެވެ.
ތިން ވަނަ ގޮތަކީ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ފިޔަވަޅުތައް އަޅަމުން އަންނަ ގޮތެވެ. އެއީ ކޭސްތައް އިތުރުވުމުން ފިޔަވަޅުތައް އިތުރުކުރުމާއި ވިޔަފާރިވެރިންގެ ނުފޫޒާ ބާރާއި އެއްގޮތަށް ފިޔަވަޅުތައް އަޅަމުން ދިޔުންކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ.
ވައިރަސް އެއްކޮށް ނައްތާލުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ވައިރަސް އާއެކު އުޅެން ދަސްކޮށް އަދަދުތައް މައްޗަށް ދިޔުމުން ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަހު ހާލަތު ރަނގަޅުވާން ފެށުމުން ފިޔަވަޅުތަކަށް ލުއިތައް ދިނުމެވެ.
މިއީ އުމުރު ދުވަހަށް ކުޅެންޖެހޭނެ ގޭމެއް، އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ނުޖެހޭހާ ހިނދަކު. އެކަން ކުރުމަށް އެތައް މަސްތަކެއް ނަގާނެ. ފަހަރުގައި މުޅި އަހަރުވެސް ނަގާފާނެ.ޕްރޮފެސަރ ޖޯން ބެނަކް
ވެކްސިން ލިބުމުގައި ހުރި ދަތިތަކާއި، ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިއަށް ވެދާނެ ގެއްލުމަކަށް ބެލުމާއި ކޮވިޑްގެ އައު ވޭރިއަންޓްތަކާއެކު މިހާރު ފެންނަ ފެނުމަށް އަދިވެސް ދާނީ ހާލަތު ގޯސްވަމުންނެވެ.
މީގެކުރިން ވާހަކަދެއްކި ނަން ހާމަކުރަން ބޭނުންނުވާ ޑޮކްޓަރު ވިދާޅުވީ އިޖުތިމާއީ ގައިދުރުކަން ގެންގުޅުމާ މީހުން ދުރުވާ ދުރުވުމަކީ ވެކްސިންގެ ސަބަބުން ކުރިޔަށް އެޅޭ ފިޔަވަޅު އަނެއްކާވެސް ފަހަތަށް ހިނގައިދާނެކަމެއް ކަމަށެވެ.
ފަހަރެއްގައި 80 އިންސައްތަ މީހުން އަޅާފައިވާ ފިޔަވަޅުތަކަށް އިހުތިރާމްކޮށް އެގޮތަށް އަމަލުކުރިނަމަވެސް ވައިރަސް ނުޖެހޭނެކަމަށް ހީކޮށްގެން އުޅޭ ޒުވާނުންނާއި އެއްވެސް ކަމެކޭ ހީނުކޮށް ގައިޑްލައިންތައް މުގުރާލަމުން އަންނަ މީހުންގެ ސަބަބުން ޕެންޑަމިކް އަވަހަށް ނިމޭތަން ނުފެންނަކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
"މިކަންކަމާހެދި މިޕެންޑަމިކުން އަރައިގަތުމަށް ކެނޑިނޭޅި މަސައްކަތްކުރާ މީހުން ވަމުންދާ ގުރުބާނީތައް ފެނަށް ވަމުންދަނީ. އެހެންނަމަވެސް އަހަރުމެން ހިތްވަރު އެލުވައެއްނުލާނަން. " ޑޮކްޓަރ ވިދާޅުވިއެވެ.