ކ. މާލެ
|
15 މާރޗް 2021 | ހޯމަ 18:46
މީގެ ކުރިން ބޭއްވި އޯޕަން ވޯޓާ ފެތުމުގެ ހަރަކާތެއްގެ ތެރެއިން
މީގެ ކުރިން ބޭއްވި އޯޕަން ވޯޓާ ފެތުމުގެ ހަރަކާތެއްގެ ތެރެއިން
ބާ2000 ފަރަމަންތާ ޗެލެންޖް
ބާ2000 ފަރަމަންތާ ޗެލެންޖް
ބާ2000 ފަރަމަންތާ ޗެލެންޖް: އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވާން އަލުން ހުޅުވާލައިފި
 
މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ
 
އޯޕަން ވޯޓާ ފެތުމުގެ މުބާރާތް އޮންނާނީ ޖޫން މަހު

ރާއްޖޭގައި ބާއްވާ މޫދު ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވާން އަލުން ހުޅުވާލައިފިއެވެ.

ބާ2000 ގެ އެދުމަކަށް ފަރުމަތި އިވެންޓްސްއިން ރާވާ ހިންގާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގައި އޯޕަން ވޯޓާ ފެތުމާއި، ސާފިން އަދި ބޮޑީބޯޑިންގެ އިވެންޓުތައް ހިމެނެއެވެ. މީގެ ކުރިން މިދިޔަ ޖެނުއަރީ މަހުވެސް އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވާން ވަނީ ހުޅުވާލާފައެވެ. އެކަމަކު ދާދި ފަހުން "ބާ2000 ފަރަމަންތާ ޗެލެންޖް" ފެށުން ފަސްކުރަން ނިންމުމާއެކު، އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވާން އަލުން ވަނީ ހުޅުވާލާފައެވެ. އެގޮތުން ހޯމަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެ ކުރިން އޯޕަން ވޯޓާ ފެތުމުގެ މުބާރާތް އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތިންވަނަ ދުވަހުގެ ނިޔަލަށް މާލޭ ރަސްފަންނު ބޭރުގައި ބޭއްވުމަށް ތާވަލުކުރި ނަމަވެސް، މިހާރު އެ މުބާރާތް ވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައެވެ.

ހޯމަ ދުވަހު އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވާން ހުޅުވާލިއިރު، އޯޕަން ވޯޓާ ފެތުމުގައި މިހާރު ވަނީ އިތުރު ކެޓެގަރީއެއް ތަޢާރަފުކޮށްފައެވެ. އެއީ އުމުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ހާއްސަ 500 މީޓަރު ފެތުމެވެ. އަދި މި ބައިގައި 20 ކުދިންނަށް ބައިވެރިވެވޭނެ ކަމަށް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

އަދި މީގެ ކުރިން އޯޕަން ވޯޓާ ފެތުމުގައި އެކުލަވާލި ކެޓެގަރީތަކަކީ އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދު (އެއް ކިލޯމީޓަރު)، އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދު (ތިން ކިލޯމީޓަރު)، އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދު (ފަސް ކިލޯމީޓަރު)، 18 އަހަރުން މަތި (ފަސް ކިލޯމީޓަރު) އަދި 35 އަހަރުން މަތި (ތިން ކިލޯމީޓަރު) އެވެ. މި ކޮންމެ ކެޓެގަރީއެއްގައިވެސް އަންހެން އަދި ފިރިހެން ބައި އޮންނައިރު، ކޮންމެ ކެޓެގެރީއެއްގައިވެސް 30 ޖާގަ ވަނީ ހިމަނާފައެވެ. ދެން އޯޕަން ވޯޓާ ފެތުމުގެ މުބާރާތުގައި ހިމެނެނީ ޓީމު އިވެންޓް (10 ކިލޯމީޓަރު) އެވެ. އަންހެން ފިރިހެން އެއްކޮށް މި ބައި ކުރިއަށްދާއިރު، މި ބައިގައި 30 ޓީމަށް ބައިވެރިވެވޭނެ ކަމަށްވެސް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވުމުގެ ފުރުޞަތު ހޯމަ ދުވަހު ހުޅުވާލިއިރު، 18 އަހަރުން މަތީގެ ފެތުންތެރިން މުބާރާތުގައި ބައިވެރިވުމަށް 200 ރުފިޔާ ދައްކަން ޖެހެއެވެ. އަދި 18 އަހަރުން ދަށުގެ ފެތުންތެރިން 50 ރުފިޔާ ދައްކަން ޖެހޭއިރު، ޓީމު އިވެންޓުގައި ބައިވެރިވާ ޓީމުތަކުން 500 ރުފިޔާ ދައްކަން ޖެހެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނާތީ "ބާ2000 ފަރަމަންތާ ޗެލެންޖް" ފެށުން ފަސްކުރިއިރު، ސާފިންނާއި، ބޮޑީބޯޑިންގެ އިވެންޓުތައް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި އިވެންޓުތަކުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

"ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެ ކުޅިވަރުތަކާ ގުޅޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްބާރުލުމާ އެކީގައެވެ. މި ޗެލެންޖަކީ ރާއްޖޭގައި މޫދު ކުޅިވަރު ޕްރޮމޯޓުކޮށް، އެފަދަ އިވެންޓުތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް