ކ. މާލެ
|
11 ނޮވެންބަރ 2021 | ބުރާސްފަތި 16:14
ބާ2000 ފަރަމަންތާ ޗެލެންޖުގެ އެއްވަނަ ހޯދި އެތުލީޓުން
ބާ2000 ފަރަމަންތާ ޗެލެންޖުގެ އެއްވަނަ ހޯދި އެތުލީޓުން
ބާ2000 ފަރަމަންތާ ޗެލެންޖް
ބާ2000 ފަރަމަންތާ ޗެލެންޖް
ބާ2000 ފަރަމަންތާ ޗެލެންޖް: ޖާއްޓޭ، ފަޔާ، އާން އަދި ހަމްނާއަށް އެއްވަނަ
 
އޯޕަން ވޯޓާ ފެތުން، ސާފިން އަދި ބޮޑީބޯޑިން ކުރިއަށްދިޔަ
 
އެއްވަނަ އެތުލީޓުންނަށް ޔެލޯ ޖާޒީގެ ޝަރަފު ވަނީ އަރުވާފައި

ރާއްޖޭގައި ބޭއްވި މޫދު ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ އެއްވަނަ އެތުލީޓުން ހޮވައިފިއެވެ.

ބާ2000 ގެ އެދުމަކަށް ފަރުމަތި އިވެންޓްސްއިން ރާވާ ހިންގާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގައި އޯޕަން ވޯޓާ ފެތުމާއި، ސާފިން އަދި ބޮޑީބޯޑިންގެ އިވެންޓުތައް ހިމެނެއެވެ. މި އަހަރުގެ ކުރީކޮޅު "ބާ2000 ފަރަމަންތާ ޗެލެންޖް" ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރި ނަމަވެސް، މާލެ ސިޓީގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއެކު އެ ފަހަރު މި އިވެންޓް ފަސްކުރަން ޖެހުނެވެ.

އެކަމަކު މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ބޭއްވިއިރު، ބުދަ ދުވަހު ވަނީ ސާފިންނާއި ބޮޑީބޯޑިންގެ އިވެންޓުތައް ނިންމާލާފައެވެ. މި ކޮންމެ ކުޅިވަރަކުން އެންމެ މޮޅު އެތުލީޓް ހޮވައި ވަނީ ޝަރަފުވެރި އެވޯޑެއްގެ ގޮތުން "ޔެލޯ ޖާޒީ" ގެ ޝަރަފު އަރުވާފައެވެ.

މި ޗެލެންޖުގެ ބޮޑީބޯޑިން އޯޕަން ކެޓެގެރީގެ އެއްވަނައަށް ދިޔައީ އަލީ ޖާވިދު (ޖާއްޓޭ) އެވެ. އަދި ބޮޑީބޯޑިން އެންމެ އުއްމީދީ އެތުލީޓަކީ ޝިމާލް ޝަމީމެވެ. އަދި ސާފިންގެ އޯޕަން ކެޓެގެރީގެ އެއްވަނަ މުޙައްމަދު ފަޔާޒު (ފަޔާ) ހޯދިއިރު، އެންމެ އުއްމީދީ އެތުލީޓަކަށް ހޮވުނީ މުޙައްމަދު އިނާން އަބްދުލް ހަންނާނެވެ.

ސާފިންނާއި ބޮޑީ ބޯޑިންގައި އޯޕަން ކެޓެރެގަރީގެ އިތުރުން ޖޫނިއާ ކެޓެގަރީވެސް ކުރިއަށްދިޔައިރު، ސާފިންގެ ޖޫނިއާ ކެޓެގެރީން އެއްވަނަ ހޯދީ މުޙައްމަދު ޒަޔާން އިސްމާޢީލެވެ. އަދި ބޮޑީބޯޑިން ޖޫނިއާ ކެޓެގެރީގެ އެއްވަނަ ހޯދާފައިވަނީ ރީޝާން ރަޝީދެވެ. މީގެ އިތުރުން އޯޕަން ވޯޓާ ފެތުމުގެ މުބާރާތުގެ ފިރިހެން އެންމެ މޮޅު ފެތުންތެރިއަކީ މުޙައްމަދު އާން ހުސައިނެވެ. އަދި އަންހެން އެންމެ މޮޅު ފެތުންތެރިއަކަށް ހޮވުނީ ހަމްނާ އަޙްމަދެވެ.

"ބާ2000 ފަރަމަންތާ ޗެލެންޖް" ނިމުމުގެ ރަސްމިއްޔާތު ބުދަ ދުވަހު ރާޅުގަނޑު ސަރަހައްދުގައި ބޭއްވިއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އަދި މީގެ ކުރިން ރަސްފަންނު ސަރަހައްދުގައި ކުރިއަށްދިޔަ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކާމިޔާބުކަމާއެކު "ބާ2000 ފަރަމަންތާ ޗެލެންޖް" ނިންމާލިއިރު، އަންނަ އަހަރުވެސް މި ޗެލެންޖް ބާއްވާނެ ކަމަށް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ. އަދި މި ފަހަރުގެ ޗެލެންޖުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ އެ ކުޅިވަރުތަކާ ގުޅޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްބާރުލުމާ އެކުގައި ކަމަށާއި، މި ޗެލެންޖަކީ ރާއްޖޭގައި މޫދު ކުޅިވަރު ޕްރޮމޯޓުކޮށް، އެފަދަ އިވެންޓުތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް