ކ. މާލެ
|
1 ނޮވެންބަރ 2021 | ހޯމަ 19:44
ބާ2000 ފަރަމަންތާ ޗެލެންޖުގެ އޯޕަން ވޯޓާ ފެތުމުގެ ހަރަކާތްތަކުގެ ތެރެއިން
ބާ2000 ފަރަމަންތާ ޗެލެންޖުގެ އޯޕަން ވޯޓާ ފެތުމުގެ ހަރަކާތްތަކުގެ ތެރެއިން
ބާ2000 ފަރަމަންތާ ޗެލެންޖް
ބާ2000 ފަރަމަންތާ ޗެލެންޖް
ބާ2000 ފަރަމަންތާ ޗެލެންޖް: އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
 
އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކުރިއަށްދިޔައީ މާލޭ ރަސްފަންނު ބޭރުގައި
 
ސާފިން އާއި ބޮޑީބޯޑިންގެ އިވެންޓުތައް އޮންނާނީ މި މަހު 4-15 އަށް

ރާއްޖޭގައި ބާއްވާ މޫދު ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބާ2000 ގެ އެދުމަކަށް ފަރުމަތި އިވެންޓްސްއިން ރާވާ ހިންގާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގައި އޯޕަން ވޯޓާ ފެތުމާއި، ސާފިން އަދި ބޮޑީބޯޑިންގެ އިވެންޓުތައް ހިމެނެއެވެ. މި އަހަރުގެ ކުރީކޮޅު "ބާ2000 ފަރަމަންތާ ޗެލެންޖް" ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރި ނަމަވެސް، މާލެ ސިޓީގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއެކު އެ ފަހަރު މި އިވެންޓް ފަސްކުރަން ޖެހުނެވެ.

އެއާއެކު މިދިޔަ ހުކުރު ދުވަހު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ފެށިއިރު، އާދީއްތަ ދުވަހު މި މުބާރާތް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އޯޕަން ވޯޓާ ގެތުމުގައި ގިނަ ކެޓެގަރީތަކެއް ހިމެނުނުއިރު، އޭގެ ތެރޭގައި އުމުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ހާއްސަ 500 މީޓަރު ފެތުން، އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދު (އެއް ކިލޯމީޓަރު)، އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދު (ތިން ކިލޯމީޓަރު)، އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދު (ފަސް ކިލޯމީޓަރު)، 18 އަހަރުން މަތި (ފަސް ކިލޯމީޓަރު) އަދި 35 އަހަރުން މަތި (ތިން ކިލޯމީޓަރު) ހިމެނުނެވެ.

ދެން އޯޕަން ވޯޓާ ފެތުމުގެ މުބާރާތުގައި ހިމެނުނީ ޓީމު އިވެންޓް (10 ކިލޯމީޓަރު) އެވެ. މި ބައި ކުރިއަށް ގެންގޮސްފައިވަނީ އަންހެން އަދި ފިރިހެން އެއްކޮށް ކަމަށް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ. އޯޕަން ވޯޓާ ފެތުމުގެ މުބާރާތް މާލޭ ރަސްފަންނު ބޭރުގައި ކުރިއަށްދިޔައިރު، މި ހަރަކާތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އަދި މި ހަރަކާތް ކުރިއަށްދިޔައިރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކި އުމުރުފުރާގައި ބައިވެރިވި ފެތުންތެރިންގެ ތެރެއިން އެއްވަނަ ހާސިލުކުރި ޓީމުތަކާއި ފެތުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

ބާ2000 ފަރަމަންތާ ޗެލެންޖުގެ އޯޕަން ވޯޓާ ފެތުމުގެ ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވާލައްވަނީ - ބާ2000 ފަރަމަންތާ ޗެލެންޖް

"ބާ2000 ފަރަމަންތާ ޗެލެންޖް" ގެ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިރު، މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ސާފިން އާއި ބޮޑީބޯޑިންގެ އިވެންޓުތައް ބާއްވަން މިހާރު ވަނީ ތާވަލުކޮށްފައެވެ. ސާފިންނާއި ބޮޑީބޯޑިންގައި ހިމެނޭ ކެޓެގަރީތަކަކީ ޖޫނިއާ ބައިގެ އިތުރުން އޯޕަން ބައެވެ.

ފަރުމަތި އިވެންޓްސްއިން މައުލޫމާތުދޭ ގޮތުން "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެ ކުޅިވަރުތަކާ ގުޅޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްބާރުލުމާ އެކީގައެވެ. އަދި މި ޗެލެންޖަކީ ރާއްޖޭގައި މޫދު ކުޅިވަރު ޕްރޮމޯޓުކޮށް، އެފަދަ އިވެންޓުތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް