ކ. މާލެ
|
13 މާރޗް 2021 | ހޮނިހިރު 15:39
މީގެ ކުރިން ބޭއްވި އޯޕަން ވޯޓާ ފެތުމުގެ ހަރަކާތެއްގެ ތެރެއިން
މީގެ ކުރިން ބޭއްވި އޯޕަން ވޯޓާ ފެތުމުގެ ހަރަކާތެއްގެ ތެރެއިން
ބާ2000 ފަރަމަންތާ ޗެލެންޖް
ބާ2000 ފަރަމަންތާ ޗެލެންޖް
ކޮވިޑާ ގުޅިގެން ބާ2000 ފަރަމަންތާ ޗެލެންޖް ފަސްކޮށްފި
 
އޯޕަން ވޯޓާ ފެތުމުގެ މުބާރާތް އޮންނާނީ ޖޫން މަހު
 
ސާފިންނާއި، ބޮޑީބޯޑިން މުބާރާތް އޮންނާނީ ޖުލައި މަހު
 
ހުރިހާ އިވެންޓެއްގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލާނެ

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނާތީ ރާއްޖޭގައި ބާއްވާ މޫދު ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "ބާ2000 ފަރަމަންތާ ޗެލެންޖް" ފެށުން ފަސްކޮށްފިއެވެ.

ބާ2000 ގެ އެދުމަކަށް ފަރުމަތި އިވެންޓްސްއިން ރާވާ ހިންގާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގައި އޯޕަން ވޯޓާ ފެތުމުގެ އިތުރުން ސާފިންނާއި، ބޮޑީބޯޑިންގެ އިވެންޓުތައް ހިމެނެއެވެ. މީގެ ކުރިން ތާވަލުކޮށްފައި އޮތީ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތިންވަނަ ދުވަހުގެ ނިޔަލަށް މާލޭ ރަސްފަންނު ބޭރުގައި ބޭއްވުމަށެވެ.

އެކަމަކު ކޮވިޑުގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވަމުން އަންނާތީއާއެކު، ފަރުމަތި އިވެންޓްސްއިން ވަނީ މި މުބާރާތްތައް ފެށުން ފަސްކޮށްފައެވެ. އެގޮތުން މިހާރު ތާވަލުކޮށްފައި އޮތް ގޮތުގެ މަތިން އޯޕަން ވޯޓާ ފެތުމުގެ މުބާރާތް އޮންނާނީ ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ސާފިންނާއި، ބޮޑީބޯޑިންގެ އިވެންޓުތައް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށްވެސް މިހާރު ވަނީ ތާވަލުކޮށްފައެވެ.

މީގެ ކުރިން މިދިޔަ ޖެނުއަރީ މަހު އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވާން ހުޅުވާލި ނަމަވެސް، މުބާރާތް ފަސްކުރުމާއެކު ހުރިހާ އިވެންޓެއްގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިރު، ސާފިންނާއި، ބޮޑީބޯޑިންގެ އިވެންޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވެވޭއިރު، ފަރުމަތި އިވެންޓްސްއިން މިހާރު ވަނީ އިތުރު ކެޓެގަރީއެއް ތަޢާރަފުކޮށްފައެވެ. އެއީ އުމުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ހާއްސަ 500 މީޓަރު ފެތުމެވެ. އަދި މި ބައިގައި 20 ކުދިންނަށް ބައިވެރިވެވޭނެ ކަމަށް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

އަދި މީގެ ކުރިން އޯޕަން ވޯޓާ ފެތުމުގައި އެކުލަވާލި ކެޓެގަރީތަކަކީ އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދު (އެއް ކިލޯމީޓަރު)، އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދު (ތިން ކިލޯމީޓަރު)، އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދު (ފަސް ކިލޯމީޓަރު)، 18 އަހަރުން މަތި (ފަސް ކިލޯމީޓަރު) އަދި 35 އަހަރުން މަތި (ތިން ކިލޯމީޓަރު) އެވެ. މި ކޮންމެ ކެޓެގަރީއެއްގައިވެސް އަންހެން އަދި ފިރިހެން ބައި އޮންނައިރު، ކޮންމެ ކެޓެގެރީއެއްގައިވެސް 30 ޖާގަ ވަނީ ހިމަނާފައެވެ. ދެން އޯޕަން ވޯޓާ ފެތުމުގެ މުބާރާތުގައި ހިމެނެނީ ޓީމު އިވެންޓް (10 ކިލޯމީޓަރު) އެވެ. އަންހެން ފިރިހެން އެއްކޮށް މި ބައި ކުރިއަށްދާއިރު، މި ބައިގައި 30 ޓީމަށް ބައިވެރިވެވޭނެ ކަމަށްވެސް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހު ހުޅުވާލާއިރު، 18 އަހަަރުން މަތީގެ ފެތުންތެރިން މުބާރާތުގައި ބައިވެރިވުމަށް 200 ރުފިޔާ ދައްކަން ޖެހެއެވެ. އަދި 18 އަހަރުން ދަށުގެ ފެތުންތެރިން 50 ރުފިޔާ ދައްކަން ޖެހޭއިރު، ޓީމު އިވެންޓުގައި ބައިވެރިވާ ޓީމުތަކުން 500 ރުފިޔާ ދައްކަން ޖެހެއެވެ.

"ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެ ކުޅިވަރުތަކާ ގުޅޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްބާރުލުމާ އެކީގައެވެ. މި ޗެލެންޖަކީ ރާއްޖޭގައި މޫދު ކުޅިވަރު ޕްރޮމޯޓުކޮށް، އެފަދަ އިވެންޓުތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޮވިޑާ ގުޅިގެން "ބާ2000 ފަރަމަންތާ ޗެލެންޖް" ފެށުން ފަސްކުރިއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކަށް އަމަލުކުރުމަށް ފަރުމަތި އިވެންޓްސްއިން ވަނީ ހުރިހާ އެތުލީޓުންނަށް ނަސޭހަތްތެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް