ކ. މާލެ
|
17 އޭޕްރިލް 2020 | ހުކުރު 00:24
ނައިޖީރިއާގައި ލޮކްޑައުން ތަންފީޒު ކުރުމަށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރަމުން ދާކަމަށް ރިޕޯޓްތައް ބުނޭ
ނައިޖީރިއާގައި ލޮކްޑައުން ތަންފީޒު ކުރުމަށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރަމުން ދާކަމަށް ރިޕޯޓްތައް ބުނޭ
ރޮއިޓަރސް
ނައިޖީރިއާގައި ކޮވިޑް19 ފެތުރުން
ނައިޖީރިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންނަށްވުރެ، ކާފިއު ގަޑީ ބޭރު އުޅުމުން މަރާލި މީހުން ގިނަ
ނައިޖީރިއާގެ 24 ސްޓޭޓަކުން 105 މައްސަލައެއް ހުށައެޅިފައިވޭ
ނައިޖީރިއާއިން މިހާތަނަށް 400 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވޭ
އެ ޤައުމުން މި ބަލީގައި މަރުވެފައިވަނީ 12 މީހުން

ނައިޖީރިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންނަށްވުރެ، އެ ޤައުމުގައި އިއުލާނުކޮށްފައިވާ ކާފިއުއާ ޚިލާފުވެގެން މަރާލި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން ނައިޖީރިއާގައި އިއުލާނުކޮށްފައިވާ ކާފިއު ތަންފީޒު ކުރުމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް އެ އަމުރުތަކަށް ބޯނުލެނބި 18 މީހަކު މަރާލާފައިވެއެވެ. އަދި މިއީ އެ ޤައުމުން ކޮވިޑް-19 ވައިރަސް ޖެހިގެން މަރުވާ މީހުންނަށްވުރެ ގިނަ އަދަދެއް ކަމަށް އެ ޤައުމުގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާތަކާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.

ބުދަ ދުވަހު ނައިޖީރިއާގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ވާގޮތުން މިހާތަނަށް ސަލާމަތީ ބާރުތަކުން ކާފިއު ތަންފީޒު ކުރުމުގައި އިންސާނީ ހައްޤުތަކާ ޚިލާފުވެފައިވާކަމަށް ބުނެ ހުށައަޅާފައިވާ 105 މައްސަލައެއް ހިމެނޭއިރު، ނައިޖީރިއާގެ 24 ސްޓޭޓަކުން މައްސަލަތައް ހުށައެޅިފައިވެއެވެ.

އޭގެ ތެރޭގައި ހިމެނޭ މަރުތަކާ ގުޅޭ ކޭސްތަކަށް ބަލާއިރު، އެ ޤައުމުގެ ކަރެކްޝަނަލް އޮފިސަރުން މަރާލިކަމަށް ބުނާ 8 މީހުންނާއި، ފުލުހުން މަރާލާފައިވާކަމަށް ބުނާ 7 މީހުންނާއި، ސިފައިން މަރާލި 2 މީހުންގެ އިތުރުން، ލޮކްޑައުން ތަންފީޒު ކުރުމުގައި ހަރަކާތްތެރިވާ ލޯކަލް ކޮމިއުނިޓީއަކުން މަރާލި އެކަކު ހިމެނޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން އެ ޤައުމުގެ ލޮކްޑައުން ތަންފީޒު ކުރުމަށް ސަލާމަތީ ބާރުތަކުން ދަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އާންމުންނަށް ބޮޑެތި އަނިޔާތަކެއް ދެމުންނެވެ.

ނައިޖީރިއާއިން މިހާތަނަށް 400ށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، މި ބަލީގައި މަރުވެފައިވަނީ 12 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް