ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 12:53
ޗައިނާގެ ބޮޑުވަޒީރު ކޮވިޑް-19 އަށް މަސައްކަތްކުރާ ޓީމަކާއި ބައްދަލުކުރަނީ
ޗައިނާގެ ބޮޑުވަޒީރު ކޮވިޑް-19 އަށް މަސައްކަތްކުރާ ޓީމަކާއި ބައްދަލުކުރަނީ
ޒިންހުއާނެޓް
ކޮވިޑް-19
ޗައިނާގައި ކޮވިޑް-19 ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވަނީ!
 
ޗައިނާއިން މިހާތަނަށް 82،052 ޕޮޒިޓިވް ވެފައިވޭ
 
އާދީއްތަ ދުވަހު 99 މީހަކު ވަނީ ޕޮޒިޓިވްވެފައިވޭ
 
ހޮނިހިރު ދުވަހު 46 މީހަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ

ޗައިނާގައި ކޮވިޑް-19 ޖެހޭ މީހުންގެ ނިޞްބަތް ކޮންޓްރޯލްވުމަށްފަހު، އަނެއްކާ ވެސް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނަ ކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ޗައިނާއިން ހޮނިހިރު ދުވަހު ޢަންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު 46 މީހަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި އާދީއްތަ ދުވަހު ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން 99 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއީ ހޮނިހިރު ދުވަހާ އަޅާ ބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އަންނަނީ އެޤައުމަށް އަނބުރާ އަންނަ މީހުންގެ ފަރާތުން ކަމަށެވެ. މީގެ އިތުރުން ބަލީގެ ޢަލާމާތްތައް ނުފެނި ވައިރަސް އަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ ކަމަށް ވެސް އެޤައުމުން ވަނީ ހާމަކޮށްފައެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ ވައިރަސްގެ ޢަލާމާތެއް ނުފެނި އާދީއްތަ ދުވަހު އެކަނި ވެސް 63 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ވެސް 34 މީހަކު ވައިރަސްގެ ޢަލާމާތެއް ނުފެނި ވަނީ ޕޮޒިޓިވްވެފައެވެ.

ޗައިނާގައި 99 ޕޮޒިޓިވް ކޭސް އަދީއްތަ ދުވަހު ރިކޯޑް ކޮށްފައިވާ އިރު، މިއީ މާރޗް 6 ވަނަ ދުވަހުގެ ފަހުން އެޤައުމުގައި އެންމެ ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވްވެގެން ރިކޯޑުކޮށްފައިވަ ދުވަހެވެ.

އިމްޕޯޓެޑް ކޭސްތަކުގެ ތެރެއިން އެންމެ ގިނަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ އެޤައުމުގެ ޝަންހާއި ސިޓީންނެވެ. އެ ސިޓީން 52 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މީގެ ތެރޭގައި ހިމެނެނީ ބޭރުން އަންނަ އެޤައުމުގެ ރައްޔިތުންނެވެ. މި 52 މީހުންގެ ތެރެއިން 51 މީހުންނަކީ ރަޝިއާއިން އައި ފުލައިޓެއްގައި ދަތުރު ކުރި މީހުންނެވެ.

މީގެ އިތުރުން ޗައިނާގެ އިރުއުތުރު ޕްރޮވިންސެއް ކަމަށްވާ ހެއިލޮންގޖިއާން އިން ވަނީ 21 އާ ކޭސް އާދީއްތަ ދުވަހު ރިޕޯޓުކޮށްފައެވެ. އަދި މިއީ ރަޝިއާއިން އެޤައުމަށް އައި ޗައިނާގެ ރައްޔިތުންކަމަށް އެޤައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވެއެވެ.

އާދީއްތަ ދުވަހާ ހަމައަށް ޗައިނާއިން ވަނީ 82،052 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައެވެ. އަދި މަރުވި މީހުންގެ ޖުމުލަ އަދަދަކީ 3،339 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
8%
0%
92%
0%
0%
0%
ކޮމެންޓް