Advertisement
ކ. މާލެ
|
17 ނޮވެންބަރ 2025 | ހޯމަ 17:08
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ
ރޮއިޓަރސް
ޝެއިހް ހަސީނާ
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
މަރުގެ ހުކުމް އައީ އިންސާނިއްޔަތާ ހިލާފް ޖަރީމާތައް ހިންގުމުގެ ކުށަކަށެވެ. އެއީ އޭނާއާ ދެކޮޅަށް ދަރިވަރުން ކުރި މުޒާހަރާތައް ރޫޅާލަން މީހުން މެރުމަށް ބަޑިޖެހުން ފަދަ އަނިޔާވެރި އަމަލުތަކަށް އަމުރުކުރި މައްސަލައިގަ އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުން ދުރުކުރި ބޮޑުވަޒީރު ޝައިޚް ހަސީނާ އަށް މަރުގެ ހުކުމް ކޮށްފި އެވެ.

ހަސީނާ މަރަން ބަންގުލަދޭޝްގެ ކޯޓަކުން ހުކުމް ކުރީ، މިދިޔަ އަހަރު އޭނާގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ދަރިވަރުން ކުރި މުޒާހަރާއާއި ދެކޮޅަށް ބާރުގެ ބޭނުން ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުންނާއި އާންމުން މަރުވުމއި ގުޅިގެން، އެކަމުގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ކަނޑައެޅުމަށްފަހު އެވެ.

މި ހުކުމަކީ 1971 ގައި ބަންގުލަދޭޝް އަށް މިނިވަންކަން ލިބުނު ފަހުން އެގައުމުގެ ކުރީގެ ލީޑަރަކާ ދެކޮޅަށް އަޅާފައިވާ އެންމެ ވަރުގަދަ ގާނޫނީ ފިޔަވަޅެވެ. އަދި މި ހުކުމް އައިސްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅު ބާއްވަން ލަފާކުރާ އާންމު އިންތިހާބުގެ ކުރިންނެވެ. ހަސީނާގެ އަވާމީ ލީގް ޕާޓީ އިންތިހާބުގައި ވާދަކުރުން މަނާކޮށްފައިވާއިރު، ހޯމަ ދުވަހުގެ ހުކުމުން ވޯޓުގެ ކުރިން އާ ހަމަނުޖެހުންތަކެއް ހިނގަން ފެށުމުގެ ބިރު އެބައޮތެވެ.

ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން މި ހުކުމް އިއްވީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. ހަސީނާ މިވަގުތު ހުންނެވީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެން އެގައުމުގެ ހިމާޔަތް ހޯއްދަވައިގެންނެވެ.

78 އަހަރުގެ ހަސީނާއަށް އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ދަށުން އުމުރަށް ޖަލު ހުކުމް ވެސް ކުރި އެވެ. އަދި ދަރިވަރުންގެ ހަމަނުޖެހުމުގައި ބައެއް މީހުން މަރާލުމުގައި ބައިވެރިވުން އޮތްކަމަށް ކަނޑައަޅައި މަރުގެ ހުކުމް އިއްވި އެވެ.

ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވުމާއެކު ކޯޓު ރޫމުގައި އުފާ ފާޅުކޮށްފައިވެ އެވެ. އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން ހަސީނާ މަރަން ހުކުމް ކުރި ނަމަވެސް މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ އެވެ.

ނަމަވެސް ހަސީނާގެ ދަރިކަލުން ސަޖީބް ވާޒިދު ވަނީ އާދީއްތަ ދުވަހު، އަވާމީ ލީގުގެ ބައިވެރިވުމާއެކު ޑިމޮކްރެޓިކް ގޮތުން އިންތިހާބުވި ސަރުކާރެއް އައުމަށް ފަހު މެނުވީ ހަސީނާގެ ހުކުމް އިސްތިއުނާފެއް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ޣައިރު ހާޒިރުގައި ހަސީނާގެ މައްޗަށް އިއްވި ހުކުމަށް ރައްދު ދެއްވަމުން ހަސީނާ ވިދާޅުވީ މި ހުކުމަކީ ޑިމޮކްރެޓިކް މެންޑޭޓެއް ނެތް އިންތިހާބުވެފައި ނުވާ ސަރުކާރަކުން ގާއިމުކޮށް ހިންގާ "ހީލަތްތެރި ޓްރައިބިއުނަލަކުން" ނެރުނު ހުކުމެއް ކަމަށެވެ. އެނާ ވިދާޅުވީ އެއީ ސިޔާސީ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ.

ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައި ހަމަނުޖެހުންތަކުގައި 1,400 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. މިއީ ބަންގްލަދޭޝްގެ 1971 ގެ މިނިވަންކަމުގެ ހަނގުރާމައަށް ފަހު އެ ޤައުމުގައި ފެނިފައިވާ އެންމެ ނުރައްކާތެރި ހާދިސާ އެވެ.

ހަސީނާގެ އިތުރުން އޭނާގެ ކުރީގެ ދާޚިލީ ވަޒީރު އަސަދުއްޒަމާން ޚާން ކަމާލް އަދި ކުރީގެ ފުލުސް އޮފީހުގެ އިސްވެރިޔާ ޗައުދުރީ އަބްދުﷲ އަލް-މަމޫން ގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

- ކޮމެންޓް