ބަންގްލަދޭޝްގެ ވެރިކަމުން ދުރުކުރެވުނު ހަސީނާގެ ޕާޓީ އިން މުޅި ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު އެ ގައުމުގައި ހަމަ ނުޖެހުންތައް އިތުރުވެއްޖެ އެވެ.
ވެރިކަމުން ދުރުކުރެވުނު ކުރީގެ ބޮޑުވަޒީރު ޝޭޚް ހަސީނާ އާއި އޭނާގެ އަވާމީ ލީގް ޕާޓީން މުޅި ޤައުމު "ލޮކްޑައުން" އަކަށް ގޮވާލުމާ ގުޅިގެން ބުރާސްފަތި ދުވަހު ބަންގްލަދޭޝް ގައި ކްލާސްތަކާއި ދަތުރުފަތުރު ހުއްޓުމަކަށް އައެވެ. މިއީ ފާއިތުވި އަހަރު ހިނގި އިހުތިޖާޖުތަކުގައި އެތައް ސަތޭކަ މީހުން މަރުވުމާ ގުޅިގެން ހަސީނާގެ މައްޗަށް ކުރެވޭ ޝަރީޢަތާ ދެކޮޅަށް އެ ޕާޓީ އިސް ނަގައިގެން ކުރާ އިހުތިޖާޖެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޚާއްޞަ ޓްރައިބިއުނަލް އިން ހަސީނާގެ މައްޗަށް ކުރެވޭ ޝަރީޢަތުގެ ޙުކުމް އިއްވާނެ ތާރީޚެއް ވަރަށް އަވަހަށް އިޢުލާނު ކުރުމަށް ހަމަޖެހިފައިވެއެވެ.
ހަސީނާގެ މައްޗަށް ދަޢުވާ ކުރެވިފައި ވަނީ ދަރިވަރުންގެ އިސްނެގުމުގެ ދަށުން ހިންގުނު އިހުތިޖާޖު ތަކުގައި ހިންގުނު އަނިޔާވެރި ޢަމަލުތަކާ ގުޅިގެން އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ތުހުމަތުގައެވެ. މި އިހުތިޖާޖުތަކުގެ ސަބަބުން ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް އައިސްފައިވެއެވެ. ހަސީނާ ފިލައިގެން ދިއުމަށް ފަހު މިހާރު ހުރީ އިންޑިއާ ގަ އެވެ.
ޑާކާ އާއި ބަންގްލަދޭޝްގެ އެހެން މައި ސިޓީތަކުގައި ހުރި ސްކޫލްތައް އޮންލައިން ކްލާސްތަކަށް ބަދަލު ވެފައިވާ އިރު، ބުރާސްފަތި ދުވަހު ޢާންމު ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ވަގުތީ ސަރުކާރުން މުޅި ޤައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ.
މިހާރު މަނާ ކުރެވިފައިވާ އަވާމީ ލީގް ޕާޓީން އެ ޕާޓީ އަށް ތާއީދު ކުރާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކަށް އިހުތިޖާޖު ކުރުމަށް ގޮވާލާފައި ވާއިރު، ސަރުކާރާއި ހަސީނާ އަށް އިދިކޮޅު ފަރާތްތަކުން އެ އިހުތިޖާޖުތައް ހުއްޓުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ފާއިތުވި ތިން ދުވަހުގެ ތެރޭގައި ޑާކާ އާއި އެހެނިހެން ސަރަޙައްދުތަކުގައި އަމިއްލަ އަށް ހަދާފައިވާ ބޮން ގޮއްވުމާއި އުޅަނދުފަހަރުގައި އަލިފާން ރޯކުރުމުގެ ޙާދިސާތައް ރިޕޯޓު ކުރެވިފައިވެ އެވެ. މިއީ ސިޔާސީ ހަމަނުޖެހުންތަކުގެ ދިގު ތާރީޚެއް އޮތް މި ޤައުމުގައި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ ނިޝާނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބުދަ ދުވަހުގެ ރޭ ޑާކާ ގައި ރޭލަކާއި ބަހެއްގައި ހިނގި އަލިފާނުގެ ޙާދިސާތައް ރިޕޯޓު ކުރެވިފައި ވާއިރު، އޭގެ ކުރީ ދުވަހު ޑާކާ ޔުނިވަރސިޓީ ކެމްޕަހުގައި ހަދާފައިވާ ބޮންތަކެއް ވަނީ ގޮއްވާލާފަ އެވެ.
ބަންގްލަދޭޝްގެ ވަގުތީ ވެރިޔާ، ނޮބެލް ޞުލްޙައިގެ އިނާމް ލިބިވަޑައިގެންފައިވާ މުޙައްމަދު ޔޫނުސް، ޤައުމާ މުޚާޠަބު ކުރައްވާނެ ކަމަށް އޭނާގެ އޮފީހުން ބުނެފައިވެއެވެ. ޔޫނުސް، ވަގުތީ ސަރުކާރުގެ އިސްވެރިޔާގެ ގޮތުގައި ހަވާލުވެވަޑައިގަތީ ފާއިތުވި އަހަރުގެ އޯގަސްޓް 5 ވަނަ ދުވަހު ހަސީނާގެ ވެރިކަން ނިމުނުތާ ތިން ދުވަސް ފަހުންނެވެ. އޭނާ ވަނީ ހަސީނާ އަށް އަދަބު ދެއްވާނެ ކަމަށް ވައުދުވެފަ އެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު، ސިފައިންނާއި އެހެނިހެން ސަލާމަތީ ބާރުތައް ވަނީ ޚާއްޞަ ޓްރައިބިއުނަލްގެ ސަރަޙައްދު ބެލެހެއްޓުމަށް ހަރަކާތްތެރި ވެފަ އެވެ. މި ޓްރައިބިއުނަލް އިން ހަސީނާ އާއި ކުރީގެ ދާޚިލީ ވަޒީރު އަސަދުއްޒަމާން ޚާން އާއި ކުރީގެ ޕޮލިސް ޗީފް ގެ މައްޗަށް ހިންގި ޝަރީއަތުގެ ހުކުމް އިއްވުމަށް ދަނީ ތައްޔާރުވަމުން ނެވެ.
ހަސީނާ އާއި ކުރީގެ ދާޚިލީ ވަޒީރު ޚާންގެ މައްޗަށް ޝަރީޢަތް ކުރެވެނީ އެ ދެ މީހުންގެ ޣައިރު ހާޒިރުގައެވެ.
ވަގުތީ ސަރުކާރުން ވަޢުދު ވެފައި ވަނީ ޕާލިމަންޓަރީ އިންތިޚާބު ފެބްރުއަރީ މަހު ބާއްވާނެ ކަމަށެވެ. ނަމަވެސް ހަސީނާ ގެ އަވާމީ ލީގުން ވަނީ އެ އިންތިޚާބުގައި އެ ޕާޓީ އަށް ބައިވެރިވުމުގެ ފުރުޞަތު ނުލިބޭތީ އިންތިޚާބާ ދެކޮޅަށް ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭން ހިންގަނީ މައިގަނޑު ގޮތެއްގައި ސޯޝަލް މީޑިއާގެ ޒަރީޢާ އިން ނެވެ.
ހަސީނާ ގެ މައްޗަށް ދަޢުވާ އުފުލާ ޓްރައިބިއުނަލް އަކީ "ކެންގަރޫ ކޯޓެއް" ކަމަށް ހަސީނާގެ ޕާޓީން ބުނެފައިވެއެވެ. ހަސީނާ ވަކީލެއް ޢައްޔަން ކޮށްފައި ނުވާއިރު، ދައުލަތުން އޭނާ ތަމްސީލު ކުރުމަށް ޢައްޔަން ކުރި ވަކީލާ މެދު ހިތްހަމަނުޖެހުން ވަނީ ފާޅު ކޮށްފަ އެވެ.
ފާއިތުވި މަހު، ޓްރައިބިއުނަލްގެ ޗީފް ޕްރޮސެކިއުޓަރ ތާޖުލް އިސްލާމް، ހަސީނާއަށް މަރުގެ އަދަބު ދިނުމަށް އެދިފައިވެއެވެ. އޭނާގެ ވާހަކަތަކުގައި، ހަސީނާއަކީ އިހުތިޖާޖުތަކުގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާ ތަކުގެ "މާސްޓަރމައިންޑް" ކަމަށް ބުނެފައިވެއެވެ.
އދ. އިން ފެބްރުއަރީ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މުޒާހަރާތަކުގައި 1,400 މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ. އަދި ވަގުތީ ސަރުކާރުގެ އޮފިޝަލުން ބުނެފައިވާ ގޮތުން 800 އަށްވުރެ ގިނަ މީހުން މަރުވެ، 14,000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.
ހަސީނާ މި އަދަދުތަކަށް ދެކޮޅު ހަދާ، މިނިވަން ތަޙުޤީޤެއް ހިންގުމަށް އެދިފައިވެއެވެ.
އަނެއްކޮޅުން، ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާ އިން ބުދަ ދުވަހު ޑާކާ ގައި ހުންނަ އިންޑިއާ ގެ ޑެޕިއުޓީ ހައި ކޮމިޝަނަރ ހާޒިރުކޮށް "ފިލާފައިވާ" ހަސީނާ އަށް އިންޑިއާ ގެ މެއިންސްޓްރީމް މީޑިއާ އާ ވާހަކަ ދައްކަން އިންޑިއާ އިން ފުރުޞަތު ދޭތީ ކަންބޮޑުވުން ރަސްމީކޮށް ފާޅުކޮށްފައި ވެއެވެ.
ފާއިތުވި ހަފުތާ ތަކުގައި އިންޑިއާ ގެ މީޑިއާ ތަކުން ހަސީނާ އާ ކޮށްފައިވާ އިންޓަވިއުތައް ޝާއިޢު ކޮށްފައި ވެއެވެ. މިކަމުން ބަންގްލަދޭޝް ގެ މިހާރުގެ ސަރުކާރު ރުޅި އައިސްފައި ވާކަން ފާހަގަ ކުރެވެއެވެ.
ހަސީނާ އޭނާގެ އިންޓަވިއުތަކުގައި ޔޫނުސް އަށް ތުހުމަތުކޮށްފައި ވަނީ އިންސާނީ އަދި ސިޔާސީ ޙައްޤުތަކަށް، ޚާއްޞަކޮށް އޭނާގެ ތާއީދު ކުރާ ފަރާތްތަކުގެ ޙައްޤުތަކަށް އަރައިގަންނަ ކަމުގައެވެ. ޔޫނުސްގެ އިސްނެގުމުގެ ދަށުން ހިންގާ ސަރުކާރުން ހަސީނާގެ ޕާޓީގެ ހުރިހާ ޙަރަކާތްތަކެއް ވަނީ މަނާ ކޮށްފަ އެވެ.