Advertisement
ކ. މާލެ
|
17 ނޮވެންބަރ 2025 | ހޯމަ 08:12
މި ފޮޓޯ އިލްސްޓްރޭޝަންގައި ފެންނަނީ އެންޑްރޮއިޑް މޯބައިލް ޑިވައިސްއެއްގައި އިންސްޓޯލް ކޮށްފައިވާ އިންސްޓަންޓް މެސެޖިން ޓެލެގްރާމް ލޯގޯ އަދި އޭގެ ފަހަތުގައި ހެކަރެއް ރަމްޒުކުރާ މީހަކު ކޮމްޕިއުޓަރުގައި މަސައްކަތް ކުރަނީ
މި ފޮޓޯ އިލްސްޓްރޭޝަންގައި ފެންނަނީ އެންޑްރޮއިޑް މޯބައިލް ޑިވައިސްއެއްގައި އިންސްޓޯލް ކޮށްފައިވާ އިންސްޓަންޓް މެސެޖިން ޓެލެގްރާމް ލޯގޯ އަދި އޭގެ ފަހަތުގައި ހެކަރެއް ރަމްޒުކުރާ މީހަކު ކޮމްޕިއުޓަރުގައި މަސައްކަތް ކުރަނީ
ގެޓީއިމޭޖަސް
އިންޑިއާ
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
އިންޑިއާގެ މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ކެމެރާތައް ހެކްކޮށްގެން އަންހެނުންގެ ސެންސިޓިވް ވީޑިއޯތައް ޓެލެގްރާމްގައި ވިއްކާލި ބޮޑު ސައިބަރ ކްރައިމް ނެޓްވޯކެއް ފުލުހުން ހޯދިއިރު، އެމީހުން ވަނީ 4000 އަށްވުރެ ގިނަ ސީސީޓީވީތަކުން ފުޓޭޖްތައް ވަގަށް ނަގާފައި.

އިންޑިއާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގައި ހުރި ސީސީޓީވީ ވީޑިއޯތައް ހެކް ކޮށްގެން ވަގަށް ނެގުމަށް ފަހު ޓެލެގްރާމްގައި ވިއްކާލާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

މިއާއެކު ސީސީޓީވީ ކެމެރާތައް އާންމުވެފައިވާ އިންޑިއާ ގައި ޕްރައިވަސީ އާއި ސެކިއުރިޓީއާ ބެހޭގޮތުން ސީރިއަސް ސުވާލުތައް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި އަހަރުގެ ކުރީކޮޅު، ގުޖަރާތު ސްޓޭޓުގެ ފުލުހުންނަށް މީޑިއާ ރިޕޯޓުތަކުން އެނގުނު ގޮތުގައި އިންޑިއާގެ ސިޓީއެއް ގައި ހުރި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގައި މާބަނޑު އަންހެނުން ޑޮކްޓަރަށް ދައްކަމުންދަނިކޮށް ނަގާފައިވާ ވީޑިއޯތައް ޔޫޓިއުބްގައި ހުރި ކަމަށެވެ. ކުރުކޮށް ހުރި އެ ވީޑިއޯ ތަކުގައި ބުނެފައިވަނީ ދިގު ވީޑިއޯ އޭގައިވާ ލިންކުން ލިބޭނެ ކަމަށެވެ. އަދި އެ ލިންކުން ޑައިރެކްޓް ކުރަނީ ދިގު ވީޑިއޯ ގަންނަން ލިބެން ހުރި ޓެލެގްރާމް ޗެނެލަކަށެވެ.

ހޮސްޕިޓަލުގެ ޑިރެކްޓަރު ބީބީސީ އަށް ބުނީ ސީސީޓީވީ ހަރުކޮށްފައި ހުރީ ޑޮކްޓަރުންގެ ސަލާމަތަށްޓަކައި ކަމަށެވެ. ވީޑިއޯތަކުގައި ހުރި އަންހެނުންގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށްޓަކައި ބީބީސީން ސިޓީގެ ނަމާއި ހޮސްޕިޓަލުގެ ނަން ހާމަ އެއް ނުކުރެއެވެ.

ފުލުހުން ބުނާގޮތުގައި އެމީހުންގެ ތަހުގީގުން ހާމަވީ، ވީޑިއޯތައް ވަގައް ނަގާފައިވަނީ ބޮޑު ސައިބަރ ކްރައިމް ގްރޫޕަކުން ކަމަށާއި، އިންޑިއާގެ އެކި ހިސާބުތަކުގައި ހުރި ހަތަރު ހާހަށްވުރެ ގިނަ ސީސީޓީވީ ތަކުން ސެންސިޓިވް ފުޓޭޖްތަކުން ހެކަރުން ވައްކަންކޮށް އިންޓަނެޓްގައި ވިއްކާލާފައިވާ ކަމެވެ.

އިންޑިއާ ގައި ސީސީޓީވީތައް އާންމުވެފައިވާއިރު، ހާއްސަކޮށް ސިޓީތަކުގައި ހުރިހާ ތަނެއްގައި ކަހަލަ ގޮތައް ސީސީޓީވީ ވަނީ ހަރުކޮށްފަ އެވެ. މޯލްތަކުގައި، އޮފީސްތަކުގައި، ހޮސްޕިޓަލްތަކުގައި، ސްކޫލްތަކުގައި، ޕްރައިވެޓް އެޕާޓްމަންޓް ކޮމްޕްލެކްސްތަކުގައި އަދި އާންމުންގެ ގެތެރޭގައި ވެސް ސީސީޓީވީތައް ހުންނަނީ ހަރުކޮށްފައެވެ.

ސީސީޓީވީން ސެކިއުރިޓީ ވަރުގަދަވި ނަމަވެސް، ރަނގަޅަށް އިންސްޓޯލް ނުކުރާ ނުވަތަ ރަނގަޅަށް މެނޭޖް ނުކުރާ ސިސްޓަމްތަކުން ޕްރައިވަސީ އަށް ނުރައްކާ ވެދާނެ ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ. އިންޑިއާ ގައި، ކެމެރާތައް އާންމުކޮށް ބަލަހައްޓަނީ ސައިބަރ ސެކިއުރިޓީގެ ތަމްރީނެއް ނެތް މުވައްޒަފުންނެވެ. އަދި ގައުމުގައި އުފައްދާ ބައެއް މޮޑެލްތައް ފަސޭހައިން ހެކް ކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާ ގައި ވެބްކެމް އާއި، ސީސީޓީވީ ހެކްކޮށް، ޕްރައިވެޓް ވީޑިއޯތައް ވައިރަލް ކުރާނެ ކަމަށް ބުނެ ފައިސާ އަށް ޑިމާންޑް ކުރުމުގެ އެތައް ހާދިސާ އެއް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފާއިތުވި އަހަރު، މައި ސަރުކާރުން ސްޓޭޓްތަކަށް އަންގާފައި ވަނީ ސެކިއުރިޓީއާއި ޑޭޓާ ބްރީޗްގެ ރެކޯޑް ހުރި ސަޕްލަޔަރުންގެ އަތުން ސީސީޓީވީ ނުގަތުމަށެވެ. އަދި ސީސީޓީވީ ކެމެރާތަކުގެ ސައިބަރ ސެކިއުރިޓީ ރަނގަޅުކުރުމަށް އާ ގަވާއިދުތަކެއް ވެސް ތައާރަފް ކުރިއެވެ. ނަމަވެސް މިފަދަ ހެކް ކުރުމުގެ ހާދިސާ ތައް އަދިވެސް ރިޕޯޓް ކުރެވެމުން ދެއެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް