އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި ހުކުރު ދުވަހުގެ ރޭ ދަންވަރު ފުލުހުން އަތުލައިގަތް ގޮވާތަކެތި ސްޓޭޝަނުގައި ހުއްޓާ ގޮވައިގެން ހަތް މީހަކު މަރުވެ 27 މީހަކު ޒަހަމްވެފައިވާ ކަމަށް އެންޑީޓީވީ އިން ރިޕޯޓް ކޮށްފި އެވެ.
މަރުވި މީހުންގެ ތެރޭގައި ގިނައީ ފުލުސް އޮފީހުގައި ރައްކާކޮށްފައި ހުރި ގޮވާތަކެތި ބަލަމުން ދިޔަ ފުލުހުންނާއި ފޮރެންސިކް ޓީމްގެ އޮފިޝަލުން ކަމަށް ރިޕޯޓުގައިވެ އެވެ. މަރުވި މީހުންގެ އަދަދު އިތުރަށް މައްޗަށް އަރާފާނެ ކަމަށާއި، ޒަހަމްވި މީހުންގެ ތެރެއިން ފަސް މީހުންގެ ހާލު އަދިވެސް ސީރިއަސް ކަމަށް އެންޑީޓީވީން ބުނެ އެވެ.
އެ ތަކެތި ގޮވި ސަބަބު ޔަގީން ކުރެވޭ ގޮތެއް ނުވެ އެވެ. ޖަމްމޫ އެންޑް ކަޝްމީރުގެ ފުލުހުންގެ ބަހެއް ހޯދުމަށް ނޫސްތަކުން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވެ އެވެ. މީގެ ކުރިން ލޯކަލް ޕޮލިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވީ ގޮވުމެއް ގޮވައިގެން ނޯގަމް ޕޮލިސް ސްޓޭޝަނަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ކޮމްޕައުންޑްގައި އަލިފާން ރޯވެ، ފަޔާ ޓެންޑަރުތައް އެތަނަށް ގެންގޮސްފައިވާ ކަމަށާއި، އެތަނަށް ގެއްލުންވާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
މި ގޮވުން ހިނގާފައި ވަނީ އިންޑިއާ އިން ޓެރަރިސްޓް ހާދިސާއެއް ކަމަށް ބުނާ، ދިއްލީގައި ކާރެއް ގޮއްވާލިތާ ހަތަރު ދުވަސް ފަހުންނެވެ.