މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނިގެން ހައްޔަރުކުރި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ އަދި އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒު ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލޭގައި އަންގާރަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެޕާޓްމަންޓް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނުމާއި ގުޅިގެން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެ އެޕާޓްމަންޓަކީ ފައެނާ އާއި އޭނާގެ ފިރިމީހާ ދިރިއުޅެމުން ދިޔަ ތަނެވެ. އެތަނުން މަސްތުވާތަކެތި ފެނިފައިވެއެވެ.
އެދެމީހުން ހައްޔަރުކޮށް ބުދަ ދުވަހު ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފައެނާގެ ފިރިމީހާ އަޒްހާދު 15 ދުވަހަށް ބަންދުގެ މުއްދަތު ޖެހުމަށްފަހު ފައެނާ ޝަރުތުތަކާއެކު ވަނީ ދޫކޮށްލާފައެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ފައެނާ ދޫކޮށްލުމާއެކު ސޯޝަލް މީޑިއާ ގައި ގިނަބަޔަކު ވަނީ އެކަމަށް ފާޑު ކިޔާފައެވެ.
މި މައްސަލައިގައި ހައްޔަރު ކުރެވުނު ފައެނާ ފައްޔާޒަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާގެ މަގާމަށް 26 ނޮވެމްބަރު 2023 ގައި އައްޔަންކުރެވުނު ފަރާތެވެ. އޭނާއަކީ 12 އަހަރުގެ ތަޖުރިބާ ލިބިފައިވާ ގާނޫނީ ވަކީލެއް ކަމާއި، ބަންޑާރަ ނައިބު އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަން ބަލަހައްޓަވާ ފަރާތްވެސް މެއެވެ.
އިތުބާރު ހުރި ފަރާތަކުން މައުލޫމަތު ދިން ގޮތުގައި ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގެ ތެރެއިން 33 ގްރާމްގެ ޑައިމޯފިން ފެނިފައިވެއެވެ. އަދި އެތަނުގެ ތެރެއިން ފައިސާ ވެސް ފެނިފައިވާ ކަަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ހާމަކުރާއިރު، މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ ފަރާތުގެ ތަފްސީލީ މައުލޫމާތު މިވަގުތާ ހަމައަށް އާންމުކޮށްފައެއް ނުވެއެވެ.