Advertisement
ކ. މާލެ
|
25 ނޮވެންބަރ 2025 | އަންގާރަ 19:28
އޮޕަރޭޝަން އަލިމަގުން އަތުލައިގަތް ބައެއް މަސްތުވާތެކެތި އަދި ފައިސާ
އޮޕަރޭޝަން އަލިމަގުން އަތުލައިގަތް ބައެއް މަސްތުވާތެކެތި އަދި ފައިސާ
ޕޮލިސް މީޑިޔާ
އޮޕަރޭޝަން އަލިމަގު
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ
އޮޕަރޭޝަން އަލިމަގު ހިންގުމުގައި 500 ފުލުހުން ބައިވެރިވެ 39 ރަށެއްގައި 105 ތަނެއް ބަލައި 110 މީހަކު ހައްޔަރު ކޮށްފައިވޭ
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނުގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކު ގއ. އަދި ގދ. އަތޮޅުން ހައްޔަރު ކުރި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ ބޮޑު ޑްރަގް އޮޕަރޭޝަން "އޮޕަރޭޝަން އަލިމަގު" ގައި މިހާތަނަށް 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އޮޕަރޭޝަނުގައި ރެއިޑް ކުރި ތަންތަނުން މަސްތުވާތަކެތީގެ އިތުރުން ފައިސާވެސް ވަނީ ފެނިފަ އެވެ. އެގޮތުން 188،959.84 ރުފިޔާ އެތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ.

"އޮޕަރޭޝަން އަލިމަގު" އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އަންގާރަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ރާއްޖޭގެ 5 ސަރަހައްދެއްގެ 39 ރަށެއްގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވި ކަމަށެވެ. މި އޮޕަރޭޝަނުގައި 105 ތަނެއް ބަލައި ފާސްކުރުމަށްފަހު 110 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ.

"އޮޕަރޭޝަން އަލިމަގު" އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 61 މީހެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޔެވެ. އަދި އެ މީހުން ކޯޓަށް ހާޒިރުކުރުމުން 38 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކޮށް ކޯޓު މަރުހަލާއިން ބަންދުކުރި މީހުންގެ ވަނަވަރު ފުލުހުން ވަނީ އާއްމުކޮށްފަ އެވެ. އަދި ހައްޔަރުކުރީ ކޮން އަތޮޅަކުންކަން އެނގޭނެ ގޮތަށް ތަފުސީލުތައް ފުލުހުން ހިއްސާކުރި އެވެ. ފުލުހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު މި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 12 މީހަކު 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އެންމެ މީހެކެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް މީހަކު 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި ހަ މީހަކު ހަތް ދުވަހަށް ބަންދުކުރިއިރު ހަ މީހަކު ފަސް ދުވަހަށް ބަންދުކޮށްފައިވެ އެވެ. އެކަކު އަށް ދުވަހަށް ބަންދުކޮށްފައި ވާއިރު ދެ މީހަކު ދިހަ ދުވަހަށް ބަންދުކޮށްފައިވެ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނުގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކު ގއ. އަދި ގދ. އަތޮޅުން ހައްޔަރުކޮށްފައިވެ އެވެ. މާލެއިން ވެސް އެފަދަ 2 މީހަކު ހައްޔަރުކުރި ކަމަށް އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކުރި އެވެ. މި މީހުންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މަސްތުވާތަކެތި ފޯރުކޮށްދެމުން އައި މީހުންކަން ފުލުހުން ތަހުގީގުން ދައްކައިދޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އޮޕަރޭޝަނާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވާ ގޮތުގައި އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެކެވެ. އަދި އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ބުނާ ގޮތުގައި، ޑްރަގާ ދެކޮޅަށް ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ. އެ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބޭން ދިރާސާ ކުރަން ޖުލައި މަހު ރައީސް މުއިއްޒު އެންގެވި އެވެ. މި ސިޔާސަތުގެ ދަށުން ޑްރަގް ވިޔަފާރިވެރިންނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ވެސް ދިރާސާކުރަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.

- ކޮމެންޓް