މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުނުކަމުގެ ތުހުމަތުގައި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ގދ. ގައްދޫ އަށް ނިސްބަތްވާ، 42 އަހަރުގެ އިސްމާއިލް އަބްދުﷲ އެވެ.
ބަންދުގެ މައްދަތު ޖަހަން ހޯމަ ދުވަހު އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ފަސް ދުވަހުގެ ބަންދުގެ މުއްދަތު ދިނީ ވަކީލަކު ބޭނުންވާ ކަމަށް ބުނުމުން އެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
ކޯޓުގައި ފުލުހުން ބުނި ގޮތުގައި، އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފޭންކޮޅެއް އޭގެ ތެރެއިން ފެނިފައިވެ އެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
ކޯޓުގައި އޭނާގެ ފަރާތުން އެ ކުށަށް އިންކާރުކޮށްފައެއް ނުވަތަ އެއްބަސްވެފައެއް ވެސް ނުވެ އެވެ. ވަކީލަކު ބޭނުންވާ ކަމަށް ބުނުމަށް ފަހު އޭނާ ބުނެފައިވަނީ އޭނާ އަކީ އެންޑީއޭ ގެ ވަޒީފާ ގައި އުޅޭ މީހެއް ކަމަށާއި އަދި ކުޑަ ދަރިންތަކެއްގެ ބައްޕަ އެއް ކަމަށެވެ.
މި މައްސަލަ އަކީ މިފަހުން އެންޑީއޭ ގެ މުވައްޒަފުންނާ ގުޅިގެން ފެންމަތިވި ދެވަނަ މައްސަލަ އެވެ. މީގެ ކުރިން ވެސް އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި، އެ އިދާރާގެ މުވައްޒަފަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ހައްޔަރުކުރީ އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގަ އެވެ.
މަސްތުވާތަކެތި ފެތުރުން ހުއްޓުވުމަށް މަސައްކަތްކުރާ އިދާރާއެއްގެ މުވައްޒަފުން މި ފަދަ މައްސަލަތަކުގައި ހައްޔަރުވުމަކީ އެ އިދާރާގެ މަސައްކަތަށް ބޮޑު ނުރައްކަލެއް ކަމަށް ބެލެވެ އެވެ. މި މައްސަލަތައް ސީރިއަސްކޮށް ބަލައި، އެންޑީއޭ ގެ މުވައްޒަފުންގެ ތެރެއިން މި ފަދަ ކަންކަން ހިނގާނަމަ، އެކަމުގެ ޒިންމާ ނަގައި ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.