Advertisement
ކ. މާލެ
|
24 ނޮވެންބަރ 2025 | ހޯމަ 08:12
މަސްތުވަތަކެއްޗާއެކު ޒުވާނަކު ހައްޔަރުކުރި ކަމަށް ބުނެ ފުލުހުން އެކްސް ގައި ކުރި ޕޯސްޓް
މަސްތުވަތަކެއްޗާއެކު ޒުވާނަކު ހައްޔަރުކުރި ކަމަށް ބުނެ ފުލުހުން އެކްސް ގައި ކުރި ޕޯސްޓް
ރާއްޖެއެމްވީ
މޯލްޑިވްސް ޕޮލިސް ސަރވިސް
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން
މަނަދޫ ޒުވާނަކު މަސްތުވާތަކެތީގެ މައްސަލައިގައި 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވޭ
ފުލުހުންގެ ސޯޝަލް މީޑިއާއިންނާއި ވެބްސައިޓުން އަދި ކްރިމިނަލް ކޯޓުގެ ވެބްސައިޓުން ވެސް އެ މައްސަލައާ ގުޅޭ މައުލޫމާތު ފެންނަން ނެތް

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު ފޮޓޯއާއި މައުލޫމާތު ފުލުހުންގެ ސޯޝަލް މީޑިއާއިންނާއި ވެބްސައިޓުން ނެގީ ތަހުގީގު ބޭނުމަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިފަދައިން ބުނީ، "މަސްތުވާތަކެއްޗާ އެކު ހުޅުމާލެ އިން މީހަކު ހައްޔަ ރުކޮށްފި" މި ސުރުހީގެ ދަށުން ފުލުހުންގެ ވެބްސައިޓް "ޕޮލިސް ލައިފް" ގައި ލިޔެފައިވާ ހަބަރު ފޮޓޯއާއެކު ސޯޝަލް މީޑިއާގައި އާދީއްތަ ދުވަހު މެންދުރުކުރީގައި ފޮޓޯ އާންމު ކުރުމަށްފަހު ފަހުން އެ ޕޯސްޓްތައް ނަގާފައިވާތީ ސުވާލު ކުރުމުންނެވެ.

ފުލުހުން ހައްޔަރުކުރީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަދި މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސްނީ މުބާރަކް ނިސްބަތްވާ، ނ. މަނަދޫ ޒުވާނެކެވެ. ހައްޔަރު ކުރީ ނ. މަނަދޫ / ރޯޝަނީގެ، ޙަސަން ނާހިލް (18އ) އެވެ. އޭނާ ހައްޔަރަށް ގެނެވުނީ މި މަހުގެ 22 ވަނަ ދުވަހު ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިންނެވެ. އޭނާގެ ޢަމަލުތައް ހުރިގޮތުން އޭނާ ބަލައި ފާސް ކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 31.23 ގްރާމު ހުރިކަމަށް ފުލުހުން ބުނެއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ.

ޕޯސްޓްތައް ފުލުހުން ޑިލީޓް ކުރި މައްސަލައިގައި ފުލުހުން ބުނީ އެކަން ކުރީ ތަހުގީގު ބޭނުމަށް ކަމަށެވެ. އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނެތް ކަމަށެވެ. އޭނާ ހައްޔަރު ކުރި މައްސަލައާއި އަތުލައިގަތް މަސްތުވާތަކެއްޗާއި އަދި ގުޅުންހުރި މައުލޫމާތު ވެސް ހާމަކުރުމަށް ފުލުހުން ދެކޮޅު ހެދި އެވެ.

ފުލުހުންގެ ޕޯސްޓްތައް ޑިލީޓް ކޮށްފައިވާ އިރު، ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ވެސް އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވާ ބަންދު އަމުރު ވެސް ފެންނަން ނެތެވެ. އޭނާ ހައްޔަރު ކުރީ 22 ވަނަ ދުވަހުގައި ކަމަށް ފުލުހުން ބުނެފައިވާ އިރު، އެ ދުވަހުވެސް އަދި 23 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުގައި އޭނާގެ އަމުރު ފެންނަން ނެތެވެ.

- ކޮމެންޓް