ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގއ. އަދި ގދ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި 16 މީހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ސައުތު ޕޮލިސް މި މަހުގެ 2 އިން 13 އަށް ގއ. އަދި ގދ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ގއ. މާމެންދޫއިން ހައްޔަރުކުރި 7 ފިރިހެނުންނާއި އަންހެނަކާއި ގދ. ވާދޫއިން ހައްޔަރުކުރި 5 ފިރިހެނުންގެ އިތުރުން މާލެއިން ހައްޔަރުކުރި 3 ފިރިހެނުން ކަމަށް ވެސް ފުލުހުންގެ މެސެޖުގައި ވެއެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެކެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް 18 ގެއަކާއި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށަކާއި 2 ހުސްބިން ބަލައިފާސްކުރުމުގެ އިތުރުން 2 ކާރާއި 5 ސައިކަލް ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަން ހާމަކޮށްފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، 3 މީހަކަށް 30 ދުވަސް، 6 މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އެ މެސެޖާއެކު ފުލުހުން ފޮނުވި އިތުރު މެސެޖެއްގައި ބުނީ މި އޮޕަރޭޝަންގެ މައުލޫމާތު ކުރިން ހިއްސާ ނުކުރީ މި އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ތަންތަނަކީ ވެސް "އޮޕަރޭޝަން އަލިމަގު" އާ ގުޅޭގޮތުން އެއްކުރެވުނު މައުލޫމާތުގެ އަލީގައި ބަލައި ފާސްކުރެވުނު ތަންތަނަށް ވާތީ ކަމަށެވެ.