ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 19:35
ސަރުކާރުގެ ކުންފުނިތަކުގެ އިސްމަޤާމުތަކެއް ކުރިން އަދާކުރެއްވި  އާތިފް
ސަރުކާރުގެ ކުންފުނިތަކުގެ އިސްމަޤާމުތަކެއް ކުރިން އަދާކުރެއްވި އާތިފް
ރާއްޖެއެމްވީ
މާލީ ބަޤާވާތުގެ ތުހުމަތު
ސީދާ ގޮތެއްގައި ޤައުމުގެ ބޭންކިން ނިޒާމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަދެވަޑައިގަތްކަން ހާމަކުރެއްވީ ސަރުކާރުން - އާތިފް
މާލީ ބަޣާވާތުގެ ތުހުމަތުގެ މައްސަލަ ފުލުހުން ދަނީ ބަަލަމުން
މާލީ ނިޒާމަށް ފާޅުގައި އަތް ބޭނުމަކީ އިންވެސްޓަރުން ނައުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް އާތިފް ވަނީ ވިދާޅުވެފަ
ބީއެމްއެލް އިން މާލީ ބަޣާވާތެއް ކުރިކަމަށް ބުނާ މައްސަލައިގައި ހުރިހާ ފަރާތްތަކުން ވެސް ޢަމަލު ކުރީ ގޯސްކޮށްކަމަށް އާތިފް ވިދާޅުވި

ސީދާ ގޮތެއްގައި ޤައުމުގެ ބޭންކިން ނިޒާމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަދެވަޑައިގަތްކަން ހާމަކުރެއްވީ ސަރުކާރުން ކަމަށް ސަރުކާރުގެ ކުންފުނިތަކުގެ އިސްމަޤާމުތަކެއް ކުރިން އަދާކުރެއްވި އަދި އިޤްތިޞާދީ ކަންކަން ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އާތިފް ޝުކޫރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ މައްސަލަ ތަހުގީގު ކުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފައެވެ. އޭނާ ވިދާޅުވީ ބީއެމްއެލް އިން މާލީ ބަޤާވާތެއް ކުރިކަމަށް ބުނާ މައްސަލައިގައި ހުރިހާ ފަރާތްތަކުން ވެސް ޢަމަލު ކުރީ ގޯސްކޮށްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ބީއެމްއެލް އަކީ ރާއްޖޭގެ މައި ބޭންކްކަމަށް ވާއިރު އެ ބޭންކުން އަމަލުކުރަން ވާނީ ރާއްޖޭގެ އިޤްތިޞާދަށް ފަހި ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެއް ދުވަހު ހެނދުނު ބޭންކުން އެފަދަ ކަމެއް އިޢުލާންކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަަމަށެވެ. އެހެންނަމަވެސް ބޭންކަށް ދިމާވި މައްސަލަތައް ހައްލުކުރަން ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް ތަކުރާރުކޮށް މަސައްކަތް ކުރިކަން ބޭންކުގެ ލިޔުންތަކުން އެނގޭ ކަމަށާއި އެކަން ހިނގި ގޮތުގައި ސަރުކާރުގެ މައްސަލަ އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވެށީގަ ދިވެހިންނަށް އުޅެވޭނެ ގޮތެއް ހޯއްދަވާދެއްވަން ޖެހޭނެ. އަޅުގަނޑު ނަމަ އާއްމުކުރާނަން ތަކުރާރުކޮށް މަސައްކަތްކޮށްގެން މި ދުވަހު މި މީހާ އާ ބައްދަލު ކުރީމޭ، މިވެނި މީހަކަށް ހުށަހެޅީމޭ ހައްލެއް ނުވިއޭ. އެހެންވީމަ ކުރިއަށް އޮތް ހަފްތާ ތެރޭގަ އެ ނޫން މަގެއް ނުދައްކައިފިއްޔާ މި ފިޔަވަޅު އަޅާނަމޭ ހާމަކުރާނަން އަޅުގަނޑުމީ ބޭންކް ހިންގަން ހުރި މީހާ ނަމަ. އަޅުގަނޑު ނަމަ އެ ދުވަހު ކަންތައްތައް ކުރާނީ އެހެން.
އާތިފް ޝުކޫރު

ރައީސް މިވެނި ގޮތަކަށް ވިދާޅުވި ކަމަށް ވިދާޅުވުމަކީ ވަޒީރުން ކުރައްވާ ޒާތުގެ ކަމެއް ނޫން ކަަމަށް ވެސް އާތިފް ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ވުޒާރާތަކަށް އެހި ފަންތީގައި ތަފާތު އެކި މަޝްވަރާ އާއި ޚިޔާލު ލިބޭނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ރައީސް ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާ ބޭންކިން ނިޒާމަށް ނުފޫޒު ފޯރުވިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަހަލަ ކަންކަމަކީ ކޮށްގެން ވާނެ ޒާތުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދުވަހު އެމްއެމްއޭ އިން އެ ދުވަހު މަސައްކަތްކުރެއްވީ ސަރުކާރުގެ ނިވާފަތްގަނޑެއްހެން ކަމަށް އާތިފް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ މާލީ ނިޒާމްގެ ބެލެނިވެރިޔާ ކަަމަށް ވުމާއި އެކު އެއީ އެމްއެމްއޭ އިން ކަންކަންކޮށްގެންވާނެ ގޮތެއް ނޫން ކަމަށް އާތިފް ވިދާޅުވިއެވެ. މާލީ ނިޒާމަށް ފާޅުގައި އަތް ބޭނުމަކީ އިންވެސްޓަރުން ނައުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް އާތިފް ވަނީ ވިދާޅުވެފައެވެ.

މާލީ ބަޤާވާތެއް ހިނގި ކަމަށް ބުނެ އަޑު ފެތުރުނީ ރާއްޖޭގެ ފިޗް ރޭޓިން ދަށްކޮށްފައިވާ ދަނޑިވަޅެއްގެ ގޮތުގައި ކަމަށާއި ބީއެމްއެލްގެ ސީއީއޯ އިސްތިއުފާދެއްވީ ވެސް އެ މައްސަލައިގެ ތެރޭގައި ދިމާވި ކަންތައްތަކުގެ ސަބަބުން ކަމަށް އާތިފް ހާމަކުރެއްވިއެވެ.

ފުލުހުންގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާ އާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ހަމަ އެ ވަގުތު ސޯޝަލް މީޑިއާ ގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް