ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ މި ވަގުތު އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ބޭއްވި އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ޕެންޝަން ފަންޑް ނިވާފަތްގަނޑަކަށް ހަދައިގެން ފައިސާ ޗާޕު ކުރުމަކީ މިވަގުތު އިގްތިސާދީ ގޮތުން ނުރައްކާތެރި ކަމެއް ކަމަށާއި، ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް ކަމަށެވެ.
އަމީރު ވިދާޅުވީ، މިނިސްޓްރީ އޮފް ފިނޭންސް އިން 2.5 ބިލިއަން ރުފިޔާގެ ޑުއަލް ކަރަންސީ ޓީބޮންޑެއް ވިއްކަން ޕެންޝަން ފަންޑަށް ހުށަހަޅާފައިވާ ކަމަށާއި، ޕެންޝަން އޮފީހުގައި އެ ވަރަށް ފައިސާ ނެތުމުން އެމްއެމްއޭ އަށް ޓީބޮންޑް ޕޯޓްފޯލިއޯ އިން 2.5 ބިލިއަން ރުފިޔާފެ އެސެޓް ވިއްކާލައިގެން 2.5 ބިލިއަން ރުފިޔާ އެމްއެމްއޭއިން ހޯދާފައިވާ ކަމަށެވެ. އަދި އެމްއެމްއޭ އިން ސެކަންޑަރީ މާކެޓުގައި ޓީބޮންޑް ގަންނަނީ ޑިސްކައުންޓެއްގައި ކަމަށްވާތީ، ޕެންޝަން އޮފީހަށް ވާ ގެއްލުން ފޫ ބެއްދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ކުޑަ ރޭޓުގައި ހުރި ޓީބިލް ބޮޑު ރޭޓުގައި ހުންނަ ޓީބޮންޑަށް ބަދަލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން މަރުކަޒީ ބޭންކުން ފައިސާ ނަގައިގެން ސަރުކާރަށް ވެއްދުމަށް ކުރާ ކަމެއްކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، މިއީ ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން މަރުކަޒީ ބޭންކުން ފައިސާ ނެގުން މަނާވާތީ، އަދި އިސްތިސްނާ ހާލަތެއް ނެތުމުން ހަދާ ގޮތެއް ކަމަށާއި، ޓްރާންސެކްޝަން ހިންގަނީ ސަރުކާރުގެ ހަރަދުތަކަށް ފައިސާ ބޭނުންވާތީ އެމްއެމްއޭ އިން ފައިސާ ނެގުމަށް ކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މަރުކަޒީ ބޭންކުން ނެގެން އޮތްހާ ގޮތަކަށް ފައިސާ ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިން އެމްއެމްއޭ އަށް ބޭނުންނުވާ ބިންތަކެއް ގަނުވައިގެންނާއި، މިހާރު ޕެންޝަން އޮފީސް މެދުވެރިކޮށްގެން މުޅީން އެހެން އެއްޗެއް ކަމަށް ދައްކައިގެން ކުރަނީ އެއް މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ، މިވަގުތު ފައިސާ ޗާޕު ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، ރާއްޖޭގެ އިގްތިސާދަށް ނުރައްކާ ބޮޑު ކަމެއް ކަމަށެވެ. މިވަގުތު ބޭނުންވަނީ ކޮންޓްރެކްޝަނަރީ މަނިޓަރީ ޕޮލިސީއެއް ކަމަށާއި، އެމްއެމްއޭ އިން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އަޅުގަނޑުމެންނަށް މިފާހަގަ ވަނީ އެމްއެމްއޭގެ އުސޫލުތަކާ ހިލާފަށް ހިންގޭ ޓްރާންސިޝަނެއްގެ ގޮތުގައި މި. މީގެ ސަބަބުން އަޅުގަނޑުމެންގެ އިގްތިސާދު މެކްްރޯ އިކޮނޮމިކް ބެލެންސް ގެއްލި، އަޅުގަނޑުމެންނަށް ކުރިއަށް އޮތްތާގައި ޑޮލަރުގެ އަގު އުފުލި އޭގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ތަކެތީގެ އަގު އުފުލޭނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ ލަފާ ކުރެވޭ. ފޮރެކްސްގެ ގާނޫނަށް ބަދަލު ގެނައިމަ ވެސް އަޅުގަނޑުމެން ފާހަގަކުރިން މިހާރު އެކްސްޗޭންޖް ޑޮލަރު ރޭޓް މިހާރު އެހުރީ ގާތްގަނޑަކަށް 20 ގައި. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއަންނަ އަހަރު 21، 22 އަދި 23 އަށް އެރުމަކީ ހަމަ އެކަށީގެންވާ ކަމެއް.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު![]()
މިއީ ޕެންޝަން ފަންޑުގެ މަގުސަދާ ހިލާފު ޓްރާންސެކްޝަނެއްކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، ޕެންޝަން ފަންޑުން މުއާމަލާތްތައް ހިންގަން ޖެހެނީ ބާޒާރުގެ ހަމަތަކާ އެއްގޮތަށް ކަމަށާއި، ޑިއުޓީ އޮންނަނީ ފަންޑުގެ މެންބަރުންނަށް ކަމަށެވެ. އެއީ ނެގުނު ގޮތަކަށް ސަރުކާރަށް ފައިސާ ހޯދައިދިނުމަށް އޮތް ފަންޑެއް ނޫން ކަމަށާއި، މި ޓްރާންސެކްޝަންގެ މަގުސަދަކީ ސަރުކާރަށް ފައިސާ ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ޕެންޝަން އޮފީހުގެ ވެރިން ހުއްދަ ދީގެންވާނެ ކަމެއް ނޫން ކަމަށެވެ.