ކ. މާލެ
|
3 ނޮވެންބަރ 2025 | ހޯމަ 19:36
އެއާޕޯޓުން ފޭރުނު އެންމެ ޑޮލަރެއް ވެސް އަދި ނުފެނޭ
އެއާޕޯޓުން ފޭރުނު އެންމެ ޑޮލަރެއް ވެސް އަދި ނުފެނޭ
ރާއްޖެއެމްވީ
ފޭރުނު ޑޮލަރު
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
130،000 ޑޮލަރު ހުރި ސޫޓްކޭސް ފޭރިގަތީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ފަތިހު 4:45 ގައި
މި މައްސަލައާ ގުޅިގެން 4 މީހުން ހައްޔަރުކޮށް ކޯޓުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ވަނީ އަމުރުކޮށްފަ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޓަރމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން، ލައްކަ އަކަށްވުރެ ގިނަ ޑޮލަރު ހުރި ސޫޓް ކޭސް އެއް ފޭރިގަތުމާއި ގުޅިގެން އެ ފައިސާ ފުލުހުން ހޯދުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް މިހާތަނަށް އެންމެ ޑޮލަރެއްވެސް ފެނިފައެއް ނުވެ އެވެ.

އަރޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތީ މިދިޔަ މަހުގެ 27 ވީ ހޯމަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރެވެ. ބޭންކެއްގެ ދެ މުވައްޒަފަކަށް ބިރު ދައްކައި، ފައިސާ ހުރި ސޫޓް ކޭސް ފޭރިގަނެފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.

ބީއެމްއެއްލްގެ މުވައްފުންނަށް ބިރުދައްކައި ފޭރިގަނެފައިވާ ސޫޓްކޭސް ގައި 130،000 ޑޮލަރު ހުރިކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެ ފައިސާ އަކީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން އެ ދުވަހު ދޫކުރަން ހަމަޖެހިފައިވާ ޑޮލަރެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 4 މީހުންނަކީ ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ.

ފުލުހުން ބުނީ މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އާދީއްތަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މިއީ މި މީހުންގެ ބަންދު ޖެހި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ޖެހީ 5 ދުވަހެވެ. އެ މުއްދަތު ހަމަވީ އާދީއްތަ ދުވަހު އެވެ.

ފޭރުނު ސޫޓޫ ކޭހުގައި ހުރި ޑޮލަރުގެ އަދަދު ލައްކައަކަށް ވުރެ ގިނަ އެވެ. މިހާތަނަށް އައި އިރު ގެއްލިފައިވާ ފައިސާއާ ގުޅޭގޮތުން ފުލުހުން އެއްޗެއް ބުނެފައި ނުވެ އެވެ. އަދި މީޑިއާ އާ މިވަގުތު ހިއްސާ ކުރާނެ އިތުރު މައުލޫމާތެއް ނެތް ކަމަށް ފުލުހުންގެ މީޑިއާއިން ބުނެ އެވެ.

- ކޮމެންޓް