ކ. މާލެ
|
3 ނޮވެންބަރ 2025 | ހޯމަ 00:00
އެއަރޕޯޓުން ފައިސާ ފޭރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރާ 4 މީހުން
އެއަރޕޯޓުން ފައިސާ ފޭރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރާ 4 މީހުން
ޕޮލިސް
ފައިސާ ފޭރުނު މައްސަލަ
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މޫނު ނިވާކޮށްގެން ތިބި ބައެއް މިދިޔަ މަހުގެ 27 ވަނަ ދުވަހު ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުރި ސޫޓް ކޭހެއް ފޭރިގަނެފައިވޭ
މި މައްސަލައިގައި ހައްޔަރުކުރި 4 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު މިހާތަނަށް ފޭރުނު ފައިސާ ހޯދިފައި ނުވޭ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޓަރމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގަތް މައްސަލާގެ ތުހުމަތު ގައި ހައްޔަރު ކުރި 4 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އެއަރޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތީ މިދިޔަ މަހުގެ 27 ވީ ހޯމަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރެވެ. ބޭންކެއްގެ ދެ މުވައްޒަފަކަށް ބިރު ދައްކައި، ފައިސާ ހުރި ސޫޓް ކޭސް ފޭރިގަނެފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 4 މީހުންނަކީ ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ.

ފުލުހުން ބުނީ މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އާދީއްތަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މިއީ މި މީހުންގެ ބަންދު ޖެހި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ޖެހީ 5 ދުވަހެވެ. އެ މުއްދަތު ހަމަވީ އާދީއްތަ ދުވަހު އެވެ.

ފޭރުނު ސޫޓޫ ކޭހުގައި ހުރި ޑޮލަރުގެ އަދަދު ލައްކައަކަށް ވުރެ ގިނަ އެވެ. މިހާތަނަށް އައި އިރު މި ފައިސާ ހޯދިފައި ނުވެ އެވެ. އަދި ފުލުހުން އެކަމާއި ގުޅޭ އެއްޗެއް ބުނެފައި ނުވެ އެވެ.

- ކޮމެންޓް