ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީގެ ބައްދަލުވުންތައް ކުރިއަށްދާއިރު، ދިވެހި ފުލުހުން ޚިދުމަތުގެ ފަރާތުން ސަލާމަތްތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރާއްޖޭގެ ފުޓުބޯޅަ ނޯމަލައިޒް ކުރަން ނިންމައި، ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް ނަގައިފަ އެވެ. އެ ކޮމެޓީން އަންނަނީ ފުޓުބޯޅައިގެ އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާއި ބައްދަލު ކުރުމުގެ އިތުރުން، ކަމާ ގުޅުން ހުރި އިދާރާތަކާ ވެސް އަންނަނީ ބައްދަލު ކުރަމުންނެވެ.
އެންމެ ފަހުން މިދިޔަ ހަފުތާގައި ނޯމަލައިޒިން ކޮމެޓީން ވަނީ ކުލަބުތަކާ ބައްދަލު ކޮށްފަ އެވެ. އެއަށްފަހު އެ ކޮމެޓީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކުޅިވަރާއި ހަށި ހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއާ ވެސް ބައްދަލު ކޮށްފަ އެވެ.
ނޯމަލައިޒިން ކޮމެޓީގެ މުހިންމު ބައްދަލުވުންތައް ބާއްވަމުން އަންނައިރު، ފުލުހުންގެ ފަރާތުން އަންނަނީ ސަލާމަތްތެރިކަން ފޯރުކޮށްދެމުންނެވެ. އެކަމާ ގުޅޭ ގޮތުން "ރާއްޖެ" އެމްވީއާ ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވީ، ފުލުހުންގައި އެދިފި ނަމަ އަބަދު ވެސް ސެކިއުރިޓީގެ އިންތިޒާމުތައް ހަމަޖައްސައި ދެމުން އަންނަ ކަމަށެވެ. އެގޮތުން މިވަގުތު ނޯމަލައިޒިން ކޮމެޓީގެ ބައްދަލުވުންތައް ކުރިއަށްދާއިރު ވެސް، ފުލުހުންގެ ފަރާތުން ސެކިއުރިޓީ ފޯރުކޮށްދެއްވަމުން އަންނަ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ދެ ވަނަ ފަހަރަށް ފީފާ އިން ރާއްޖެ ނޯމަލައިޒް ކޮށްފައިވާއިރު، ނޯމަލައިޒިން ކޮމެޓީގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރު އެވެ. ޒުހޫރަކީ ކުރީގެ ރައީސް އަބަދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ އިތުރުން، ހެލްތު މިނިސްޓަރުކަމާއި އަދި ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މި ކޮމިޓީގައި ޒުހޫރުގެ އިތުރުން ހިމެނެނީ ފަރީހާ ޝަރީފް، އިސްމާއީލް ސިމާން، ގާނޫނީ ވަކީލު އަޙުމަދު މުޢިއްޒު އަދި އަޙުމަދު އަލީ އެވެ.