Advertisement
ކ. މާލެ
|
29 އޯގަސްޓް 2024 | ބުރާސްފަތި 16:31
އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ އާއިޝަތު ޝާދިޔާ އާއި ޝަޒުރާ އިބްރާހިމް 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި
އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ އާއިޝަތު ޝާދިޔާ އާއި ޝަޒުރާ އިބްރާހިމް 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި
ސޯޝަލް މީޑިއާ
އިޒްރޭލާ ދެކޮޅަށް އަޑުއުފުލުން
އިޒްރޭލާ ދެކޮޅަށް އަޑު އުފުލި ޝާދިޔާ އާއި ޝަޒްރާ 3 ދުވަހަށް ބަންދުކޮށްފި
ދެ އަންހެނުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން

އިޒްރޭލާ ދެކޮޅަށް އަޑު އުފުލި އާއިޝަތު ޝާދިޔާ އާއި ޝަޒުރާ އިބްރާހިމް 3 ދުވަހަށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކުރި ކ.މާލެ، މ.ބަޑިކުޅިމާގެ، 47 އަހަރުގެ އާއިޝަތު ޝާދިޔާ، އަދި ގދ.ރަތަފަންދޫ، ލިލީގެ 36 އަހަރުގެ ޝަޒުރާ އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުދަނގޫ ކުރުމުގެ އަމަލުތަކެއް ހިންގަމުން ގެންދިއުމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ 28 އޯގަސްޓް 2024 ވަނަ ދުވަހުގެ މެންދުރު 1:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

Advertisement

މީގެ އިތުރުން ފުލުހުން ބުނީ މި އަމަލުތަކާ ގުޅިގެން ޝާދިޔާ އަދި ޝަޒުރާ އެގޮތަށް އަމަލުނުކުރުމަށް އެކި ފަހަރުމަތިން ނަސޭހަތްދީފައިވާ ކަމަށެވެ.

ފުލުހުން ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރުމުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އެއިދާރާގެ އިރުޝާދުތަކަށް ތަބާވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގާ އުދުވާންތަކާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ހަރަކާތްތައް ބާއްވައެވެ. މިސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާ ކުރާނެކަމަށް ބުނި ނަމަވެސް 70 ށްވުރެ ގިނަ ދުވަސްވީއިރު އެމަސައްކަތް ރައްޔިތުންގެ މަޖިލީހުން ކޮށްފައިނުވެއެވެ. އެކަމާ ދެކޮޅަށް ގިނަ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް