ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޓަރމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގެންފި އެވެ.
ހޯމަ ދުވަހު ފުލުހުން ބުނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ޓަރމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތް މައްސަލައެއް ހޯމަ ދުވަހުގެ ފަތިހު 4:45 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެމީހުންނަށް ބިރު ދައްކައި، ފައިސާ ހުރި ސޫޓް ކޭސް ފޭރިގަނެފައިވަނީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަ ކޮށްފައިނުވާއިރު، އެއީ ކޮން ބޭންކެއް ކަމާއި، ކިހައި އަދަދެއްގެ ފައިސާ ކަމެއް ވެސް ހާމަ ކޮށްފައިނުވެ އެވެ. އާންމުކޮށް ބޭންކަކުން އެއަރޕޯޓަށް ފައިސާ ގެންދާނީ ދެ ކަމަކަށެވެ. އެއީ އޭޓީއެމްތަކަށް ޖަމާކުރުމަށާއި، އެއަރޕޯޓުގައި ހުންނަ ބޭންކްގެ ކައުންޓަރުތަކުން ޑޮލަރު ދޫކުރުމަށެވެ.
އެއަރޕޯޓަށް ވަންނަން ދަނިކޮށް ފައިސާ ސޫޓް ކޭސްއެއް ފޭރިގަނެފައިވާއިރު، އެއަރޕޯޓުގެ ސެކިއުރިޓީ މިފަހުން ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ. އާއްމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްއޭސީއެލުން މި އަހަރުގެ ކުރީކޮޅު ސެކިއުރިޓީ ބެލެހެއްޓުމަށް އުފެއްދި އައު ޑިޕާޓްމަންޓެއް އުފައްދާ ގިނަ އަދަދެއްގެ މުވައްޒަފުން ނަގައި ތަމްރީން ކޮށްފައިވެ އެވެ. މީގެ އިތުރުން އެއަރޕޯޓު ގައި ގިނަ އަދަދެއްގެ ފުލުހުންގެ އިތުރުން ސިފައިން ވެސް ހަރަކާތްތެރިވެ އެވެ.
ފޭރުމުގެ މައްސަލަތައް މާލެ ސިޓީ ގައި އިތުރު ވަމުންދާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.