Advertisement
ކ. މާލެ
|
14 ނޮވެންބަރ 2025 | ހުކުރު 11:34
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން
ޕޮލިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
އިންނަމާދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަކީ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް
ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާއި ފުލުހުންނާ ގުޅިގެންދެވޭނެ ހިދުމަތެއް ކަމަށާއި އިތުބާރާއި އިހުތިރާމާއެކު މަސައްކަތްކުރަންޖެހޭ

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ މިފަދައިން ވިދާޅުވީ ރ. އިންނަމާދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސީޕީ ވިދާޅުވީ ޒިންމާއަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއްނޫން ކަމަށެވެ. އޭގެ ތެރޭގައި މުޖުތަމައާ ގުޅުން ބަދަހިކުރުން ހިމެނޭ ކަމަށާއި އަދި ދިވެހި ފުލުހުންގެ ހިދުމަތަކީ ތަހުޒީބުވެފައިވާ މުޖުތަމައަކަށް ހިދުމަތްކުރުމަށް ތަމްރީނުވެ، ތައްޔާރުވެ ފައްކާވަމުންދާ ހިދުމަތެއް. ޒަމާނީ ބަދަލުތަކަށް ތަމްރީނުހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރި ކަމަށް ކޮމިޝަނަރ ވިދާޅުވި އެވެ.

ކޮމިޝަނަރ ވިދާޅުވީ، މި އަހަރު ކުރީކޮޅު މަސައްކަތް ފަށާފައިވާ އިންނަމާދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށާ އަދި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ފޯރުކޮށްދޭ މި ހިދުމަތަކީ ރައްކާތެރިކަން ލިބޭނެ ހިދުމަތެއްކަމަށެވެ. އަދި އިންނަމާދުގައި ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވިގެންދިޔަ ރަސްމިއްޔާތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުން ގާއިމުވިކަން ފާހަގަވާ ރަސްމިއްޔާތެއް ކަމަށާއި މިއީ ފުލުހުން މުޖުތަމައާ ގުޅިގެން މަސައްކަތް ކުރާކަން ދައްކުވައިދޭ ކަމެއްކަމަށް ވިދާޅުވިއެވެ.

އަދި މީގެ ފަހަތުގައި ވަނީ ކޮންމެ މުޖުތަމައެއްގައި ވެސް ސަލާމަތާއި އިންސާފާއި އިތުބާރު ރަމްޒުކޮށްދޭނެފަދަ ފުލުހުން ތިބޭނެކަން ކަމަށް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ފުލުހުން އެކަނި ތިބެގެން ހިދުމަތްކުރެވޭނެ ތަނެއްނޫން ކަމަށެވެ. ފުލުހުންގެ ހިދުމަތަށް އެއްބާރުލުންދޭ ބަޔަކީ ރައްޔިތުން ކަމަށާއި މިއަދު ފުލުހުންގެ ހިދުމަތް ބައްޓަންވެފައިވަނީ އަދި މި ހިދުމަތަކީ ރައްޔިތުންނާއި ފުލުހުންނާ ގުޅިގެންދެވޭނެ ހިދުމަތެއްގެ ގޮތުގަ އެވެ. ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތް ފުޅާވަމުންދާއިރު ފުލުހުންނާ ރައްޔިތުންނަކީ ގުޅިލާމެހިފައިވާ ބައެއްގެ ގޮތުގައި ދެކި އިތުރަށް ގުޅުން ބަދަހިކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން، އެކަކު އަނެކަކަށް އިތުބާރުކޮށް މި ހިދުމަތުގެ އަގުވަޒަންކޮށް މި ހިދުމަތުގެ އަގު ހިފެހެއްޓުމަށް ހުރިހާ ފުލުހުން އަޒުމްކަނޑައަޅަންޖެހޭ ކަމަށާ އަދި އަމަލުން ދައްކަން ވެސް ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޓީމުތައް ބިނާވާންޖެހޭނީ އިތުބާރާއެކު އެކަކު އަނެކަކަށް އިހުތިރާމުކޮށް، ދިމާވާ ދަތި އުނދަގޫތަކުން އަރައިގަތުމަށް ގާބިލުކަންހުރި ހިތްވަރުގަދަ ބަޔަކަށް ކަމަށާއި އިންސާފުވެރިކަމާއި އަމާނާތްތެރިކަމާ އަދި ދެފުށް ފެންނަ ގޮތަށް ހިދުމަތް ދިނުމަކީ ރައްޔިތުންގެ އިތުބާރު ހޯދުމަށް މުހިންމު އަސާސްތަކެއް ކަމަށާއި ކޮންމެ ދިމާއަކުން ވެސް ރައްޔިތުންނަށް ލިބޭ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތް ބިނާވެފައި ވަނީ ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި ޒިންމާދާރުކަމުގެ މައްޗަށްކަން ހަނދާންކުރަން ޖެހޭކަން ފާހަގަކުރައްވައި އިންނަމާދޫ ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ހިދުމަތުގެ އައު ބާބެއް ފެށިގެން ދާނެކަމެއް ކަމަށާ އަދި އެއީ މި ހިދުމަތް ދެމިއޮންނާނެ އުންމީދީ ރަމްޒެއްކަމަށް ވިދާޅުވި އެވެ.

- ކޮމެންޓް