ހޯމް މިނިސްޓަރު އަލީ އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް އަންގައިފި އެވެ.
މިނިސްޓަރު އިހުސާނު އަށް މި އެންގުންތައް އަންގާފައިވަނީ ރައްޔިތުން މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ އިން ހުށަހެޅި ރިޕޯޓުގައި އެވެ.
އެގޮތުން 241 ކޮމެޓީ އިން މިނިސްޓަރު އިހުސާނު އަށް އަންގާފައިވަނީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގަނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައި ކަސްޓަމްސްގެ ހިދުމަތުގެ ފެންވަރު މަތިކޮށް ދެމެހެއްޓުމުގެ ގޮތުންނާއި އެ މުއައްސަސާ ޖަވާބުދާރީކުރުވުމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި ނިޒާމުތައް އެކުލަވަލުމާއި، އެކަންކަމާއި ގުޅޭގޮތުން ނެރެންޖެހޭ އަމުރުތައް ނެރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތެއް ކަމަށް ބަޔާންކޮށްފައިވާއިރު އެ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމަށް މިހާރު އެކުލަވާލާފައިވާ ގަވައިދުތަކާއި އުސޫލުތައް މުރާޖައާ ކޮށް އެ ގަވައިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަން ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ މުއްދަތު ހިމެނޭނެހެން ޓައިމްލައިން އެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓިއަށް އެންގުމަށެވެ.
އޭގެ އިތުރުން 241 ކޮމެޓީ އަށް ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތް ކުރާއިރު ދިވެހި ފުލުހުންގެ ހިދުމަތާއި ތަހްގީގީ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުމުގެ ސަބަބުން ތަހްގީގުތައް ދިގުލައިގެން ގޮސް އެންމެ އެކަށީގެންވާ އަވަސް މިނެއްގައި އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ފިޔަވަޅު ނޭޅި ލަސްވެގެންދާ ކަމަށާއި އެކަމުގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ މާލީ ގެއްލުންތަކާއި އަދި އެނޫންވެސް ގެއްލުންތައް ލިބެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ދިވެހި ފުލުހުންގެ ހިދުމަތާއި ތަހްގީގީ އެހެން އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންތަކުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް މިހާރު އެކުލަވާލާފައިވާ ގަވައިދުތަކާއި އުސޫލުތައް މުރާޖައާ ކޮށް އެ ގަވައިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް 27 އޮކްޓޫބަރު 2025 ވަނަ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމެޓިއަށް އެންގުމަށް އެ ކޮމެޓީން މިނިސްޓަރު އިހުސާނު އަށް އަންގާފައިވާ ދެވަނަ އެންގުމުގައި ވެއެވެ.
ތަހްގީގުތައް ދިގުލައިގެން ގޮސް އެންމެ އެކަށީގެންވާ އަވަސްމިނެއްގައި އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ފިޔަވަޅު ނޭޅި ލަސްވެގެންދާކަން އެ ކޮމެޓީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާއިރު މިހާރުވެސް ގިނަ އަދަދެއްގެ މައްސަލަތައް ދިގުލައިގެން ގޮސްފައިވަކަން ފާހަގަކުރެވެ އެވެ.