Advertisement
ކ. މާލެ
|
23 އޯގަސްޓް 2024 | ހުކުރު 18:40
އޮންލައިން ޓެރަރިޒަމް ހުއްޓުވުމާ ބެހޭ އީޔޫ-އިންޑިއާ ސަރަހައްދީ ކޮންފަރެންސްގެ ތެރެއިން
އޮންލައިން ޓެރަރިޒަމް ހުއްޓުވުމާ ބެހޭ އީޔޫ-އިންޑިއާ ސަރަހައްދީ ކޮންފަރެންސްގެ ތެރެއިން
ޕޮލިސް
އޮންލައިން ޓެރަރިޒަމް ހުއްޓުވުން
އޮންލައިން ޓެރަރިޒަމް ހުއްޓުވުމާ ބެހޭ އީޔޫ-އިންޑިއާ ސަރަހައްދީ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ހިދުމަތުން ބައިވެރިވެއްޖެ
މިއީ ޔޫރަޕިއަން ޔޫނިއަނުން ގްލޯބަލް ކައުންޓަރ-ޓެރަރިޒަމް ކައުންސިލް (ޖީސީޓީސީ) އާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ގުޅިގެން އިންތިޒާމުކުރި ކޮންފަރެންސެއް
މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓުން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުރިމަތިކުރުވާ ނުރައްކާތަކަށް

އޯގަސްޓް 21 އަދި 22 ގައި ނިއު ދިއްލީގައި ބޭއްވުނު "ކޮމްބެޓިންގ ޓެރަރިސްޓް ކޮންޓެންޓް އޮންލައިން، އީޔޫ-އިންޑިޔާ ރީޖަނަލް ޓްރެކް 1.5 ކޮންފަރެންސް" ގައި ދިވެހި ފުލުހުންގެ ހިދުމަތުން ބައިވެރިވެވަޑައިގެންފިއެވެ.

މި ކޮންފަރެންސަކީ ޔޫރަޕިއަން ޔޫނިއަނުން ގްލޯބަލް ކައުންޓަރ-ޓެރަރިޒަމް ކައުންސިލް (ޖީސީޓީސީ) އާއި އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ގުޅިގެން އިންތިޒާމުކުރި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި ކޮންފަރެންސްގައި ދެކުނު އޭޝިޔާ އަދި ޔޫރަޕްގެ މުހިންމު ފަރާތްތައް އެއްތަނަކަށް ޖަމާވެ، އޮންލައިން ހަރުކަށި ފިކުރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކުރެވުނެވެ.

ދެ ދުވަހަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓުން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުރިމަތިކުރުވާ  ނުރައްކާތަކަށެވެ. މި ކޮންފަރެންސްގައި އިންޑިޔާ، ބަންގްލަދޭޝް، ދިވެހިރާއްޖެ، ސްރީލަންކާ އަދި ޔޫރަޕްގެ މާހިރުންނާއި، ހަރުކަށި ފިކުރާ ދެކޮޅަށް ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑަމިކް ދާއިރާގެ ބޭފުޅުންނާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ، ޑިޖިޓަލް ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

Advertisement

ޑެޕިއުޓީ ކޮމިޝަނަރ ނަވީން ދެއްކެވި ވާހަކަފުޅުގައި، ޓެކްނޮލޮޖީއާއި ޓެރަރިޒަމް ގުޅި ލާމެހުމުގެ ސަބަބުން ދިމާވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް، ހާއްސަކޮށް ޑިޖިޓަލް ދާއިރާގައި އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތު ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސަކީ ޔޫރަޕިއަން ޔޫނިއަންގެ އިންޑޯ-ޕެސިފިކް ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ޓެރަރިޒަމާ ދެކޮޅު މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މި ސްޓްރެޓެޖީގެ މަގުސަދަކީ އާންމު ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމެވެ. މި ކޮންފަރެންސްގައި ބައިވެރިން މަޝްވަރާކުރެއްވީ އޮންލައިންކޮށް ހިންގާ އަނިޔާވެރި ހަރުކަށި ހަރަކާތްތަކާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތްތަކާއި، ޔޫރަޕިއަން ޔޫނިއަނާއި، އިންޑިޔާ އަދި މުޅި ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންނެވެ.

މި ކޮންފަރެންސްއަކީ އޭޝިޔާގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ އެއްބާރުލުން އިތުރުކުރުމުގެ ޔޫރަޕިއަން ޔޫނިއަންގެ މަޝްރޫއު (އީއެސްއައިޑަބްލިއުއޭ)ގެ ދަށުން ކުރިން ހިންގާފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދެވުނު ހަރަކާތެކެވެ. މި މަޝްރޫއުގެ ދަށުން ޑްރޯން ޓެރަރިޒަމާއި، ސައިބަރ ސެކިއުރިޓީ އަދި ދޮގު މައުލޫމާތު ފެތުރުން ފަދަ އެކި ސަލާމަތީ ގޮންޖެހުންތަކާ ބެހޭގޮތުން މަސައްކަތްކުރެވިފައިވެއެވެ.ދިވެހި ފުލުހުންގެ ޚިދުމަތުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކި ލެވެލްތަކުގައި ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް