ކ. މާލެ
|
11 ޖުލައި 2024 | ބުރާސްފަތި 07:46
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ
ރޮއިޓާސް
ޔޫރޯ 2024
ކުޅުން ދަށްކަން ޤަބޫލުކޮށް، އެމްބޭޕޭ ދިނީ އެނބުރި އަންނާނެކަމުގެ ޔަޤީންކަން
އެމްބާޕޭ ބުނީ، ފުޓުބޯޅައިގައި އޮންނާނެ ގޮތަކީ ރަނގަޅުވާ ޙާލަތްތަކާއި، ގޯސް ޙާލަތްތައް ކުރިމަތިވުން ކަމަށެވެ.

މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ކަމަށް، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ބުނެފި އެވެ.

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯގެ ސެމީ ފައިނަލްގައި ސްޕެއިން އަތުން ބަލިވެ، ފްރާންސް ވަނީ މުބާރާތުން ކަޓައިފަ އެވެ. މިއަހަރުގެ މުބާރާތުގައި އެމްބާޕޭ އަށް ޖެހުނީ އެންމެ ލަނޑެކެވެ. އެއީ ޕޮލެންޑާ ދެކޮޅަށް އޭނާ ޖެހި ޕެނަލްޓީ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާގެ ސަބަބުން، ދެން އެމްބާޕޭ ކުޅެން ޖެހުނީ މޫނުގައި މާސްކެއް އަޅައިގެންނެވެ. އޭގެ ސަބަބުން ކުޅުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ވެސް އެމްބާޕޭ އޮތީ ކުރިން ބުނެފަ އެވެ. ސްޕެއިންއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައި އެމްބާޕޭ ކުޅުނީ މާސްކު ނާޅަ އެވެ.

ސެމީ ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ، ފުޓުބޯޅައިގައި އޮންނާނެ ގޮތަކީ ރަނގަޅުވާ ޙާލަތްތަކާއި، ގޯސް ޙާލަތްތައް ކުރިމަތިވުން ކަމަށެވެ. އެމްބާޕޭ ބުނި ގޮތުގައި ޔޫރޯގައި އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އެކަން ފާހަގަކޮށް އެމްބާޕޭ ބުނީ، ޔޫރޯ ގައި އޭނާ ފެއިލްވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްބާޕޭ ބުނީ، އޭނާ ބޭނުން ވަނީ ޔޫރަޕުގެ ޗެމްޕިއަނަށް ވާން ކަމަށެވެ. ޔޫރޯ އިން ފްރާންސް ކަޓާފައިވާއިރު، ދެން އޭނާ ދާނީ ޗުއްޓީ ހޭދަކުރުމަށް ކަމަށް ވެސް އެމްބާޕޭ ބުންޏެވެ. އެއަށްފަހު ރިކަވަރީ އަށް މަސައްކަތް ކުރާނެ ކަމަށާއި، އެކަމުގެ ސަބަބުން އޭނާ އަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޤަބޫލު ކުރާ ކަމަށް އެމްބާޕޭ ބުންޏެވެ. އެމްބާޕޭ ފާހަގަކޮށްފައިވާ ގޮތުގައި ދެން އޭނާ ފަށަން ޖެހެނީ ކެރިއަރުގެ އައު ޗެޕްޓަރަކަށްވީއިރު، ކުރިއަށް ކުރަން ޖެހޭ ގިނަ ކަންތައްތައް ހުރި ކަމުގައި ވެސް އެމްބާޕޭ ވަނީ ބުނެފަ އެވެ.

ޒުވާން ކުޅުންތެރިޔާ ވަނީ ނިމުނު ސީޒަނަށްފަހު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު، ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. ޔޫރޯ އިން ފްރާންސް ކެޓުމާއެކު، ދެން އެމްބާޕޭ ތައްޔާރު ވަނީ ރެއާލާ އެކު އައު ސީޒަނަށް ކުރިމަތިލުމަށެވެ.

ފްރާންސް އަށް 84 މެޗު ކުޅެދީ، 48 ލަނޑު ޖަހާފައިވާ އެމްބާޕޭ ވަނީ އެ ޓީމާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި، 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނުއިރު، އެ މުބާރާތުގެ ރަން ބޫޓު ވެސް އޭނާ ވަނީ ހޯދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް