ފްރާންސް ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ޑިޑިއޭ ޑެޝޯމްޕްސްގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ފްރާންސްގެ ކޯޗަކަށް ހަމަޖައްސާނީ އެ ޤައުމުގެ ލެޖެންޑަރީ ކުޅުންތެރިޔާ ޒިނެދިން ޒިދާން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ފްރާންސް ޤައުމީ ޓީމަށް މިހާރު އިރުޝާދު ދެމުން އަންނަ، އުމުރުން 56 އަހަރުގެ ޑެޝޯމްޕްސް އެ ޓީމާ ހަވާލުވީ 2012 ވަނަ އަހަރު އެވެ. އެންމެ ފަހުން އެ ޓީމުގެ އެއްބަސްވުން އޭނާ އައު ކުރީ 2023 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު އެވެ.
ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދެން އިތުރަށް އެއްބަސްވުން އައު ނުކުރާނެ ކަަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ. އެއާއެކު، ދެން ފްރާންސްގެ ކޯޗަކަށް ހަމަޖައްސާނީ ޒިދާން ކަމަށް، ފްރާންސްގެ ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.
މީގެ ކުރިން، 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު ވެސް، ފްރާންސްގެ ކޯޗުކަމުން ޑެޝޯމްޕްސް ވަކި ކުރުމަށް ފަހު، އެ މަގާމަށް ޒިދާން ގެންނަން އުޅޭ އަޑުތައް ފެތުރުނެވެ. ނަމަވެސް، ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަން އިން ވަނީ ޑެޝޯމްޕްސް އާއެކު ކުރިއަށް ދާން ނިންމައި، އޭނާގެ އެއްބަސްވުން އައު ކޮށްފަ އެވެ.
ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް އިން ވަނީ 2018 ވަނަ އަަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. ޖެހިގެން 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސް ބަލިވެފައި ވަނީ އާޖެންޓީނާ އަތުންނެވެ. މީގެ އިތުރުން، އޭނާގެ އިރުޝާދުގެ ދަށުން ފްރާންސް އިން ވަނީ ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.
މިވަގުތު އެއްވެސް ޓީމަކާ ހަވާލު ނުވެ ހުރި ޒިދާން، އެންމެ ފަހުން އިރުޝާދު ދީފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. ދެ ވަނަ ފަހަރަށް ރެއާލްގެ ކޯޗުކަމާ ހަވާލުވެ، އެ ޓީމަށް އިރުޝާދު ދިނުމަށް ފަހު، 2021 ވަނަ އަހަރު ޒިދާން ވަނީ ރެއާލްގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.
އޭގެ ފަހުން ވެސް ޒިދާން އަށް ވަނީ ބައެއް ޤައުމު ތަކުން އަދި ކުލަބު ތަކުގެ ހުށަހެޅުން ވެސް ލިބިފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު، އެމެރިކާގެ ކޯޗުކަން ވެސް ޒިދާން އަށް ހުށަހެޅި ނަމަވެސް، އޭނާ އެކަން ޤަބޫލު ނުކުރީ އެވެ.
މީގެ އިތުރުން ބައެއް ކުލަބު ތަކުން ވެސް ވަނީ ޒިދާން އަށް ހުށަހެޅުން ހުށަޅައިފަ އެވެ. ނަމަވެސް، އޭނާ ވަނީ އެ ފުރުސަތުތައް ވެސް ދޫކޮށްލައިފަ އެވެ. ފްރާންސްގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޒިދާންގެ ޝައުޤުވެރިކަން އޮތީ ފްރާންސް ޤައުމީ ޓީމަށް އިރުޝާދު ދިނުމަށެވެ.
ރެއާލް މެޑްރިޑް އިން ކޯޗިން ކެރިއަރު ފަށައި، ދެ ފަހަރެއްގެ މަތިން އެ ކުލަބަށް އިރުޝާދު ދީފައިވާ ޒިދާން ވަނީ، ރެއާލް އާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރެއާލް އާއެކު އޭނާ ވަނީ 11 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގު ޖެހި ޖެހިގެން ތިން ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.