ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން ގުރޫޕް ޑީގައި ފްރާންސް އިން ކުޅުނު ދެ ވަނަ މެޗުގައި، ފަހަތުން އަރައި އައިސްލެންޑް އަތުން މޮޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އައިސްލެންޑް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފްރާންސް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި ދެ ވަނަ ހާފުގައި ދެ ވަނަ ލަނޑެއް ޖަހައިގެން ފްރާންސް ވަނީ މެޗުން މޮޅުވެފަ އެވެ.
މެޗު ފަށައިގެން 21 ވަނަ މިނެޓުގައި އައިސްލެންޑް އިން ވަނީ ފްރާންސް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެންޑްރީ ގުޑްޖޮންސެން އެވެ.
އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ފްރާންސް އިން ވަނީ ލަނޑު ޖަހަައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފްރާންސް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އެ ލަނޑާ އެކު، އެމްބާޕޭ ވެގެން ގޮސްފައި ވަނީ، ފްރާންސް ޤައުމީ ޓީމަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ.
އެ ލަނޑާ އެކު، ފްރާންސް ޤައުމީ ޓީމަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 52 އަށް އަރައިފަ އެވެ. ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައި ވަނީ އޮލީވިއޭ ޖިރޫޑް އެވެ. އެއީ 57 ލަނޑެކެވެ. ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ތިއަރީ އޮންރީ ޖަހާފައި ވަނީ 51 ލަނޑެވެ.
މެޗުގެ ދެ ވަނަ ހާފުގައި ވެސް ފްރާންސް އިން ވަނީ އިތުރު ލަނޑު ޖަހާނެ ފުރުސަތު ތަނަވަސްކޮށްފަ އެވެ. މެޗުގެ 62 ވަނަ މިނެޓުގައި ފްރާންސްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ބްރާޑްލޭ ބާކޮލާ އެވެ. އެ ލަނޑު އޭނާ ޖެހީ އެމްބާޕޭ ތަނަވަަސްކޮށްދިން ފުރުސަތެއްގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފައި ވަނީ، ދެ ވަނަ މެޗުން ވެސް މޮޅުވެ ފްރާންސްގެ ރޫހު ހިފެހެއްޓުމުން ހިތްހަމަ ޖެހޭ ކަމަށެވެ. މެޗު ފަށައިގެން ކުރީ ކޮޅު ފްރާންސްގެ ކުޅުންތެރިންނަށް ހަމަ ނުޖެހެވިގެން އުޅެނިކޮަށް، އައިސްލެންޑް އިން ލަނޑު ޖަހައި ލީޑު ނެގި ކަމަށާއި، ނަމަވެސް ފްރާންސް އިން ފަހަތުން އަރައި މޮޅުވީ ގިނަ ކަންތައްތަކެއް ރަނގަޅު ކޮށްގެން ކަމަށް އޭނާ ބުންޏެވެ.
އިތުރަށް ޑެޝޯމްޕްސް ބުނީ އޭނާ ވެސް އަދި ކުޅުންތެރިން ވެސް މަސައްކަތް ކުރަނީ ފްރާންސްގެ ސަޕޯޓަރުން ބޭނުންވާ ނަތީޖާ ނެރުމަށް ކަމަށެވެ. މިވަގުތު ފްރާންސްގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، ކޮންމެ ކުޅުންތެރިޔަކީ ވެސް މުހިންމު ކުޅުންތެރިޔެއް ކަމަށް އޭނާ ބުންޏެވެ. އަދި ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އޮންނަ ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.
މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފްރާންސް އޮތީ ގުރޫޕުގެ އެއް ވަނައިގަ އެވެ. ކޮލިފިކޭޝަންގައި ފްރާންސް އަށް ދެން އޮންނާނީ އަންނަ މަހު އަޒަރުބައިޖާންއާ ދެކޮޅަށް ކުޅޭ މެޗެވެ.