ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 18:47
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު
ރައީސް އޮފީސް
ސިހުރު ހެދި މައްސަލަ
ޝަމްނާޒް އާއި މެދު ކުރާ ސިހުރު ހެދުމުގެ ތުހުމަތު - "އެފަދަ މައްސަލަ އެއް ރައީސް އާއި އާއިލާ އިން ހުށަހަޅާފައެއް ނުވާނެ'
ބަންދުގެ މުއްދަތު އިތުރު 7 ދުވަހަށް އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައި
ޝަމްނާޒް މަޤާމުން ވަކިކޮށްފައި ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހު

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ސިހުރުހެދިކަމަށް ތުހުމަތުކޮށް، ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް އަދި އެމަނިކުފާނުގެ އާއިލާ އިން ވެސް އެއްވެސް މައްސަލަ އެއް ހުށަހަޅާފައި ނުވާކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެއް ނުވާނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ އެފަދައިން ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައި ވަނީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ފާތިމަތު ސާޖިދާ ލަވަ ވިދާޅުވާ ވީޑިއޯ އެއް ލީކު ކޮށްލުމުން އެކަމުގެ ބަދަލު ހިފުމަށް ކަމަށް ބައެއް އާއްމުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަލީ ސަލީމް އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައްވާ ސަނާ އަލީ ސަލީމްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން މީގެ ކުރިން ބުނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު 2 މީހަކު ޖޫން 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި، އަދި މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ޝަމްނާޒްއާއި އޭނާގެ ކޮށްކޮ ސަނާގެ އިތުރުން ސިހުރު ހެދިކަމަށް ތުހުމަތުވާ މީހާއެވެ.

ކޯޓުން މައުލޫމާތު ދޭ ގޮތުގައި ޝަމްނާޒްއާއި އޭނާގެ ކޮށްކޮ ސަނާގެ ބަންދުގެ މުއްދަތު އިތުރު 7 ދުވަހަށް އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެންވަޔަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުން ޝަމްނާޒް ވަކިކޮށްފައި ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އަދި އޭނާ މިހާރު ހިމަނާފައި ވަނީ ކުރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް