ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 09:48
އާޖެންޓީނާގެ ފަރިތަކުރުމުގައި ބައިވެރިވި ބައެއް ކުޅުންތެރިން
އާޖެންޓީނާގެ ފަރިތަކުރުމުގައި ބައިވެރިވި ބައެއް ކުޅުންތެރިން
ޓްވިޓަރ
އާޖެންޓީނާ ޤައުމީ ޓީމު
މެސީ އާއެކު އާޖެންޓީނާގެ ފަރިތަކުރުންތައް ފަށައިފި
އާޖެންޓީނާ އިން ކުޅޭ ރަޙުމަތްތެރިކަމުގެ މެޗުތަކަކީ، މި މަހު ފަށާ ކޮޕާ އެމެރިކާ އަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗުތަކެއް

ކެޕްޓަން ލިއޮނަލް މެސީ އާއެކު، އާޖެންޓީނާ ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

ލިއޮނަލް ސްކަލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ އިން ފަރިތަކުރުންތައް ފަށާފައި ވަނީ، ކުރިއަށް އޮތް ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. އާޖެންޓީނާ އިން އެކުއެޑޯ އަދި ގުއާޓްމަލާއާ ދެކޮޅަށް ކުޅޭ ރަޙުމަތްތެރިކަމުގެ މެޗުތަކަކީ، މި މަހު އެމެރިކާގައި ފަށާ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗުތަކެކެވެ.

އެ މެޗުތަކުގެ އާޖެންޓީނާ އިން ވަނީ އެ ޓީމުގެ ސްކޮޑު އިއުލާން ކޮށްފަ އެވެ. ސްކަލޯނީ އެކުލަވާލި ސްކޮޑުގައި ވަނީ 29 ކުޅުންތެރިން ހިމަނަގައިފަ އެވެ. ނަމަވެސް، ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ ދެ މެޗަށްފަހު، ކޮޕާ އެމެރިކާ އަށް 26 ކުޅުންތެރިން ސްކޮޑެއް ނަގާނެ އެވެ. އެހެންކަމުން، މިހާރުގެ ސްކޮޑުން ތިން ކުޅުންތެރިޔަކު ބާކީ ވާނެ އެވެ.

އާޖެންޓީނާ އިން ކުރިއަށް ގެންދާ ފަރިތަކުރުންތަކުގައި އެ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވެ އެވެ. މިވަގުތު އާޖެންޓީނާގައި މާބޮޑު އަނިޔާގެ މައްސަލައެއް ނެތްއިރު، ކޮޕާ އެމެރިކާ މުބާރާތާ ކުރިމަތިލާއިރު އެ ޓީމު ވަރަށް ފިޓުވާނެ ކަމަށް ސްކަލޯނީއާ ހަވާލާދީ އާޖެންޓީނާގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އާޖެންޓީނާގެ ސްކޮޑުން ފުރުސަތު ނުލިބުނު ކުޅުންތެރިޔަކީ ޕައުލޯ ޑިބާލާ އެވެ. އެންމެ ފަހުން ޤަތަރުގައި އޮފް ފީފާ ވޯލްޑް ކަޕްގައި ކުޅުނު ޑިބާލާ އަށް، މިފަހަރުގެ ކޮޕާ އެމެރިކާ އިން ފުރުސަތު ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. އަނިޔާގެ ސަބަބުން، އެންމެ ފަހުން އާޖެންޓީނާ އިން ކުޅުނު ރަޙުމަތްތެރިކަމުގެ މެޗުތަކުގައި ވެސް ޑިބާލާ ނުކުޅެ އެވެ.

ކޮޕާ އެމެރިކާ މުބާރާތުގައި އާޖެންޓީނާ އޮތީ ގްރޫޕް އޭގަ އެވެ. އެ ގުރޫޕުގައި އާޖެންޓީނާގެ އިތުރުން ދެން ހިމެނޭ ތިން ޓީމަކީ، ޕެރޫ، ޗިލީ އަދި ކެނެޑާ އެވެ.

އާޖެންޓީނާ އަކީ ކޮޕާ އެމެރިކާ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. 2021 ވަނަ އަހަރު އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބު ކުރީ ފައިނަލްގައި ބްރެޒިލް ބަލި ކުރުމަށްފަހު އެވެ. އޭގެ ފަހުން އާޖެންޓީނާ އިން ވަނީ ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ކާމިޔާބު ކޮށްފަ އެވެ.

އެ މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލި ކުރުމަށްފަހު އެވެ. އެއަށްފަހު، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕާ ކުރިމަތިލައި، އާޖެންޓީނާ އިން ވަނީ 36 އަހަރު ފަހުން ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

ވޯލްޑް ކަޕަށްފަހު ފީފާ އިން އާންމު ކުރި ރޭންކިންގެ އެއް ވަނައިގައި އޮތް ޤައުމަކީ ވެސް އާޖެންޓީނާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް