އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެއް ފެންވަރުގެ އެހެން ކުޅުންތެރިޔަކު ނެތް ކަމަށް، މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާ ވަނީ މީގެ ކުރިން ބާސެލޯނާ އަށް އިރުޝާދު ދީފަ އެވެ. 2008 ވަނަ އަހަރު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަށްފަހު، 2012 ވަނަ އަހަރު އެ މަޤާމުން ދުރަށް ދިޔައިރު، ގާޑިއޯލާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ މުއްދަތުގައި މެސީ ވެސް ބާސެލޯނާ އަށް ކުޅެމުން އައިއިރު، ގާޑިއޯލާ އާއި މެސީއާ ދެމެދު ވަނީ ގާތް ގުޅުމެއް އުފެދިފަ އެވެ. އަދި ގާޑިއޯލާ އަކީ އަބަދު ވެސް މެސީގެ ކުޅުމާއި، އޭނާގެ ހުނަރަށް ތައުރީފު ކުރާ ކޯޗެކެވެ.
މެސީއާ ގުޅޭ ގޮތުން މި ފަހުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ފުޓުބޯޅައިގައި މިހާތަަނަށް އެފުދުނު އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމަށެވެ. ގާޑިއޯލާ ބުނީ އޭނާ އެހެން ބުނުމަކީ، ފަހަރުގައި ބްރެޒިލްގެ ލެޖެންޑު ޕެލޭ އަދި އާޖެންޓީނާގެ ލެޖެންޑު ޑިއޭގޯ މަރަޑޯނާ އަށް ކުރެވޭ ބޭއިޙުތިރާމަކަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް މެސީ ކަހަކަ އެހެން ކުޅުންތެރިޔަކު އޭނާ އަށް ތަސައްވަރު ނުކުރެވޭކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، މެސީ އަކީ އެއް ފެންވަރެއްގައި ކުޅޭ ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާ އަކީ ތަފާތުކަމެއް ލިބިގެންވާ، ޚާއްސަ ކުޅުންތެރިޔެއް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
ބާސެލޯނާ ދޫކޮށްލުމަށްފަހު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި އޭގެ ފަހުން މިހާރު އިންޓަ މިއާމީ އަށް ކުޅެމުން އަންނަ މެސީ އަކީ ފުޓުބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު އަށް ފަހަރު ކާމިޔާބު ކޮށްފަ އެވެ. މެސީ އަކީ އެންމެ ގިނަ ފަަހަރު އެ އެވޯޑު ހޯދި ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ ވަނީ ޔޫރަޕުގެ ރަން ބޫޓު ވެސް ހަ ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފަ އެވެ.