ކ. މާލެ
|
3 ޖޫން 2024 | ހޯމަ 09:19
ރެއާލް މެޑްރިޑަށް އިރުޝާދު ދެމުން އަންނަ ކާލޯ އަންޗެލޮޓީ، އެ ޓީމުގެ ކުޅުންތެރިންނާއެކު އުފާ ފާޅު ކުރަނީ
ރެއާލް މެޑްރިޑަށް އިރުޝާދު ދެމުން އަންނަ ކާލޯ އަންޗެލޮޓީ، އެ ޓީމުގެ ކުޅުންތެރިންނާއެކު އުފާ ފާޅު ކުރަނީ
ރޮއިޓާސް
ރެއާލް މެޑްރިޑު
ރެއާލްގެ ނަތީޖާ، އަންޗެލޮޓީ އުންމީދު ކުރި ވަރަށް ވުރެ ވެސް ބޮޑު!
ރެއާލަށް ޗެމްޕިއަންސް ލީގު ޚާއްސަވާ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، އެއީ ރެއާލްގެ އާދަކާދަ އާއި ތާރީޚާ ވެސް ގުޅިފައިވާ ކަމެއް ކަމަށް

ސްޕެއިންގެ ރެއާލް މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި 15 ވަނަ ފަހަރަށް އުފުލާލުމަކީ އޭނާ އުންމީދު ކުރި ވަރަށް ވުރެ ވެސް ބޮޑު ނަތީޖާއެއް ކަމަަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލުން، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުގެ މައްޗަށް 2-0 އިން ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ރެއާލް އަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވެސް ގިނަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ރެއާލުން ވަނީ ތިން ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

އަންޗެލޮޓީ ބުނީ، އެކަމަކީ ދުވަހަކު ވެސް އޭނާ އުންމީދު ކޮށްގެން ހުރި ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ޤަބޫލު ކުރެވުނުކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އެއީ އޭނާ އުންމީދު ކުރި ވަރަށް ވުރެ ވެސް ބޮޑު ކަމެއް ކަމަށެވެ. އަންޗެލޮޓީ ފާހަގަ ކުރި ގޮތުގައި އެ މެޗުގެ ފުރަތަމަ ހާފުގައި ރެއާލް ފެނުނީ ވަރަށް މަޑުމައިތިރިކޮށެވެ.

ރެއާލްގެ ކުޅުންތެރިން ކުޑަކޮށް މަޑު ޖެހިލައިގެން ތިބިއިރު، ޑޯޓްމަންޑުން ދިޔައީ އެމީހުން ބޭނުންވި ގޮތަށް ކުޅެމުން ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް ދެ ވަނަ ހާފަށް ނިކުމެ ރެއާލްގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކޮށް، މޮޅު ކުޅުމެއް ދެއްކުމުގެ ނަތީޖާ އަކީ އެމީހުން މޮޅުވުން ކަމުގައި އަންޗެލޮޓީ ބުންޏެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ، މިއީ ކުރިއަށް އޮތް ތަނަށް ވެސް ދިގު ދެމިގެން ދާނެ ހުވަފެނެއް ކަމަށެވެ. ޚާއްސަކޮށް އެ ކާމިޔާބަށްފަހު ދެން ވާނެ ގޮތެއް ބުނަން ނޭންގުނު ނަމަވެސް، އުފާ ފާޅު ކުރުމުގައި ހުންނާނީ "ނުނިދައި" ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެއީ ހުވަފެނަކަށް ވީ ނަމަވެސް، މިހާރު އެކަން ހަގީގަތަކަށް ބަދަލުވެއްޖެ އެވެ. އަދި ޚާއްސަކޮށް ކުޅިވަރުގައި އޮންނަ ރަނގަޅު އަދި ނުބައި ބައިތަކާ އެކު، ފައިނަލް އަކީ ވަރަށް ޚާއްސަ އިޙުސާސެއް ކުރެވޭ މެޗެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކޮށްފަ އެވެ.

އިތުރަށް އަންޗެލޮޓީ ބުނީ ރެއާލަށް މި ނިންމާލެވުނީ ކާމިޔާބު ސީޒަނެއް ކަމަށާއި، އަނެއްކާ ވެސް ތަށި ހޯދުމުގެ ފުރުސަތު ލިބުމުން އުފަލުން ހުރި ކަމަށެވެ. ރެއާލަށް ޗެމްޕިއަންސް ލީގު ޚާއްސަވާ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، އެއީ ރެއާލްގެ އާދަކާދަ އާއި ތާރީޚާ ވެސް ގުޅިފައިވާ ކަމެއް ކަމަށާއި، ޔަގީނުން ވެސް އެކަން ކުރެވެނީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުވުމުން ކަމަށެވެ.

ރެއާލުން އަބަދު ވެސް މަސައްކަތް ކުރަނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށާއި، ކޮންމެ މީހަކު ވެސް ބޭނުން ވާނީ ކުލަބަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އޭނާ ބުންޏެވެ. ރެއާލަށް ދިމާވާ މައްސަލަތަކުން އަވަހަށް އަރައިގަނެ، ކުރިއަަށް ދިޔުމަށް ފަސޭހަ ވަނީ ވެސް އެ ސަބަބާ ހުރެ ކަމުގަައި އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ކާލޯ އަންޗެލޮޓީ އަކީ އެންމެ ގިނަ އިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ކޯޗެވެ. މިހާތަނަށް އޭނާ ވަނީ ފަސް ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އެއީ ރެއާލާ އެކު ތިން ފަހަރު، އަދި އިޓަލީގެ އޭސީ މިލާނާ އެކު ދެ ފަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް