ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ އަކީ ދުނިޔެއިން ފެނުނު މޮޅު ކުޅުންތެރިއެކެވެ. ގިނަ ފައިސާ ލިބުނު އަގުބޮޑު ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. ނަމަވެސް އޭނާ ފަގީރުވެ، ބަނގުރޫޓްވެއްޖެ ކަމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ނެރޭ ނޫސްތަކުން ބުނަން ފަށައިފި އެވެ.
ރޮނާލްޑީނިއޯ އަކީ ބްރެޒިލްގެ އެހެން ކުޅުންތެރިން ފަދައިން ޕާޓީ ކުރުމާއި މަޖަލުގައި ގިނަ ވަގުތު ހޭދަކުރި ކުޅުންތެރިއެކެވެ. މިހެންވެ އޭނާ ޔޫރަޕުގައި ކުޅުނު ދުވަސްވަރު އެންމެ މަތީ ފަންތީގައި މާގިނަ ދުވަހު ދެމި ނުހުރެވުނެވެ. ޕީއެސްޖީން ސްޕޭނުގެ ބާސެލޯނާ އަށް ބަދަލުވެ، ދުނިޔެ ހައިރާންކޮށްލި ނަމަވެސް އޭނާ އަށް ތަފާތުތަކެއް ދެއްކުނީ އެންމެ ދެތިން އަހަރު އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ބެލޮންޑީއޯ އެވޯޑް ވެސް ހޯދި އެވެ. މުއްސަނދިކަން ލިބުނެވެ.
ނަމަވެސް ޓެކްސް އަށް މަކަރު ހެދުމުގެ ކުށުގައި އޭނާ ވަނީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެތަށް ފަހަރަކު ހައްޔަރުކޮށްފަ އެވެ.
ބްރެޒިލްގެ ފުލުހުން އޭނާ ޓެކްސް އޮތޯރިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީވެ ރޮނާލްޑީނިއޯގެ ބޭންކް އެކައުންޓްތައް ޗެކްކުރިއިރު ހުރީ އެންމެ 6 ޑޮލަރު ކަމަށް އިނގިރޭސި ނޫސް ދަ ސަންއިން ބުނެ އެވެ. މިހެންވެ އޭނާގެ ދެ ގެއެއް ވިއްކާލަން ކޯޓުން މިހާރު ވަނީ މަސައްކަތް ފަށާފައިފައެވެ.
ބްރެޒިލަށް 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ހޯދައިދޭން މޮޅަށް ކުޅުނު ކުޅުންތެރިޔާ ފަގީރުވެ، ބަނގުރޫޓްވެއްޖެކަމަށް އެ ބުނަނީ މިހެންވެ އެވެ. އޭނާގެ އަތުގައި ފައިސާއެއްނެތެވެ. ނަމަވެސް ބްރެޒިލްގެ މުއައްސާސާތަކުން ތުހުމަތުކުރަނީ ރޮނާލްޑީނިއޯ އޭނާގެ ފައިސާތަކަށް މަކަރުހެދީ ކަމަށެވެ. އަދި ދާދި ފަހުންވަނީ އޭނާގެ ނަމުގައި ޕޭޕަރ ކުންފުނިތަކެއް ހުރި މައްސަލަ ފެންމަތިވެފަ އެވެ. މި ކުންފުނިތައް މެދުވެރިކޮށް އޭނާ އަށް އެތައް ފައިސާއެއް ދުވާލެއްގެ މައްޗަށް ލިބޭ ކަމަށް ވެސް ބްރެޒިލްގެ ތަހުގީގީ އިދާރާތަކުން ބުނެފައިވެ އެވެ. އެހެންކަމުން އެކައުންޓްގައި ފައިސާ ނެތަސް ރޮނާލްޑީނިއޯ އުޅެމުންދަނީ މުއްސަނދި ދިރިއުޅުމެކެވެ. އޭނާގެ ފިރިހެން ދަރިފުޅު މިހާރު ކުޅެނީ ބާސެލޯނާގެ އެކަޑަމީގަ އެވެ.