ބްރެޒިލްގެ ކުރީގެ ފޯވަޑް ރޮނާލްޑީނިއޯ އަނެއްކާ ވެސް ޖަލަށްލާން ޖެހިދާނެކަމުގެ އިޝާރާތެއް ބްރެޒިލްގެ ތަހުގީގީ އިދާރާތަކުން ބުނެފި އެވެ.
2002 ވަނަ އަހަރުގެ ވޯލްޑްކަޕް ހޯދައިދިން ފޯވަޑް އަދި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ ރޮނާލްޑީނިއޯ އަށް ކުރަނީ އޭނާގެ ކުންފުންޏެއް މެދުވެރިކޮށް ފައިސާ އަށް މަކަރު ހެދިކަމުގެ ތުހުމަތެކެވެ. މިގޮތުން ކްރިޕްޓޯ ކަރަންސީ ބޭނުން ކޮށްގެން 62 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި އޭނާގެ 18ކޭ ރޮނާލްޑީނިއޯ ކުންފުނިން ކުރަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މިކުންފުންޏަށް އިންވެސްޓަރުން ދުވާހަކު 30 ޑޮލަރުގެ ކްރިޕްޓޯ ކަރަންސީ އިންވެސްޓްކުރާއިރު ކުންފުންޏަށް ދުވާލަކު ވަންނަ ފައިސާގެ ދެ ޕަސެންޓް ރޮނާލްޑީނިއޯ އަށް ލިބޭކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ބްރެޒިލްގެ ޕާލަމެންޓަރީ ކޮމިޓީގެ ޑެޕިއުޓީ އައުރެއޯ ރިބެއިރޯ ބުނީ މި މައްސަލާގައި ޖަވާބުދާރީވާން ހާޒިރުވުމަށް ރޮނާލްޑީނިއޯ އަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި ދީފައިވާ މުއްދަތުގައި އޭނާ ހާޒިރުނުވެއްޖެނަމަ ބްރެޒިލްގެ ފުހުލުން އޭނާ ހާޒިރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި އަނެއްކާ ވެސް ޖަލަށް ދާން ޖެހިދާނެ ކަމަށެވެ.
ބާސެލޯނާ އާއި ޕީއެސްޖީ އަށް ކުޅުނު ރޮނާލްޑީނިއޯގެ ވަކީލުން މި މައްސަލައިގައި އޭނާގެ ކުށެއް ނެތް ކަމަށް ބުނެ އެވެ. އަދި 18ކޭ ރޮނާލްޑީނިއޯގެ ކުންފުންޏަކީ އޭނާ އަށް އެނގުމެއްނެތި އޭނާގެ ނަން ބޭނުންކޮށްފައިވާ ކުންފުންޏެއް ކަމަށް ވެސް އޭނާގެ ވަކީލުން ބުނެ އެވެ. ނަމަވެސް ބްރެޒިލްގެ ފުލުހުން ބުނަނީ ރޮނާލްޑީނިއޯ އަކީ އެ ކުންފުނީގެ އެމްބެސެޑަރެއްގެ ރޯލު އަދާކުރާ މީހެއް ކަމަށެވެ.
ރޮނާލްޑީނިއޯ އަށް ވަނީ މީގެ ކުރިން ކޮވިޑް ދުވަސްވަރު ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހިފަ އެވެ. އެއީ ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވި މައްސަލައިގައި ޝަރީއަތް ނިމެންދެންނެވެ. އެ ފަހަރު އޭނާ ޖަލުން ސަލާމަތްކުރުމުގައި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ވެސް މުހިންމު ދައުރެއް އަދާކުރި އެވެ.