ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ އަންނަ ބުދަ ދުވަހު ބަނގްލަދޭޝް އަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކުޅިވަރު އިވެންޓްތައް ޕްރޮމޯޓްކޮށްދޭ ސޮޓޯދުރު ދުއްޓާ ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
އިންޑިޔާ އަށް މަޝްހޫރު ޕެލޭ އާއި ޑިއެގޯ މަރަޑޯނާ ވެސް ގެންގޮސްދިން ދުއްޓާ ބުނީ ބަނގްލަދޭޝް އަށް ކުރާ ދަތުރުގައި އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ ރޮނާލްޑީނިއޯ ބައްދަލުކުރާނެ ކަމަށެވެ. މިއިވެންޓް އޮންނާނީ މާދަމާނޫން އަނެއް ދުވަހުގެ ރޭ ޑާކާގެ ރަޑިސަން ބްލޫ ހޮޓަލުގައި ކަމަށެވެ. މި އިވެންޓްގައި ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޢާޒީ ސަލާހުއްދީން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އިވެންޓަށް ގައުމީ ކެޕްޓަން ޖަމާލް ބުއިއަން އާއި ކުޅުންތެރިންނަށް މިހާރު ދައުމަތުވެސް ފޮނުވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދި ރޮނާލްޑީނިއޯ އަކީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ބްރެޒިލަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ. އޭނާ އެންމެ ބޮޑަށް ވިދާލީ ސްޕޭނުގެ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު އެވެ. ދިވެހިންގެ ގިނަ ބައެއްގެ ލޯބިވެސް ލިބިފައިވާ ރޮނާލްޑީނިއޯ ބަނގްލަދޭޝް އަށް މިދަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އެ ގައުމުގައި ތިބި ވަގުތެއްގަ އެވެ. ގައުމީ ޓީމު މިވަގުތު ބަނގްލަދޭޝްގައި ތިބީ މާދަމާ އެ ގައުމާ ދެކޮޅަށް ކުޅޭ ވޯލްޑްކަޕް ކޮލިފައިން މެޗު ކުޅުމަށެވެ. ޓީމު އެނބުރި އަންނަ ދުވަހެއް ޔަގީނެއްނޫނެވެ.
ދާދި ފަހުން އާޖެންޓީނާގެ ކީޕަރު އެމެލިއާނޯ މާޓިޏޭޒް ވެސް ވަނީ ބަނގްލަދޭޝް އަށް ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް އޭނާ އާއްމުންނާ ބައްދަލުނުކުރުމުން ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި އޭނާ އެ ގައުމަށްދިޔައިރު އެއާޕޯޓުން ބަނގްލަދޭޝްގެ ގައުމީ ކެޕްޓަނާ ސަލާމް ނުކުރި މައްސަލަ ވެސް ފެންމަތިވި އެވެ. ދުއްޓާ ބުނީ ރޮނާލްޑީނިއޯ އާއްމުންނާ ބައްދަލުކުރާ ގޮތަށް އަދި ހަމަޖެހިފައިނުވާ ކަމަށެވެ.
ދުއްޓާ ބުނީ ބަނގްލަދޭޝް އަށް ރޮނާލްޑޯނިއޯ ދާ ފްލައިޓް ޖައްސާނީ ބުދަދުވަހު މެންދުރު ފަހު ދޭއްޖަހާ އިރު ކަމަށާއި ބުރާސްފަތި ދުވަހު ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ވެސް ބައްދަލުކުރުމަށްފަހު އެ ދުވަހު ފުރަން ހަމަޖެހިފައިވާ ކަމަށެވެ.