ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެޑްސްޓަރ ބެލްގްރޭޑްއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ރެޑްސްޓަ ބެލްގްރޭޑްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެ ލަނޑު ޖެހިއިރު، ރެޑްސްޓަރ ބެލްގްރޭޑް އިން ލަނޑެއް ޖެހި އެވެ. އަނެއް ތިން ލަނޑު ބާސެލޯނާ އިން ޖެހީ ފަހު ހާފުގަ އެވެ. އަދި މި ހާފުގައި ރެޑްސްޓަރ ބެލްގްރޭޑް އިން ވަނީ ލަނޑެއް ވެސް ޖަހައިފަ އެވެ.
މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ އިނީގޯ މާޓިނޭޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރަފީނިއާ އެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ރެޑްސްޓާ ބެލްގްރޭޑް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސިލާސް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ވަނަ ފަހަރަށް ބާސެލޯނާ އަށް ލީޑު ނަގައިދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ.
ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ދެ މިނެޓު ފަހުން ރަފީނިއާ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަދި ބާސެލޯނާގެ ފަސް ވަނަ ލަނޑު 76 ވަނަ މިނެޓުގައި ޖެހީ ފާމިން ލޮޕޭޒް އެވެ. މެެޗުގައި ރެޑްސްޓަރ ބެލްގްރޭޑްގެ ދެ ވަނަ ލަނޑު 84 ވަނަ މިނެޓުގައި ޖެހީ މިލްސަން އެވެ.
މޮޅާއެކު ބާސެލޯނާ އިން ވަނީ ލީގު ތާވަލްގެ ހަ ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ.