ކ. މާލެ
|
14 މެއި 2024 | އަންގާރަ 08:30
"ޕްލެއިން ވިތު ކޮރަލްސް" ޕްރޮގްރާމްގެ މައުލޫމާތު ޙިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިޢު
"ޕްލެއިން ވިތު ކޮރަލްސް" ޕްރޮގްރާމްގެ މައުލޫމާތު ޙިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިޢު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
"ޕްލެއިން ވިތު ކޮރަލްސް" ޕްރޮގްރާމް ރާއްޖޭގައި ހިންގަން ލިބުމަކީ ނަސީބެއް: ވަޒީރު ރާފިޢު
އެފަދަ ކުލަބެއްގެ ފިލޯސަފީ ރާއްޖެ އަށް ދޫކޮށްލުމަކީ، ވަރަށް އަގު ހުރި ކަމެއް ކަމަށް ރާފިޢު ވިދާޅުވި

ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ) ފައުންޑޭޝަނާއި، ޔޫރަޕުގެ ގަދަ ބާރު އިންޓަ މިލާން އަދި އިޓަލީގެ ޔުނިވާސިޓީ އޮފް މިލާނޯ ބިކޯކާ އިން ކުރިއަށް ގެންދާ "ޕްލެއިން ވިތު ކޮރަލްސް" ޕްރޮގްރާމް ރާއްޖޭގައި ހިންގުމަކީ، ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރާފިޢު މިހެން ވިދާޅުވީ، މިދިޔަ ހަފުތާގައި ފ.އަތޮޅު މަގޫދޫގައި ފެށި "ޕްލެއިން ވިތު ކޮރަލްސް" ގެ ފުރަތަމަ ޕްރޮގްރާމް ނިންމާލުމަށްފަހު، އެކަމުގެ މައުލޫމާތު ޙިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެގޮތުން މިނިސްޓަރު ރާފިޢު ވިދާޅުވީ، ފ.އަތޮޅުގެ ފަސް ރަށުން ވެސް ބައިވެރިވެފައިވާ އެ ޕްރޮގްރާމް ކުރިއަށް ގެންދެވެނީ ވަރަށް ކާމިޔާބު ކަމާއެކު ކަމަށެވެ.

އިތުރަށް މިނިސްޓަރު ރާފިޢު ވިދާޅުވީ އިންޓަ މިލާން ކަހަލަ ކުލަބަކުން ރާއްޖޭގައި އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދަން އިސްނެގުމަކީ، ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ނަސީބެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އެކަމަކީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ރާއްޖެ އިން ދެކޭކަން ފާހަގަކުރައްވައި މިނިސްޓަރު ރާފިޢު ވިދާޅުވީ، އެ ފެންވަރުގެ ކުލަބެއްގެ ފައުންޑޭޝަނަކުން އެކަން ކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

އިންޓަ މިލާން އަކީ ވަރަށް ވަރުގަދަ ފައުންޑޭޝަނެއްގެ މަތީގައި، ވަރަށް ވަރުގަދަ ފިލޯސަފީއެއްގެ މަތީގައި ފުޓުބޯޅަ ކުރިއަރުވަމުން އަންނަ ބައެއްކަން ވަޒީރު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން، އެފަދަ ކުލަބެއްގެ ފިލޯސަފީ ރާއްޖެ އަށް ދޫކޮށްލުމަކީ، ވަރަށް އަގު ހުރި ކަމެއް ކަމަށް މިނިސްޓަރު ރާފިޢު ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ ސަބަބުން ރާއްޖެ އިން އުފާ ކުރާ ކަމަށާއި، އެކަމުގެ އަގު ވަޒަން ކުރާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ހަމަގައިމު ވެސް އެ ކުލަބުތަކަކީ ވަރަށް ވަރުގަދަ ފައުންޑޭޝަނެއްގެ މަތީގައި، ވަރަށް ވަރުގަދަ ފިލޯސަފީއެއްގެ މަތީގައި ފުޓުބޯޅަ ޑިވަލޮޕް ކުރަމުން އަންނަ ބައެއް. ވެފަ ވެސް އޮތް ބައެއް. އެހެންވީމާ އެ ބޭފުޅުންގެ ފިލޯސަފީ އަޅުގަނޑުމެންނަށް ދޫކޮށްލާއިރު، އެކަންކަމަކީ ވަރަށް ވެލިއުބަލް ކަމެއް ކަމަށް އަޅުގަނޑުމެން ދެކެން ޖެހޭނެ. އެހެންވީމަ އަޅުގަނޑު ދެކެނީ އަޅުގަނޑުމެން ވަރަށް އުފާ ކުރާ ކަމެކޭ، މީގެ އަގުވަޒަން ކުރާ ކަމެކޭ، މިއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ދެކެނީ.
ޢަބްދުﷲ ރާފިޢު (ރާއްޕެ) / ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

މީގެ އިތުރުން މިނިސްޓަރު ރާފިޢު ވިދާޅުވީ، ފަރުތައް އަލުން އިއާދަކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި އެކަން ކުރެވޭނީ، ހަމައެކަނި ކުދިންގެ ޝައުޤުވެރިކަން އެކަމަށް ޖައްސައިގެން ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމްގެ ދަށުން، ފުޓުބޯޅައިގެ ތެރެއިން ގޮސް، ފަރުތަކުގެ މުހިންމުކަމާއި، ބޭނުންތެރިކަން އަދި އެތަކެތީގެ ޢިލްމު ކުދިންނަށް ދަސްކޮށްދެވިގެން ދާނެ ކަމުގައި ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

މިވަގުތު ފ.އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ ނަމަވެސް، އެހެނިހެން އަތޮޅު ތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް މަޝްވަރާތައް ކުރެވެމުން އަންނަ ކަމުގައި ވެސް ވަޒީރު ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ކަންތައްތަކުގެ ތެރޭގައި، ކަނޑުފަޅު އަދި އެ ތަންތަނުގެ ދިރުންތައް ހިމާޔަތް ކުރުމުގެ އިތުރުން، އެފަދަ ތަންތަން ރައްކާތެރި ކުރުމާއި، ދިރުވާ އާލާކުރުމުގެ ހުނަރުތައް ދަސްކޮށްދިނުން ހިމެނެ އެވެ. ހަމައެހެންމެ، ފުޓުބޯޅަ ކުޅުމުގެ ހުނަރުތަކާއި އުކުޅުތައް ކުދިންނަށް ދަސްކޮށްދީ، ކުޅިވަރުގެ ތެރެއިން އިޖުތިމާއި، އަދި ފަރުދީ ގޮތުން ހުންނަ ހުނަރުތަށް ދަސްކޮށްދިނުން ވެސް ހިމެނެ އެވެ.

މިދިޔަ ހަފްތާގައި ފ.މަގޫދޫގައި މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވާއިރު، ފުރަތަމަ ޕްރޮގްރާމް ވަނީ ނިންމާލައިފަ އެވެ. އެ މުއްދަތުގައި ވަނީ ކޮންމެ އެ އަތޮޅުގެ ކޮންމެ ރަށަކުން ހަތަރު ޓްރެއިނަރުން ވެސް ތަމްރީނުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް