ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 23:08
ހެނދުނު 6 ޖެހުމާއެކު، ދުވަހުގެ މަސައްކަތަށް ބަސްމާ ނުކުމޭ، ޙުއްމޫޞް ތައްޔާރު ކުރަން ބޭނުންވާ އެކިއެކި ސާމާނުތައް ހޯދައި، ހަމަ ކުރޭ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
 
އިޒްރޭލުގެ ރަޙުމެއް ނެތް އުދުވާންތަކުގައި ބަސްމާގެ އެއްބަނޑު އެއްބަފާ ކުދިންނާއި ބައްޕަ ވަނީ ޝަހީދުކޮށްލާފައި
 
ޔުނިވަރސިޓީގައި އެކައުންޓްސްގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރަމުން ދިޔަ ދަރިވަރުގެ މިހާރުގެ މަސައްކަތަކީ ހަމަސް ވިއްކުމުގެ މަސައްކަތް

އުމުރުން އެންމެ 20 އަހަރުގެ ބަސްމާ އަލް-ޝާވިޝްއަކީ އެއް އިރެއްގައި، ޣައްޒާގެ ޔުނިވަރސިޓީގައި އެކައުންޓްސްގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރަމުން ދިޔަ ދަރިވަރެކެވެ. ނަމަވެސް މިއަދު އޭނާއަށް ކުރަން މަޖުބޫރުވެފައި ވާ މަސައްކަތަކީ، ދީރް އަލް-ބަލާހްގައި ޙުއްމޫޞް ނުވަތަ ދިވެހި ދޫތަކަށް ފަރިތަ ނަމުން ދަންނަވާނަމަ ހަމަސް ވިއްކުމުގެ މަސައްކަތެވެ.

ދީރް އަލް-ބަލާހްއަކީ ރެފިއުޖީންގެ ގޮތުގައި އޭނާގެ މުޅި އާއިލާ ގޮވައިގެން ބަސްމާ މިހަރު ދިރިއުޅެމުން ދާ ސަރަހައްދެވެ. ގަތުލުވެރިންގެ ވަކިތަކުން ސަލާމަތްވެފައި ތިބި މެންބަރުންގެ ދިރިއުޅުމަށް ބޭނުންވާ މާލީ ހުރިހާ ޚަރަދެއް ބަލަހައްޓަނީވެސް ބަސްމާ އެކަނިމައިއެކަންޏެވެ.

އަހަންނަށް ކިޔަނީ ބަސްމާ. އުމުރަކީ 20 އަހަރު. ނިސްބަތް ވަނީ ޣައްޒާއަށް. ގެދޮރު ގެއްލި، ދީރް އަލް-ބަލާހްގަ މި އުޅެނީ. އަހަރެން ކިޔަވަމުން ދިޔައީ އެކައުންޓަންސީގެ ރޮނގުން، ޔުނިވަރސިޓީގެ 2 ވަނަ އަހަރު. އެކަމަކު މިހާރު މަށަކީ ޙުއްމޫޞް ވިއްކާ މީހެއް. އަހަންނަށް މަސައްކަތް ކުރަން ޖެހޭ، ކޮންމެހެން ބޭނުން ވެގެންނެއް ނޫން. އެކަމަކު، އެއްބަނޑު އެއްބަފާ ކުދިންނާއި ބައްޕަވެސް ޝަހީދުވެ ދިޔައިމަ، އާއިލާއަށް މާލީ އެހީ ދޭން ޖެހޭތީވެ. މިވަގުތު އާއިލާގެ ހުރިހާ ކަމެއް މި ބަލަހައްޓަނީ ހަމަ އަހަރެން، ޙުއްމޫޞް ހަދަމުން.
ބަސްމާ އަލް-ޝާވިޝް؛ ގެދޮރު ގެއްލިފައި ވާ ޣައްޒާ ދަރިވަރެއް

މީގެ 6 މަސް ދުވަސް ކުރިން ފެށި ގަތުލުއާންމުގެ ސަބަބުން ބަސްމާއާއި އޭނާގެ އާއިލާގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކޮށްފައި ވާ ކަމަށް އޭނާ ކިޔައިދިނެވެ. އިޒްރޭލުގެ ބޮމުގެ ޙަމަލާ، އޭނާގެ އަމިއްލަ ގެއަށްވެސް އަމާޒުވިފައެވެ. އިޒްރޭލުގެ ރަޙުމެއް ނެތް އުދުވާންތަކުގައި ބަސްމާގެ އެއްބަނޑު އެއްބަފާ ކުދިންނާއި ބައްޕަ ވަނީ ޝަހީދުކޮށްލާފައެވެ. އަދާ ޖެހުނުއިރުވެސް ބައްޕަގެ ހަށިގަނޑު، އެންމެ ފަހު ފަހަރަށް ދެކިލަންވެސް އާއިލާއާ ހަވާލު ނުކުރާ ކަމަށް ބަސްމާ ބުންޏެވެ.

މި ހަނގުރާމައިގެ ތެރޭގައި، އިންތިހާއަށް ހަރުކަށި ހާލަތްތަކެއް ތަޖުރިބާ ކުރެވޭ އެބަ އަހަރެމެންނަށް. މި ހަނގުރާމައިގެ ޝިކާރައަކަށް ވެފައި މިތިބީ. އަހަރެމެންގެ ގެއަށް ބޮން އަޅާ، ގޮއްވާލައި، އަހަރެންގެ އެއްބަނޑު އެއްބަފާ ކުދިން ޝަހީދުކޮށްފި. ފަހުން މި އެނގެނީ ބައްޕަވެސް ޝަހީދުކޮށްލައިފިކަން. ބައްޕަގެ ހަށިގަނޑު އަދިވެސް ނުލިބޭ. އެހެންވެ އަހަރެން މިޖެހުނީ އަމިއްލަ ހާލައިގެން ނުކުމެ، ބައްޕަގެ ހަށިގަނޑު ވީ ތަނެއް ބަލަން. ޚަބަރު ލިބުނު ގޮތުގައި ޔަހޫދީން ވަނީ ޕްލާސްޓިކް ކޮތަޅުތަކަށް އަޅައިގެން ބައްޕަ ހަށިގަނޑުގެ ބައިތައް އުކާލާފަ. މަގުމަތީ ދުއްވާ ބުލްޑޯޒަރުތަކުންވެސް ބައްޕަގެ ހަށިގަނޑު ނަގައި އެއްލާލި ކަމަށްވެސް ޚަބަރު ލިބުނު. މިހާތަނަށް އައިއިރު އަހަރެމެންނަށް ބައްޕަގެ ހަށިގަނޑެއް އެއްގޮތަކަށްވެސް ނުފެނޭ. އެހެންވެ އަމިއްލަ ފައިމައްޗަށް ތެދުވެ، ނުކުންނަން މަޖުބޫރުވީ. އަހަރެމެން މިތިބަ ހާލުގަ، އަހަރެމެން ބަލާނެ އެހެން މީހަކު ނާންނާނެ.
ބަސްމާ އަލް-ޝާވިޝް؛ ގެދޮރު ގެއްލިފައި ވާ ޣައްޒާ ދަރިވަރެއް

ހިތްވަރާއި ސާބިތުކަމުގައި ޣައްޒާގެ ރަށްވެހިންނަކީ ލާމަސީލު މިސާލުތަކެއް ކަމަށް ދަންނަވަން ޖެހެނީ ބަސްމާ ފަދަ ޒުވާނުންގެ ސަބަބުންނެވެ. ޒުވާން އުމުރުގައި، ގަތުލުއާންމެއްގެ މެދުގައި، މުޅި އާއިލާގެ ޒިންމާ ކޮނޑުއަޅައިގެން ތެދުވެ ހުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން އަހަރެމެންނަށް ވަޒަންވެސްކޮށްނުލެވޭނެވެއެވެ. އަމިއްލަ މިނިވަންކަން އޮތް ބިމެއްގައި، މިނިވަން ދިދައެއްގެ ހިޔަލުގައި، ދިރިއުޅުމަށްޓަކައި އަހަރެމެން އުފުލަން ޖެހޭ "ތަކުލީފުތަކުން" ދެވަރުން އެއްވަރުވެ، އެ ޝަކުވާ ކުރާ އިރު، ބަސްމާ ފަދަ ޒުވާނުންގެ ހާލާ މެދު ވިސްނާ، އަހަރެމެންނަށް ލިބިފައި ވާ ނިއުމަތްތަކާ މެދު ޝުކުރު ކޮށްލެވުނު ހެއްޔެވެ؟

ހެނދުނު 6 ޖެހުމާއެކު، ދުވަހުގެ މަސައްކަތަށް ބަސްމާ ނުކުމެއެވެ. ޙުއްމޫޞް ތައްޔާރު ކުރަން ބޭނުންވާ އެކިއެކި ސާމާނުތައް ހޯދައި، ހަމަ ކުރެއެވެ. އަނބުރާ ގެއަށް އައިސް، ދެން ފަށަނީ ޙުއްމޫޞް ތައްޔާރު ކުރުމުގެ މަސައްކަތެވެ. ވަކިވަކި ބޯތަށިތަކަށް ޙުއްމޫޞް އަޅާ ތައްޔާރު ކުރަނީވެސް ޚުދު އޭނާއެވެ. އެހާ ހިސާބުންވެސް މަސައްކަތް ނިމުނީއެއް ނޫނެވެ. ތައްޔާރު ކުރި ޙުއްމޫޞް ތަށިތައް، އޭނާގެ ހިމާރު ގާޑިޔާއަށް ބަރުކޮށްގެން ބަސްމާ މިސްރާބު ޖަހަނީ އަލް-އަޤްޞާ މާޓިޔަރޒް ހޮސްޕިޓަލާ ދިމާއަށެވެ. އެ ދުވަހު ތައްޔާރު ކުރި ޙުއްމޫޞް ތަށިތައް ވިއްކަނީ އެ ސަރަހައްދުގެ މަގުމަތީގައެވެ. ލިޔެ، ކިޔާލަން ފަސޭހަވިއެއް ކަމަކު، ބަސްމާގެ އެ މަސައްކަތަކީ މާ ފަސޭހަ މަސައްކަތެއް ނޫނެވެ.

އަސްލު ބުނަންޏާ، ވަރަށް ދަތި ހާލުގަ މި އުޅެނީ. ގެދޮރު ގެއްލި، ސްކޫލެއްގަ މި އުޅެނީ. މިތާކުން ގޭހެއްވެސް ނުލިބޭ. ކައްކާ ހަދަނީ ދަރުޖައްސައިގެން. ޙުއްމޫޞް ތައްޔާރު ކުރަން ބޭނުންވާ ސާމާނު ހޯދަންވެސް އެހާ އުނދަގޫ. މިސާލަކަށް ބޭކަރީއިން ޕާންކޮޅެއް ލިބެން އެތައް އިރެއް ނަގާ، ސަނާމުގު، ޓަހީނީ އެހާ އަގުބޮޑު. ޓަހީނީ ކިލޯއެއް 120 ޝެކްލްސްއަށް. ސާމާނުތައް ގަންނަނީ ހެނދުނު. އެއްޗެހި ހަމަކޮށްގެން މިތަނަށް އައި ކައްކަން ފަށަނީ. 6 ޖަހާއިރު މަސައްކަތް ފަށަން. ނިންމާލެވޭނީ 4، 5 ޖަހާއިރު. ރޭގަނޑު ނުވަނީސް ގެއަކަށް ނުދެވޭ.
ބަސްމާ އަލް-ޝާވިޝް؛ ގެދޮރު ގެއްލިފައި ވާ ޣައްޒާ ދަރިވަރެއް

މި ހުރިހާ ބުރައަކާވެސް ބަސްމާ ކުރިމަތިލަނީ ހިނިތުންވުމަކާ އެކުގައެވެ. އޭނާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭތީ ހިތްހަމަޖެހިފައި ހުރެގެންނެވެ. އެކައުންޓްސްގެ ރޮނގުން ފޮނި ހުވަފަންތަކެއް ދެކެމުން އައި ބަސްމާގެ އައު ވަޒީފާ، 6 މަސް ވީ ގަތުލުއާންމުގައި ހަމަސް ވިޔަފާރިއަކަށް ބަދަލުވީއެވެ. ފަހަރެއްގައިވެސް ބޮޑު އާމްދަނީއެއް ލިބެނީއެއް ނޫނެވެ. ނަމަވެސް، ހަމަސް ނުވަތަ ޙުއްމޫޞް ވިއްކައިގެން އެ ލިބޭ ކުޑަ އާމްދަނީއަކީ، އޭނާއާއި އާއިލާގެ ޛަރޫރީ މުހުތާދުތައް ފުއްދާލެވޭ ވަރުގެ އާމްދަނީއެއް ކަން ބަސްމާ ފާހަގަ ކުރެއެވެ.

ލިބޭ މިންވަރަށް ޝުކުރުކޮށް، މިންވަރަށް އީމާންވުމުގައި ޣައްޒާގެ ކުދިބޮޑު އެންމެން މިއަދުވެސް އެ ދަނީ މުޅި ދުނިޔެއަށް މިސާލު ދައްކައިދެމުންނެވެ. އެކަމާ ދެބަސްވާނެ މީހަކު ހުންނާނެ ކަމަށް ބުއްދި ޤަބޫލެއް ނުކުރެއެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް