ކ. މާލެ
|
3 މެއި 2024 | ހުކުރު 19:40
މިޞްރުގައި ހުޅުވި ޝަވަރުމާ ރެސްޓޯރަންޓަށް ގިނަ ބައެއްގެ ތަރުޙީބު ލިބޭ
ޣައްޒާގެ ޝަވަރުމާ
ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
މި ޝަވަރުމާއަކީ މިޞްރު ޝަވަރުމާއާއި، ސޫރިޔާ ޝަވަރުމާއާ ތަފާތު އެއްޗެއް
އަޙްމަދު އަވާދުގެ އުންމީދަކީ އަނބުރާ ޣައްޒާއަށް ގޮސް، އެތަނުގައި ރެސްޓޯރަންޓުތައް ހުޅުވާ، ވިޔަފާރި ކުރިއަށް ގެންދިއުން

ހިތްވަރެއް ހުރީ ވިއްޔާ، ޙަލާލު ކޮންމެ މަސައްކަތެއްވެސް ކުރަންވީއެވެ. ޙާލަތަށް ބެލުމެއް ނެތެވެ. އެފަދަ އެއް މިސާލަކީ ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމުގެ ތެރޭގައި ގެދޮރު ގެއްލި، މިޞްރަށް ބަދަލުވި އަޙްމަދު އަވާދުއެވެ. އަޙްމަދަކީ ފަލަސްޠީނުގައި ވިޔަފާރި ކުރަމުން އައި ހީވާގި މީހެކެވެ. ރެފިއުޖީއެއްގެ ގޮތުގައި މިޞްރުގެ ޤާޚިރާގައި މިއަދު އުޅެންޖެހުނެއް ކަމަކު، އޭނާގެ އުފަން ފަސްގަނޑުގެ ހަނދާންތަކާ ފަހަރެއްގައިވެސް ވަތްކެއް ނުވެއެވެ. އަޙްމަދު އެކަން ކުރަނީ، އޭނާ ފަދަ އެހެން ރެފިއުޖީންނަށް، އަމިއްލަ ވަޒަނުގެ ރަހަތަކަށް ގެނެސްދީގެންނެވެ. އަޙްމަދަކީ މިއަދު ގާހިރާގައި ރެސްޓޯރަންޓެއް ހިންގަމުން އަންނަ މީހެކެވެ.

އަޙްމަދުގެ "ދަ ރެސްޓޯރަންޓް އޮފް ރިމާލް ނެއިބަރހުޑް" ހާއްސަ ވަނީ ޝަވަރުމާއަށެވެ. ފަލަސްޠީނުގެ އިތުރަށް، ޢަރަބި އެހެން ޤައުމުތަކުގައިވެސް އެންމެ މަޤުބޫލު އެއް ކޭމެވެ. ޝަވަރުމާއަކީ އަހަރެމެން ދިވެހިންނާވެސް ބީރައްޓެހި ބާވަތެއް ކަމަށް ބުނެވޭކަށް ނެތެވެ. ޝަވަރުމާއަށް ހާއްސަކޮށްގެން މި ރާއްޖޭގައިވެސް ކާބޯތަކެތި ވިއްކާ ތަންތަން ހިންގާފައި އެބަ ހުއްޓެވެ. އަޙްމަދަކީވެސް ޣައްޒާގައި ޝަވަރުމާ ރެސްޓޯރަންޓެއް ހިންގަމުން އައި، މުރާލި ރައްޔިތެކެވެ.

ހަނގުރާމަގަނޑަށް ފަހު... އަހަރެމެންނަކީ ޣައްޒާގަ ޝަވަރުމާ ރެސްޓޯރަންޓެއް ހިންގި ބައެއް. ގަތުލުއާންމުގެ ތެރޭގަ އެތަން ސުންނާފަތިކޮށްފި. އެހެންވެ މިޞްރަށް އަންނަން މަޖުބޫރުވީ. ދެން ހިތަށް އެރީ، މިކޮޅުގަ ތިބެގެން ވިޔަފާރި ފަށަން ވެއްޖޭ. ފަލަސްޠީނު ޝަވަރުމާ ވިއްކުމުގެ ވިޔަފާރި. މި ޝަވަރުމާއަކީ މިޞްރު ޝަވަރުމާއާއި، ސޫރިޔާ ޝަވަރުމާއާ ތަފާތު އެއްޗެއް. މީ ހާއްސަ އެއްޗެއް. ޣައްޒާ ޝަވަރުމާގެ ރަހަ ތަފާތު ވާނެ، ފަލަސްޠީނާއި ޣައްޒާގެ މީހުންނަށް އެކަން އެނގޭނެ.
އަޙްމަދު އަވާދު؛ ރެސްޓޯރަންޓް މެނޭޖަރ

މިޞްރުގައި ހުޅުވި ޝަވަރުމާ ރެސްޓޯރަންޓަށް ގިނަ ބައެއްގެ ތަރުޙީބު ލިބޭކަން، އަޙްމަދު އުފަލާ އެކު ފާހަގަ ކުރިއެވެ. ވަކިން ހާއްސަކޮށް، ފަލަސްޠީނު މީހުންގެ ފަރާތުން އިވޭ ތައުރީފުގެ ބަސްތަކުން، އަޙްމަދުގެ ހިތަށް ހަމަޖެހުން ގެނުވައެވެ.

މިތަނަށް އެއް ފަހަރު އަންނަ މީހާ، ދެން އެބަ އާދޭ އެތައް ފަހަރަކު. ވަރަށް ދުރު ހިސާބުތަކުންވެސް، ފަލަސްޠީނުގެ ވަރަށް ގިނަ މީހުން އެބަ އާދޭ މިތަނަށް. ޣައްޒާގަ މި ކައި އުޅުނު މީހުން މިޞްރަށް ބަދަލުވެފަ، މިތަނަށް އަންނަން ފެށީ، މިތަނުގެ އޯނަރު ދަންނާތީ. އެއީ އަބޫ އުސާމާ. އޭނަ މިކޮޅުގަވެސް ގޮތްޕެއް ހުޅުވީ. އެހާ ހިސާބުން މީހުން އަންނަން ފެށީ. މީ ފަލަސްޠީނުގެ އަސްލު ޝަވަރުމާ ލިބޭ ތަނަކީ. މިތަނަށް އައިސް، ޝަވަރުމާ ރަހަބަލާލީމަ، ފަލަސްޠީނުގެ ރަހަގަނޑު ހުންނާތީ، ދެން ތަކުރާރުކޮށް އަންނަން ފެށީ. މިޞްރު މީހުންވެސް ބުނޭ، ރަހަ ތަފާތޭ. މީ މި ކަހަލަ ޝަވަރުމާ ތަޖުރިބާ ކުރާ ފުރަތަމަ ފަހަރޭ، ރަހަ ރަނގަޅޭވެސް ބުނޭ.
އަޙްމަދު އަވާދު؛ ރެސްޓޯރަންޓް މެނޭޖަރ

ބައްސާމް އަބޫ އަލް-އަވްނުއަކީ އަޙްމަދު ހިންގާ ރެސްޓޯރަންޓުގެ ވިޔަފާރީގެ ވެރިޔާއެވެ. ބައްސާމު އުންމީދު ކޮށްގެން ހުރީ، ޣައްޒާއިން ބޭރުގައި ދިރިއުޅެން ޖެހިފައި އޮތީ ވަގުތީ ގޮތުން ކަމުގައި ވުމަށެވެ. އިޒްރޭލުން ހިންގާ ގަތުލުއާންމު ނިމުމަކަށް އައިސް، އަލުން އަނބުރާ ޣައްޒާއަށް ދެވޭނެ ކަމުގެ އުންމީދު ނަގައެއް ނުލައެވެ.

އަޙްމަދުގެ ވާހަކަވެސް ހުރީ ހަމަ އެފަދަ ރާގެއްގައެވެ. އުންމީދަކީ އަނބުރާ ޣައްޒާއަށް ގޮސް، އެތަނުގައި ރެސްޓޯރަންޓުތައް ހުޅުވާ، ވިޔަފާރި ކުރިއަށް ގެންދިއުމެވެ.

މާތް ﷲ އިރާދަކުރެއްވިއްޔާ، ރިމާލް އޭގެ ގޮތުގަ އަނބުރާ އަންނާނެ. އިހުނަށްވެސް ރަނގަޅު ޙާލަތެއްގަ. ﷲ އިރާދަކުރެއްވިއްޔާ އަހަރެމެން އަނބުރާ ފަލަސްޠީނަށް ދާނަން. ގޮސް، ޣައްޒާގެ ރެސްޓޯރަންޓުތަކުގަ އަލުން ކާންވެސް ކާނަން.
އަޙްމަދު އަވާދު؛ ރެސްޓޯރަންޓް މެނޭޖަރ

ރިމާލްއަކީ ޣައްޒާ ސިޓީގެ އެންމެ ކާރޫބާރޫ ބޮޑު ވިޔަފާރި މަރުކަޒެވެ. ބޮޑެތި މޯލްތަކާއި، ބޭންކުތަކުގެ މައި އޮފީސްތައްވެސް ހުރީ ރިމާލްގައެވެ. ނަމަވެސް އިޒްރޭލުން މިހާރު ވަނީ އެ ހުރިހާ ތަނެއް ސުންނާފަތިކޮށް، ހަފުސްކޮށްފައެވެ. މުޅި ޣައްޒާއަށް ބެލި ކަމުގައި ވީ ނަމަވެސް، އެންމެ މަގުބޫލު ޝަވަރުމާ ލިބުނު ތަނަކީވެސް ރިމާލްއެވެ.

އިޒްރޭލުން ހިންގަމުން ގެންދާ ރަޙުމެއްނެތް ގަތުލުއާންމުގެ ސަބަބުން ގާހިރާގައި ތާށިވެފައިވާ ފަލަސްޠީނު ރައްޔިތުންގެ ތެރޭގައި ވިޔަފާރިވެރިންނާއި، ކިޔަވާ ކުދިންނާއި އާންމު، އާދައިގެ ޢާއިލާތައް ހިމެނެއެވެ. އެ މީހުން ބުނާ ގޮތުގައި، މިޞްރުގައި ދިރިއުޅެމުން ދަނީ ޤާނޫނީ އިމުގެ ތެރެއިން، ވަގުތީ ރަށްވެހިކަން ހޯދައިގެންނެވެ. އެއީ ވިޔަފާރި ހިންގާ، ޢިލްމު ހާސިލު ކުރުން ފަދަ މަޤްޞަދުތައް އޮތީމައެވެ. ޙަމަލާ ހުއްޓާލުމާއެކު އަނބުރާ ޣައްޒާއަށް ދިއުމުގެ ޢަޒުމު އޮތީމައެވެ.

އުއްމު މުޢާޛްއަކީ ޣައްޒާގެ ދެކުނުގެ ރަށެއް ކަމަށްވާ ރަފަޙަށް ނިސްބަތްވާ މީހެކެވެ. ގާހިރާގައި މިވަގުތު ދިރިއުޅެމުންދަނީ ކުއްޔަށް ގެއެއް ހިފައިގެންނެވެ. ފިރިމީހާގެ ބޭސްފަރުވާއާއި ދަރިފުޅުގެ ކަންކަމަށް ޚަރަދުކޮށް، ގޭގެ ކުލި ދެއްކުމަށް އެތައް ތަކުލީފެއް އުފުލައެވެ. އެންމެ ފަހުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ކާބޯތަކެތި ވިއްކުމުގެ މަސައްކަތް ފެށީއެވެ. ވިއްކަނީ ފަލަސްޠީނުގެ ކާބޯތަކެއްޗެވެ. ފަލަސްޠީނު ރައްޔިތުންގެ އިތުރަށް، މިޞްރު މީހުންގެ ފަރާތުންވެސް ބޮޑު ތަރުހީބެއް ލިބޭ ކަން އުއްމު މުޢާޛް ފާހަގަ ކުރިއެވެ.

މިޞްރުގެ އިތުރުން ފަލަސްޠީނުގެ ލީޑަރުންވެސް ވަނީ ފަލަސްޠީނުގެ ބިމުން ބޭރުން، ފަލަސްޠީނުގެ ރައްޔިތުންނަށް ދާއިމީ ވަޒަންވެރިކަން ދިނުމާ ދެކޮޅަށް އަޑު އުފުއްލަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް