ކ. މާލެ
|
26 އޭޕްރިލް 2024 | ހުކުރު 16:42
ޢިމާދު އަބޫ ޒައިދު؛ ޣައްޒާގެ ރެފިއުޖީއެއް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
 
ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކޮށްލައިގެން ހުރެ، ޢިމާދު ވައިކުޑަ ހޮވީ އެއްގަމަކުން ނޫން، ކަނޑުމަތިން، މަސައްކަތް ކާމިޔާބު ކުރެވޭ ގޮތް ވީ، 3 ފަހަރެއްގެ މަތީން އުޅެގެން

ނިރުބަވެރި ޔަހޫދީންގެ ލާއިންސާނީ ގަތުލުއާންމުގައި ހިތްދަތި ދުވަސްތަކެއް ގުނަމުންދާ ޣައްޒާގެ ވަޒަންވެރިންގެ ކިބައިން ފެނިގެންދާ ހިތްވަރާއި ސާބިތުކަމަކީ، އަހަރެމެން ހުރިހާ އެންމެންވެސް އެކަމަކުން ޢިބްރަތް ހާސިލު ކުރަން ޖެހޭ ކަމެކެވެ. އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އެންމެ އަސާސީ އަދި ޟަރޫރީ ޙައްޤުތަކުން މަހްރޫމުވެފައި ވާ ޙާލު، 6 މަހަށް ވުރެ ގިނަ ދުވަސް ހޭދަކޮށް، އެ ޙާލަތުގައި އަދި އުޅެން ޖެހިފައި އޮތީ ކިހާ ދުވަހެއް ވަންދެން ކަންވެސް ނޭނގެއެވެ. ނަމަވެސް، ލިބޭ މިންވަރަށް ޝުކުރުކޮށް، ދިރިއުޅުމައިގެން ކުރިއަށް ގޮސް، އުފަން ފަސްގަނޑުގެ ޙައްޤުގައި އެމީހަކަށް ވެވެން އޮތް ވަރަކުން ޤުރުބާނީތައް ވަމުން އެ ދަނީ، މުޅި ދުނިޔެއަށް މިސާލު ދައްކައިދެމުންނެވެ.

ޣައްޒާގެ ރަށްވެހިންނަށް ބޭނުންވާ އެންމެ ޟަރޫރީ އެހީގެ ސާމާނު އެތެރެ ކުރުމަށްވެސް ނިރުބަވެރި ޔަހޫދީން ހުރަސް އަޅައެވެ. އިންތިހާ ބަނޑުހައިހޫނުކަމާއި ބަލިމަޑުކަން ފެތުރި، އެތައް ބައެއްގެ ފުރާނަ ނުރައްކަލުގައި އޮތް އިރު، އެކި ޤައުމުތަކުން ޣައްޒާއަށް ފޯރުކޮށްދޭ އެހީ އެންމެ "ފަސޭހަ" ކަމާއެކީ ފޯރުކޮށްދެވެނީ މިވަގުތު ވައިގެ މަގުން، ފޮށިގަނޑުތަކުގައި ވައިކުޑަ ހަރުކޮށް، ޣައްޒާ މަތިން ދަތުރުކުރާ އަސްކަރީ ބޯޓެއްގައި އެ ސާމާނު ވައްޓާލައިގެންނެވެ. އެހީގެ ފޮށިގަނޑުތައް "ފައިބާ" ވަގުތެއްގެ އިންތިޒާތުގައި މުޅި ޣައްޒާ އޮންނައިރުވެސް ޙަމަލާތަކަށް ހުއްޓުމެއް ނާދެއެވެ. ފުރާނަ އަތްމައްޗަށްލައިގެން، އެމީހަކަށް ވީ ވަރަކުން އެހީ ޖަމާ ކުރެވޭތޯ ކޮންމެ މީހަކުވެސް މިޞްރާބު ޖަހަނީ އެހީގެ ފޮށިގަނޑުތައް ވެއްޓޭނެ ކަމަށް ލަފާ ކުރާ ދިމާއަކަށެވެ. އެހެން އުޅޭ އުޅުމުގައި ހިތާމަވެރި އެތައް ހާދިޘާއެއްވެސް ހިނގާފައި އެބަ ހުއްޓެވެ.

ޢިމާދު އަބޫ ޒައިދުއަކީ ޣައްޒާ މަތިން ވައްޓާލާ އެހީގެ ބޭނުން، އެހެން މީހުންނާ ތަފާތު ގޮތަކަށް ހިފާ މީހެކެވެ. އެހީގެ ފޮށިގަނޑުތައް ޣައްޒާ މަތިން ވައްޓާލާއިރު އޭގައި އަޅުވާފައި އޮންނަ ވައިކުޑައާއި އެ ވައިކުޑައިގެ އެކި ހިސާބުތަކުގައި ބޭނުން ކޮށްފައި ހުންނަ ވާވެލާވެލީގެ ބޭނުން ޢިމާދު ހިފައެވެ. އެ ސާމާނު ބޭނުންކޮށްގެން ޢިމާދު މިހާރު ވަނީ އޭނާގެ ކުޑަކުޑަ ޢާއިލާއަށް ދިރިއުޅެވޭ ވަރުގެ ޓެންޓެއްވެސް ހަދާފައެވެ. އުފަން ފަސްގަނޑުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެން މަޖުބޫރުވެ، ވަގުތީ ހިޔާވަހިކަމެއްގެ ނަޞީބުވެސް ލިބެން ނެތް ޙާލުގައި ދުވަސްތައް ގުނަން މަޖުބޫރުވެފައި އޮތެއް ކަމަކު، ޢިމާދު ފަދަ ބަޠަލުން ހިތްވަރު އެލުވައެއް ނުލައެވެ. ވީ ވަރަކުން ބޯހިޔާ ކުރެވޭތޯ ކުރެވެން އޮތްހައި ކަމެއް ކުރެއެވެ. އުންމީދު ކަނޑައެއް ނުލައެވެ.

ވައިކުޑައިން ޓެންޓު ހެދުމުގެ ޚިޔާލު އައީ، މި ރަށުން ޓެންޓެއް ޖަހާލާނެ ފޮތިކޮޅެއް ނުލިބުނު ހިސާބުން. ހަމަ އެކައްޗެއްވެސް މިތާކު ނެތް. އަހަރެމެންގެ ގެދޮރުވެސް ސުންނާފަތިކޮށް ހަފުސްކޮށްފި. ދެން އެހެންވެ، ވައިކުޑަ ބޭނުން ކުރަން ފެށީ. މިކަން ނުވާނެއޭ ހިތަށް އެރި ފަހަރުވެސް އައި. އެކަމަކު، ﷲ އަށް ޙަމްދުހުރި... މާ ފަސޭހަ ނޫނަސް، މިކަން މިއޮތީ ވެފަ. އެހީގެ ގޮތުގަ ވައިގެ މަގުން އުކާ ސާމާނުގެ ފައިދާއެއް ނޯވޭ. އެ ގޮސް މި ވެއްޓެނީ ކަނޑަށް، ކަނޑަށް ވެއްޓި ތަޣައްޔަރުވެ ހަލާކުވަނީ. އެތައް ބަޔަކު އެބަ އެޔާ ތަޅާފޮޅާ. ބޭކާރު ކަމެއް. ވާ ހަމަ އެކަނި ފައިދާއަކަށް އޮތީ މި ވައިކުޑަ. އެއީ ހުރިހާވެސް އެއްޗަކީ. އެ ނޫން އެއްވެސް ފައިދާއެއް ނެތް.
ޢިމާދު އަބޫ ޒައިދު؛ ޣައްޒާގެ ރެފިއުޖީއެއް

އަލަށް އުފަންވި ދަރިފުޅާއި އަނބިމީހާ ގޮވައިގެން ދިރިއުޅޭނެ ޓެންޓެއް ޖެހުމަށް ބޭނުންވާ ސާމާނު ހޯދުމަށް އޭނާ މަސައްކަތް ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ގެދޮރު ގެއްލިފައި ވާ މީހުންގެ ޢަދަދު އިންތިހާއަށް އުފުލިފައި އޮތުމުގެ ސަބަބުން، ޓެންޓު ޖެހޭ ޒާތުގެ ސާމާނަށް އޮންނަ ޑިމާންޑްވެސް ފިސާރި ބޮޑެވެ. އެހެން ކަމުން، އެހެން މީހުންނާ ތަފާތުކޮށް، ޢިމާދު މިޞްރާބު ޖެހީ ވައިކުޑައިގެ ބައިތައް ބޭނުންކޮށްގެން ޓެންޓު ޖެހުމާ ދިމާއަށެވެ. އެއީވެސް މާ ފަސޭހަ ކަމެއް ނޫނެވެ. ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކޮށްލައިގެން ހުރެ، ޢިމާދު ވައިކުޑަ ހޮވީ އެއްގަމަކުން ނޫނެވެ. މަސައްކަތް ކާމިޔާބު ކުރެވޭ ގޮތް ވީ، 3 ފަހަރެއްގެ މަތީން އުޅެގެންނެވެ.

މި ޓެންޓު ހަދަންވެސް އަހަންނަށް ނެގި 4 ދުވަސް. ފުރާނަ ނުރައްލަކަލަށް ލައިގެން ކަނޑުމައްޗަށް ނުކުތީ. އެއް ފަހަރު ހިނގައްޖައިން، ދެވަނަ ފަހަރު ހިނގައްޖައިން، 3 ވަނަ ފަހަރުވެސް ހިނގައްޖައިން. އެ ފަހަރު ކާމިޔާބުވީ. އެއްގޮތަކަށްވެސް ކުރަން ފަސޭހަ ކަމެއް ނޫން މީ. ކަނޑުމައްޗަށް ދިއުމަކީ މާ ފަސޭހަ ކަމެއް ނޫން. އެތައް ބަޔަކު ގެނބިގެން މަރުވެފަވެސް އެބަހުރި. ﷲ އަށް ޙަމްދު ހުރި. އެކަލާންގެ އަހަރެމެންނަށް މިކަން ލުއިފަސޭހަ ކޮށްދެއްވާ، އަހަރެމެންނަށް މި ރިޒްޤު ތަނަވަސްކޮށްދެއްވި. މީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫން. އިތުރު ޓެންޓެއްވެސް ހަދަން ވިސްނައިގެން މި ހުންނަނީ، ވަސީލަތްތައް ލިބުނު ވަރަކުން، އިރާދަކުރެއްވިއްޔާ.
ޢިމާދު އަބޫ ޒައިދު؛ ޣައްޒާގެ ރެފިއުޖީއެއް

ގޮނޑުދޮށުގައި ޖަހާފައިވާ ދަގަނޑުތަކުގައި ނިވާވާނެހެން ވައިކުޑައިގެ ފޮތިގަނޑުން ޓެންޓު ޖަހާ، ވާ އައްސާލިއެވެ. އިތުރު ވައިކުޑައެއް ލިބޭނެ ކަމުގެ އުންމީދުގައި ދެވަނަ ޓެންޓެއްގެ އޮނިގަނޑުވެސް ތައްޔާރު ކުރިއެވެ. އެ ހިތްވަރަށް ސާބަސްދީ ކޮޅުންލާކަށް ނެތެވެ.

މި ޓެންޓު ހަދާފަ މި ހުރީ ވައިކުޑަ ބޭނުންކޮށްގެން. ފެންނަން މި ހުރީ. ތަންފުކަކުން ތަންފުކަކުން އައްސަމުން އަހަރެން މި ދަނީ. ތަންތަންކޮޅު ފަހަމުން، ވާ ޖަހައި އައްސަމުން. މިތާ ބޭނުންކޮށް މި ހުންނަނީވެސް ވައިކުޑަ ހުންނަ ވާވެލާވެލި. އަހަރެން އަދިވެސް އިންތިޒާރު ކުރަނީ މި އިތުރު ވައިކުޑަތައް ލިބޭނެ ވަގުތަކަށް... އެއީ ދެވަނަ ޓެންޓެއް ހަދަން. އޮނިގަނޑު ހަދާފަ އެ ހުރީ، ދެން ވައިކުޑައިން ނިވާކޮށްލުން އޮތީ.
ޢިމާދު އަބޫ ޒައިދު؛ ޣައްޒާގެ ރެފިއުޖީއެއް

ޢިމާދު ނިސްބަތް ވަނީ ޚާން ޔޫނިސްއަށެވެ. ޢިމާދުގެ ދެމަފިރިންގެ ގެދޮރު ގެއްލި، ދީރް އަލް-ބަލާޙްއަށް ރެފިއުޖީންގެ ގޮތުގައި ބަދަލުވާން މަޖުބޫރިވިއެވެ. އޭރު އަނހެނުން އިނީ ބަލިވެއެވެ. ޢިމާދުގެ ދެމަފިރިންގެ ލޯބިލޯބި ފިރިހެން ދަރިފުޅު، އުސާމާއަށް މަރްޙަބާ ކީވެސް ހަމަ މި ޓެންޓުގެ ތެރޭގައެވެ.

ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިއުއޭ)ގެ ރެކޯޑްތަކަށް ބަލާއިރު، ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މީހުންގެ އަންދާޒާ ޢަދަދު އުޅެނީ 1.7 މިލިއަނުގައެވެ. އެއީ ޣައްޒާގެ އާބާދީގެ 75 ޕަސެންޓަށްވުރެވެސް ބޮޑު އިންސައްތައެކެވެ. ގެދޮރު ގެއްލިފައި ވާ ގިނަ މީހުންނަކީ އެއްތަނުން އަނެއް ތަނަށް އެކި ފަހަރު މަތިން ހިޖުރަކުރަން މަޖުބޫރުވެފައި ތިބި މީހުންކަންވެސް އދއިން ފާހަގަ ކުރެއެވެ.

7 މަސް ވާން ގާތްވެފައިވާ ގަތުލުއާންމުގައި މުޅި ޣައްޒާގެ އާބާދީހެން މިދިޔަ 3، 4 މަހެއް ހޭދަ ކުރީ ދެކުނުގެ ރަފަޙުގައެވެ. އެއީ އިޒްރޭލުން ސަލާމަތް ސަރަޙައްދެއް ކަމަށް ބުނެފައި އޮތަތީއެވެ. ނަމަވެސް، ހުސްވި މަހުން ފަށައިގެން އިޒްރޭލުން ދަނީ ރަފަޙުގައިވެސް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. 1.5 މިލިއަނެއްހާ މީހުން ތޮއްޖެހިގެން "ދިރިއުޅެމުން" ގެންދާ ރަފަޙަށް ޙަމަލާތައް ވަރުގަދަ ކޮށްފައި ވާ އިރު، ޢުދުވާނުގެ ޝިކާރައަކަށް ވަނީ ކޮންކޮން ބައެއްތޯވެސް ބަލައި ނުލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް