ކ. މާލެ
|
7 މެއި 2024 | އަންގާރަ 12:55
ރަފާގެ ޓެންޓް ކޭމްޕެއްގައި ހިޔާވަހިކަން ހޯދަމުން އަންނަ ފަލަސްތީނުގެ އާއިލާއެއް
ރަފާގެ ޓެންޓް ކޭމްޕެއްގައި ހިޔާވަހިކަން ހޯދަމުން އަންނަ ފަލަސްތީނުގެ އާއިލާއެއް
ރޮއިޓާސް
ފަލަސްތީން އިޒްރޭލު ހަނގުރާމަ
ޣައްޒާގެ ފޭލިގެތައް، މުސްތަޤުބަލުގެ ރައުސުލްމާލަކަށް!
އެއްގަމާއި ވައިގެ މަގުން ދޭ ބޮމާއި ބަޑީގެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ސްކޫލުތައް ވަނީ ބިމާ ހަމަކޮށް، ސުންނާފަތިކޮށްފައި
ފޭލިގެތައް ކްލާސްރޫމްތަކަށް ބަދަލުކޮށް، ދަރިވަރުން ފޮތަށް އަހުލުވެރި ކުރުމުގެ މަސައްކަތް ޓިޗަރުން ކުރަމުން ދަނީ ދަރުމައަށް، ހިލޭ ސާބަހަށް

ނިރުބަވެރި ޔަހޫދީންގެ ގަތުލުއާންމުގެ ޝިކާރައަކަށް ވެފައި އޮތް ފަލަސްޠީނުގެ ޣައްޒާގެ ރަށްވެހިންނަކީ ދިރިއުޅެން ޖެހުނު ކޮންމެ ޙާލެއްގައިވެސް ކެތްތެރިކަމާއެކ ކުރިއަށް ދިއުމަށް މަސައްކަތް ކުރާ ބައެކެވެ. ޚާން ޔޫނިސްއާއި ދީރް އަލް-ބަލާޙްއަށް ބަލައިލުމުންވެސް ފެންނަނީ ހަމަ އެ މަންޒަރެވެ. ފޭލިގެތަކެއްގެ ސިފައިގައި ފެނުނު ކަމުގައި ވީ ނަމަވެސް، މިއަދު އެއީ ވަގުތީ ކުލާސްރޫމްތަކެކެވެ. ފޭލިގެތަކަށް ދިރުން ގެނެސްދެނީ، ޢިލްމީ މައިދާނުގައި ކުރިއަރާ ދިއުމުގެ ވަރުގަދަ ޢަޒުމުގައި ތިބި ދަރިވަރުންނެވެ.

ޣައްޒާއިން ފަލަސްޠީނުގެ ނަސްލު ދޮވެލުމަށް ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަށް 7 މަސް ވާން ގާތް ވެފައި ވާ އިރު، ޣައްޒާގައި މިއަދު ސްކޫލެކޭ ކިއާނެ ވަރުގެ އެންމެ ތަނެއްވެސް ނެތޭ ދެންނެވިދާނެއެވެ. އެއްގަމާއި ވައިގެ މަގުން ދޭ ބޮމާއި ބަޑީގެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ސްކޫލުތައް ވަނީ ބިމާ ހަމަކޮށް، ސުންނާފަތި ކޮށްފައެވެ. އަނެއް ބައި ސްކޫލުތަކަކީ މިއަދު ޣައްޒާގެ އެތައް ބަޔަކަށް އޮތް ހަމަ އެކަނި ހިޔާވައްސެވެ. އެވަރުންވެސް، އެ ތަންތަނަށްވެސް ޔަހޫދީން ހަމަލާދެއެވެ. ނަތީޖާއަކަށް ވީ، ޣައްޒާގައި ތިބި ޢިލްމު އުނގެނޭ ޢުމުރުގެ ހުރިހާ ކުދިންނަށް އެ ޙައްޤު ގެއްލިގެން ދިއުމެވެ. ބައެއް ދަރިވަރުންނަށް މުޅި ދިރާސީ އަހަރުގެ ކިޔެވުން ގެއްލިފައި ވާ އިރު، އަލަށް ސްކޫލަށް ވަންނަ ޢުމުރުފުރާގެ ކުދިން ތިބީ އަދި މާ ނިކަމެތި ފައްތަރެއްގައެވެ.

އަހަރެމެންނަށްވެސް ވަޒަންވެސް ނުކުރެވޭނެ ވަރުގަދަ ހިތްދަތިކަމަކާއި މާޔޫސް ކަމެއްގެ ތެރެއިން، ޣައްޒާގެ މުސްތަޤުބަލު އުޖާލާ ކުރުމަށްޓަކައި އަތުކުރި އޮޅާލި އެއް ބަޔަކީ ޓީޗަރުންނެވެ. ފޭލިގެތައް ކްލާސްރޫމްތަކަށް ބަދަލުކޮށް، ދަރިވަރުން ފޮތަށް އަހުލުވެރި ކުރުމުގެ މަސައްކަތް ކުރަމުން އެ ދަނީ ދަރުމައަށެވެ. ހިލޭ ސާބަހަށެވެ.

ޣައްޒާގެ ސްކޫލް ޓީޗަރެއް ކަމަށް ވާ އަސީލް އަބޫ ޣަރްޤޫދު ފާހަގަ ކުރި ގޮތުގައި، ޓީޗަރުންގެ މި އިސްނެގުމަށް، ދަރިވަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ޣައްޒާގެ ދަރިވަރުންނަކީ ޙައްޤަކާ ނުލާ ކުރިމަތި ކުރަމުންދާ ލާއިންސާނީ ޖަރީމާތަކެއްގެ ސަބަބުން، އިލްމީ މަންހަޖުން 1 އަހަރު ގެއްލިފައިވާ، މުސްތަޤުބަލުގެ ޒުވާނުންނެވެ.

ތެދެއް، ފަލަސްޠީނުގެ ރައްޔިތުން މި އުޅެނީ ވަރަށް ދަތި ޙާލެއްގަ، މި ގަތުލުއާންމުގެ ތެރޭގަ. ޢިލްމު ފޯރުކޮށްދިނުމުގެ ބޭނުމުގަ އަހަރެމެން މި ޓެންޓުތައް ޖެހީ. ތެދެއް، އާންމުން ދިރިއުޅޭ ޓެންޓުތަކުގެ ތެރޭގަ މި ޓެންޓުތައްވެސް މި ހުރީ. ﷲ އަށް ޙަމްދު ހުރި، ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކުލާސްތައް ކުރިއަށް ގެންދަން. ދަރުވަރުންވެސް ވަރަށް އެކްސައިޓް ވެގެން އުޅެނީ. ތެދެއް، ފަލަސްޠީނުގެ ޢިލްމީ މަންޙަޖާއި، މި ދަރިވަރުންނަށް ހާސިލުވެފަ އޮތް މިންވަރާ ދެމެދު ބޮޑު ފަރަޤެއް އުޅޭ ކަން އަހަރެމެންނަށްވެސް އެނގޭ. އެހެންނު ވާނީ، ޢިލްމު ހާސިލު ކުރެވޭނެ ގޮތެއް ނެތި، ގަތުލުއާންމެއްގެ ވޭން އުފުލާތާ 7 މަސް ވީ ވިއްޔާ.
އަސީލް އަބޫ ޣަރްޤޫދު؛ ސްކޫލު ޓީޗަރެއް

ނަމަވެސް، ސްކޫލް ޕްރިންސިޕަލް، ލައިލާ ވާފީ ވިދާޅުވީ، ހަނގުރާމައަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، އެ ރައްޔިތުންނަށް ޢިލްމީ ފުރުޞަތުތަކާ ދެމެދަށް ވަދެވޭނެ ހުރަހެއް ނޫން ކަމަށެވެ.

ވަކިން ހާއްސަކޮށް ޕްރައިމަރީ މަރުޙާ، ގުރޭޑް 1، 2 އަދި ތިނެއްގަ ކިޔަވާ ދަރިވަރުން އެއްވެސް ގޮތަކަށް ސްކޫލަކަށް ނުދޭ. އެއްވެސް ކަހަލަ ތަޢުލީމެއް އެކުދިންނަކަށް ފޯރުކޮށެއް ނުދެވޭ. އެލްކޭޖީ، ޔޫކޭޖީ ޢުމުރުގެ ކުދިންނަށްވެސް ހަމަ އެހެން. އެހެންވެ، މި ކުދިންނަށް ޢިލްމީ ބިންގަލެއް އަޅައި ދިނުން ވަރަށް މުހިންމުތާދޯ. ޢަރަބި ބަހުން ކަމަށް ވިޔަސް، އަކުރު އެޅުމުގެ އެންމެ އަސާސް ކަމަށް ވިޔަސް، އިނގިރޭސި ފައުންޑޭޝަން ވިޔަސް ހެޔޮތާ! އަހަރެމެންނަށް އެބަ މި ކުދިންނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭ. އެ ފަރަޤު ނައްތާލަން.
އަސީލް އަބޫ ޣަރްޤޫދު؛ ސްކޫލު ޓީޗަރެއް

ޣައްޒާގައި ކޮޅަށް ހުރި މަދު ސްކޫލުތަކުގެ ފާރުތައް ފޫ އަޅުވާލާފައި ވަނީ ވަޒަންތަކުންނެވެ. ސުންނާފަތިކޮށް، އެފުށް މިފުށަށް ޖަހާފައިވާ ކުލާސްތަކެކެވެ. ވިއްސިވިހާލި ކޮށްފައިވާ ފޮތްތަކާއި ކަރުދާސްތަކެވެ. މިއިން ކޮންމެ ކަމެއްވެސް ހަނދާން ކޮށްދެނީ، ޣައްޒާގެ މުސްތަޤުބަލަށްޓަކައި ބަޔަކު ދެކެމުން ދިޔަ ފޮނި ހުވަފެންތަކެވެ.

މި ތަން ހުޅުވީ އަހަރެމެންގެ ދަރިންނާއި އެކުވެރިންގެ ދަރިންވެސް އުނގެނުމަށް ނުކުޅެދިފަ– ކުޑަޔަސް، ބޮޑަސް، ކުރިން ސްކޫލުގަ ވަރަށް ކާމިޔާބު ހޯދަމުން އައި ދަރިވަރުންތަކަކަށް އެ ފުރުޞަތު ގެއްލިފަ އޮތީމަ. މި ސްކޫލް ހުޅުވީ ވޮލަންޓިއަރ އުސޫލުން، މިޞްރުގައި ތިބި އަޚުންގެވެސް އަމިއްލަ އެހީ ލިބިގެން. އަހަރެމެންގެ އިންތިޒާރުގަ މިހާރުވެސް އެތައް ކުދިންނެއް އެބަ ތިބި. މިތަން އުފެއްދީ ކީއްވެތޯ ތި ކުރާ ސުވާލު ޖަވާބުގަ ދަންނަވަން ޖެހޭނީ، ޢިލްމީ ގޮތުން ކުރިއަރާފައި އޮތް ބަޔަކަށް، ގަތުލުއާޏްމނެއްގެ ސަބަބުން އެ ފުރުޞަތުތައް ގެއްލި ދިއުމަކީ ލަދުވެތި ކަމަކަށް ވީމަ.
އަސްމާ އަލް-އަސްތަލް؛ ސްކޫލު ޓީޗަރެއް

ޣައްޒާގެ ކިޔަވާ ކުދިންގެ ކިބައިންވެސް ފެނިގެންދަނީ ހިތްވަރާއި ސާބިތު ކަމެވެ. ޢުމުރުން އެންމެ 10 އަހަރުގެ ރިޔާޟް އަލް-ޤުދްރާއަކީ އެފަދަ އެއް ދަރިވަރެވެ. ޢިލްމު ހާސިލު ކުރުމައިގެން ކުރިއަށް ދިއުމަށް އެ ޅަ ސިކުނޑީގައި އޮތީ ވަރުގަދަ ޢަޒުމެކެވެ. ކުލާސް ނަގަނީ ޢިމާރާތެއްގައި ކަމަށް ވިޔަށް، ނޫނީ ފޭލިގެއެއްގައި ކަމަށް ވިޔަސް ފަރުވާލެއް ނެތެވެ.

ނިރުބަވެރި ޔަހޫދީން ގަތުލުއާންމު ހިންގަން ފެށި އިރު، 2.3 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި ހިއްސާ ކުރަނީ ކުޑަކުދިންނެވެ. ޣައްޒާއަކީ ޢިލްމު ހާސިލު ކުރުމުގެ މުއްސަނދި ޘަޤާފަތެއް އޮތް ރަށެކެވެ. އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދީފައި އޮންނަ ކަންކަމުގެ ތެރޭގައިވެސް ތަޢުލީމު ހިމެނެއެވެ. ޣައްޒާގެ އާބާދީގައި ތިބި، ޢުމުރުން 6 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންގެ 95 ޕަސެންޓް ކުދިން ދިޔައީ ސްކޫލުތަކަށް ހާޒިރު ވަމުންނެވެ. ގިނަ ކުދިން، ހައި ސްކޫލުންވެސް ދަސްވެނިވެއެވެ. ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުންގެ އާބާދީގެ 57 ޕަސެންޓް ހިއްސާ ކުރަނީވެސް އަންހެން ދަރިވަރުންކަން ވަކިން ފާހަގަ ކުރަން ޖެހެއެވެ.

އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމުގައި ޣައްޒާއިން މަރުވި މީހުންގެ ޢަދަދު 34000 އަށް ވުރެ މައްޗަށް އަރާ އިރު، ޣައްޒާގެ ކުޑަ ކުދިންގެ އާބާދީގެ 2 ޕަސެންޓް ކުދިން އޭގެ ތެރޭގައި ހިމެނެއެވެ. އެއީ ގާތްގަނޑަކަށް 26000 ކުދިންނެވެ. އެތައް ކުދިންނެއް ޢުމުރުގެ ބާކީ ދުވަސްތައް ގުނާނީ ނުކުޅެދޭ ޙާލުގައެވެ. ނަފްސާނީ އަނިޔާގެ ވާހަކައިގެ ކޮޅެއްވެސް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް