އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ އޭނާ ޣައްޒާ ބައްލަވައިގަނެ، އެތަން މިލްކު ކުރެއްވުމުގެ އަޒުމު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އެ ބިމުގެ ބައެއް ސަރަޙައްދުތައް އަލުން އާރާސްތު ކުރުމުގެ ފުރުޞަތު މެދުއިރުމަތީގެ އެހެން ޤައުމުތަކަށް ދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ޣައްޒާ ގަނެ، އެތަން މިލްކު ކުރުމަށް ވާނީ ނިންމާފައި. އަޅުގަނޑުމެން އެތަން އަލުން އާރާސްތުކުރުމާ ބެހޭގޮތުން ދަންނަވާ ނަމަ، އަޅުގަނޑުމެންގެ ބެލުމުގެ ދަށުން، މެދުއިރުމަތީގެ އެހެން ޤައުމުތަކަށް އެތަނުގެ ބައެއް ސަރަޙައްދުތައް އާރާސްތުކުރުމުގެ ފުރުޞަތު ދެވިދާނެ. އެހެން ބަޔަކު ވެސް އެކަން ކޮށްފާނެ. އެހެން ނަމަވެސް އަޅުގަނޑުމެން އެތަން މިލްކުކޮށް އެތަން ހިފައި، ހަމާސް އަނބުރާ އެތަނަށް ނުވަދެވޭނެކަން ޔަގީން ކުރުމަށް ނިންމައިފިން."
ޓްރަމްޕް މި ވާހަކަފުޅުތައް ދެއްކެވީ ނެޝަނަލް ފުޓްބޯލް ލީގުގެ ސުޕަރ ބޯލް ޗެމްޕިއަންޝިޕް ބައްލަވާލެއްވުމަށް ނިއު އޯލިއަންސްއަށް ވަޑައިގަންނަވަމުން އެއަރ ފޯސް ވަން މަތީގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
"އަނބުރާ ދާކަށް އެތާ އެއްވެސް އެއްޗެއް ނެތް. އެތަނަކީ ވީރާނާވެފައިވާ ތަނެއް. ބާކީ ހުރި ބައިތައް ވެސް ވީރާނާ ވެގެން ދާނީ. ހުރިހާ އެއްޗެއް ވީރާނާވެފައި ވަނީ،" އޭނާ ވިދާޅުވިއެވެ.
އަދި ޓްރަމްޕް ވިދާޅުވީ ފަލަސްޠީނުގެ ބައެއް ރެފިއުޖީންނަށް އެމެރިކާ އަށް ހިޖުރަ ކުރުމުގެ ފުރުޞަތު ދިނުމަށް ހުޅުވާލެވިދާނެ ކަމަށާއި، އެހެން ނަމަވެސް އެކަމަށް ގޮތް ނިންމާނީ ކޮންމެ ކޭސް އެއް ވަކިން ވަޒަން ކުރުމަށް ފަހުގައި ކަމަށެވެ.
ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމުގައިވާ ޢިއްޒަތް އަލްރަޝްޤް، ޣައްޒާ ގަނެ އެތަނުގެ މިލްކުވެރިކަން ހޯދުމާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި އެންމެ ފަހުގެ މި ވާހަކަފުޅުތައް ކުށްވެރި ކުރައްވާފައިވާ ކަމަށް އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"ޣައްޒާ އަކީ ވިއްކައި ގަނެވޭނެ މުދަލެއް ނޫން. އެއީ ހިފާފައިވާ ފަލަސްޠީނު ބިމުގެ އަހަރެމެންގެ މުހިންމު ބައެއް،" އަދި ފަލަސްޠީނުގެ ރައްޔިތުން އެ ތަނުން ނެރުމުގެ ރޭވުންތައް ނާކާމިޔާބު ކުރާނެ ކަމަށް ރަޝްޤް އިތުރަށް ވިދާޅުވިއެވެ.
ޓްރަމްޕް ގެ ޕްލޭން އަކީ ޣައްޒާގައި ދިރިއުޅޭ ރައްޔިތުން އެތަނުން ނެރުމަށްފަހު މިސްރު އަށާއި އުރުދުން އަށް ފޮނުވާލުމަށް ފަހު ޣައްޒާ "މެދުއިރުމަތީގެ ރިވިއެރާ" ގެ ގޮތުގައި ތަރައްގީ ކުރެއްވުން ކަމަށް ވަނީ ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އަހަރަކަށް ވުރެ ގިނަ ދުވަހު އިސްރާއީލުން ދިން ވަރުގަދަ ބޮމުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާ އަލުން އަރާސްތު ކުރުމާއި އެތަނުގެ ރައްޔިތުންގެ ކުރިމަގާ މެދު ޓްރަމްޕް މި ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން އޮޅުން އަރާ ގޮތް ވަނީ ވެފައެވެ.
އެއާ އެކު ޣައްޒާ ހިފާ ނުވަތަ ގަނެގެން ވިޔަސް އެތަނުގެ މިލްކު ވެރިކަން ޓްރަމްޕް ހޯޢްދެވުމަށް އިޚްތިޔާރު ލިބިވަޑައިގަންނަވަނީ ކޮން އަސާސެއްގެ މަތިން ކަމެއް ސާފެއް ނުވެއެވެ. ގިނަ ގައުމުތަކުން ޓްރަމްޕްގެ މި ޕްލޭނަށް ފާޅުގައި ވަނީ ދެކޮޅު ހަދާފައެވެ.