އިޒްރޭލުން ކޮންޓްރޯލް ކުރާ ޣައްޒާ ގެ ރަފަހް ސަރަހައްދުގައި ބަންދުވެފައި ތިބި ހަމާސް ގެ ހަނގުރާމަވެރިން އިޒްރޭލަށް އަމާން ނުދޭނެ ކަމަށް އާދީއްތަ ދުވަހު އެ ޖަމާއަތުން ބުނެފި އެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމަށް މަހެއްހާ ދުވަސްވެފައި ވާއިރު، މި އެއްބަސްވުމަށް ނުރައްކާ ވެދާނެ ފަދަ ގޮތަކަށް ކުރިމަތިވެފައިވާ މި ހާލަތަށް ހައްލެއް ހޯދުމަށް ސުލްހައިގެ އެއްބަސްވުމުގެ މެދުވެރިންގެ ކިބައިން ހަމާސް އިން ވަނީ އެދިފަ އެވެ.
މެދުވެރިންގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ބުރާސްފަތި ދުވަހު ބުނެފައިވަނީ، މި މައްސަލަ އަށް ހައްލު ހޯދުމުގައި ހަނގުރާމަވެރިން ހުށަހަޅާފައި ވަނީ، ހަނގުރާމަވެރިންނަށް މިނިވަން ކަމާއެކު އެ ސަރަހައްދުން އެހެން ސަރަހައްދުތަކަށް ރައްކާތެރި ކަމާ އެކު ދިއުމުގެ ފުރުސަތު ދީފި ނަމަ އެމީހުންގެ ހަތިޔާރު ހަވާލުކުރެވިދާނެ ކަމަށެވެ.
ހަނގުރާމަވެރިން މިސްރުގެ މެދުވެރިންނަށް ހުށަހަޅާފައި ވަނީ، ރައްކާތެރި ކަމާ އެކު އެމީހުންނަށް އެތަނުން ނުކުމެގެން ދިއުމުގެ ފުރުސަތު ދީފި ނަމަ، ރަފަހުގައި ތިބި ހަނގުރާމަވެރިން އެމީހުންގެ ހަތިޔާރު މިސްރަށް ހަވާލުކޮށް، އެތަނުގައި ހުރި ބިންގަރާސް ތަކުގެ ތަފްސީލު ދީ، އެތަން ނައްތާލެވޭނެ މަގު ތަނަވަސް ކޮށްދޭނެ ކަމަށެވެ.
އަލް-ޤައްސާމް ބްރިގޭޑްސްގެ އާދީއްތަ ދުވަހުގެ ބަޔާނުގައި، ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލު ކުރެވޭ ހަމަލާތަކުގެ ޒިންމާ އިޒްރޭލުން ނަގަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. ހަމާސް ގެ ހަނގުރާމަވެރިން މަސައްކަތް ކުރަނީ އެމީހުން ގެ އަމިއްލަ ދިފާއު ގައި ކަމަށް ވެސް ބުނެފައި ވެއެވެ.
އަލް-ޤައްސާމް ބްރިގޭޑްސްގެ ރަދީފު ގައި އަމިއްލަ ނަފްސު ހަވާލު ކުރުމުގެ ކޮންސެޕްޓް ނެތް ކަން ދުޝްމަނުން ދަންނަން ޖެހޭނެ ކަމަށް އެ ގްރޫޕުން ބުނެފައިވެއެވެ.
އަލް-ޤައްސާމް ބްރިގޭޑްސް އިން ރަފަހުގައި ތިބި ހަނގުރާމަވެރިންގެ މައްސަލައިގައި ކުރިއަށްދާ މަޝްވަރާތަކާ ބެހޭ ގޮތުން ސީދާ ކޮމެންޓެއް ނުކުރެއެވެ. ނަމަވެސް މި ކުރިމަތިލުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަސަރުކޮށްފާނެ ކަމަށް އިޝާރާތް ކޮށްފައިވެ އެވެ.
އޮކްޓޫބަރު 10 ގައި އެމެރިކާގެ މެދުވެރިވެގެން ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރަން ފެށި ފަހުން، ރަފަހް ސަރަހައްދުގައި އިޒްރޭލު ސިފައިންނަށް މަދުވެގެން ދެ ހަމަލާ އެއް ވަނީ ދީފަ އެވެ. އިޒްރޭލުން ބުނެފައިވަނީ އެއީ ހަމާސް ގެ ހަމަލާތައް ކަމަށެވެ. ހަމާސް އިން އެކަން ދޮގުކޮށްފައިވެއެވެ.
އެއްބަސްވުން ތަންފީޒު ކުރަން ފެށި ފަހުން އެންމެ ނުރައްކާތެރި ހަމާލާތައް ބަދަލު ކުރުން ހިނގާފައި ވަނީ ރަފަހުގަ އެވެ. އިޒްރޭލުގެ ތިން ސިފައިން މަރުވެ، އިޒްރޭލުން ދިން ހަމަލާތަކުގައި އެތައް ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރަން ފެށި ފަހުން، ހަމާސް އިން މަރުވެފައިވާ އިޒްރޭލުގެ 28 ރަހީނުންގެ ތެރެއިން 23 ހަށިގަނޑު ހަވާލުކޮށްފައިވެއެވެ. ހަމާސް އިން ބުނެފައި ވަނީ، ޣައްޒާ ފުނޑުފުނޑުވެފައި ވުމުގެ ސަބަބުން ހަށިގަނޑުތައް ހޯދުން އުނދަގޫވެފައިވާ ކަމަށެވެ. އިޒްރޭލުން ހަމާސްއަށް ތުހުމަތު ކުރަނީ ލަސް ކުރަމުންދާ ކަމަށެވެ.
އިޒްރޭލުން ޣައްޒާ އަށް 300 ފަލަސްތީނު މީހުންގެ ހަށިގަނޑު ހަވާލު ކޮށްފައިވާ ކަމަށް އެ ސަރަހައްދުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ލޯކަލް ހެލްތު އޮތޯރިޓީތަކުން އާދީއްތަ ދުވަހު ބުނެފައި ވަނީ، އެ ސަރަހައްދުގެ ދެކުނުގައި، ޚާން ޔޫނިސް ގެ އިރުމަތީގައި ހުންނަ ބަނީ ސުހައިލާ ގައި އިޒްރޭލުން ދިން ވައިގެ ހަމަލާ އެއް ގައި އެކަކު މަރުވެފައިވާ ކަމަށެވެ. މި ހަމަލާ އާ ބެހޭ ގޮތުން އިޒްރޭލުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިޒްރޭލުން ޣައްޒާ ގައި ހިންގި ނަސްލު ނައްތާލުމުގެ ހަނގުރާމައި ގައި ގާތްގަނޑަކަށް 69،000 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހީ އޮފިޝަލުން ބުނެއެވެ.